ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ހުރިހާ ދުވަހެއްގައި ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެއެވެ.

މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއިއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

Ad
rt

މި ބައްދަލުވުމަށްފަހު މެންބަރު ޔާސިރު ވިދާޅުވީ، އެމްޑީ މިހާދުއާއި ބައްދަލުކޮށް ކުޅުދުއްފުށި ސިޓީއާއި، އަވައްޓެރި ގިނަ ރަށްރަށުގެ ރައްޔިތުން ދަތުރު ކުރުމަށް ބޭނުން ކުރާ ކުޅުދުއްފުށި އެއާޕޯޓާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިއަދު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

މިގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިހާރު ދަތުރު ކުރާ ހަމައެކަނި ސެކްޓަރ މާލެ - ކުޅުދުއްފުށި ޓިކެޓް ލިބުމުގެ ދަތިކަން ހުރުމުން ހަފްތާގެ ހުރިހާ ދުވަހެއްގައި ފްލައިޓް އޮޕަރޭޓް ކޮށްދެއްވުމަށް އެދިލައްވާފައިވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

"ޑިމާންޑަށް ބައްލަވައި އަދި ވަކިން ހާއްސަކޮށް ކުރިޔަތް އޮތް ބަންދު ތެރޭ އިތުރު ފްލައިޓް އޮޕަރޭޓް ކޮށްދެއްވުމަށް އެދެވުނު." ޔާސިރު ވިދާޅުވިއެވެ.

މީގެއިތުރުން ރިސޯޓްތަކުގައި މަސައްކަތް ކުރާ އުތުރުގެ މުވައްޒަފުން ރަށަށް ދަތުރު ކުރުމުގައި ހުރި ދަތިކަން ހައްލު ކުރުމަށް ހަފްތާގެ 1 ދުވަހު މާލެ – ކުޅުދުއްފުށި ސެކްޓަރއަށް ދަރަވަންދޫ އިތުރު ކޮށްދެއްވުމަށް ވެސް އެދިލެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

"އެމް.ޑީ މިހާދު މި ބައްދަލުވުން ނިންމަވާ ލެއްވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކުންފުންޏެއްގެ ގޮތުގައި ގެނެވެން ހުރި ބަދަލުތައް ބައްލަވައި، އެ ބަދަލުތައް ގެނެސް ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވަމުން." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، އުއްމީދަކީ ކުޅުދުއްފުށި ސިޓީގެ އެއާޕޯޓަކީ ކުޅުދުއްފުއްޓާއި، ސަރަހައްދުގެ އެންމެހާ ރައްޔިތުންނަށް ބޭނުން ކުރަން ފަސޭހަ އެއާރޕޯޓަކަށް ވެގެން ދިއުން ކަމަށެވެ.

މިހާރުވެސް ހަފުތާއަކު 5 ދުވަހު މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ދަތުރުތައް ބާއްވައެވެ. ނަމަވެސް އެ ސެކްޓަރގެ ދަތުރުތައް ފުލްވުމުގެ ސަބަބުން ޖާގަ ހޯދުމަށް ދަތިތައް ހުންނަ ކަމަށް ދަތުރުވެރިން ބުނެއެވެ. މިގޮތުން ކުޅުދުއްފުށީ-މާލެ ސެކްޓަރގެ ދަތުރުތައް ހަފުތާއެއްގެ ކުރިން ފުލްވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.