މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކާ ގުޅިގެން ބާއްވާ ސުލްހަވެރި އިހުތިޖާޖުތަކަށް، ފުލުހުން އެއްބާރުލުން ދޭނެކަމަށާއި އެހެންނަމަވެސް، މިފަދަ ކަންކަމުގެ ނަމުގައި މިހާރު ހެދިފައިވާ ޤާނޫނުތަކަށް ޚިލާފުވުން ބަލައިނުގަނެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން، ހުސް ފުޅިތަކެއް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް، ފުލުހުންގެ ޓްވީޓުގައި ހިމަނާފައިވެއެވެ.

Ad
rt

ހަމައެހެންމެ، ފުލުހުންގެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި، އެހެން ޤާނޫނުތަކަށާއި ގަވާއިދުތަކަށްވެސް ބޯލަނބަން ޖެހޭނެކަމުގައެވެ. އަދި ފުލުހުންގެ ޓްވީޓުގައި، ކުނި މެނޭޖުކުރުމާ ބެހޭ ޤާނޫނުގެ ބައެއް ނުކުތާ ހިމަނާފައެވެ.

ފުލުހުންގެ ޓްވީޓުގައި ހިމަނާފައިވާ ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ހ ގައިވަނީ ރާއްޖޭގެ ރަށްރަށުގައި ކުނި އަޅަންވާނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ ތަންތަނަށްކަމަށެވެ. މި މާއްދާގެ ނ ގައިވަނީ ހ ގެ ދަށުން ކުނި އަޅަން ހުއްދަ ދީފައިވާ ތަން ނޫން އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާކަމެއްކަމުގައެވެ.

މީގެއިތުރުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވަނީ ސާފުތާހިރުކަމާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، އެއްވުން އިންތިޒާމު ކުރާ ފަރާތުން އަޅަން ޖެހޭނެކަމުގައެވެ.

ފުލުހުންގެ ޓްވީޓާ ގުޅޭގޮތުން، އެއްވުމުގައި އުޅުނު ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ފުޅިތަކަކީ ރީސައިކަލް ކުރުމަށް އެމްޑަބްލިޔުއެސްސީ އަށް ދީފައިވާ ފުޅިތަކެއްކަމަށާއި، އެކުންފުނިން މި ފުޅިތަކާ ހަވާލުވިކަމަށެވެ. އަދި، އެފަރާތްތަކުން ވަނީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ ނެގެހެއްޓުމަށް ފުލުހުންނަށް ގޮވާލާފައެވެ. އެއީ، ޤުދުރަތީ ތިމާވެއްޓާއި، ރީތިކަމާއި ދިރުންތައް ހިމާޔަތްކުރުމަށް ބުނާ މާއްދާއެވެ.