މިދިޔަ އަހަރު ސްޓެލްކޯ އަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިމަހުގެ 21 ބަނަދުވަހުގެރޭ ބޭއްވި ސްޓެލްކޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިއުލާންކުރި ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ކުރިއެރުމެކެވެ.
ފާއިތުވި އަހަރު ކުންފުނިން ކޮށްފައިވާ ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. ސްޓެލްކޯ އިން ބުނީ މިދިޔަ އަހަރު އެ ކުންފުނިން 1.69 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، 2017 ވަނަ އަހަރު 1.64 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން މިދިޔަ އަހަރު ބޮޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 79 މިލިއަން ޑޮލަރުގެ ފިފްތު ޕަވާ ޕްރޮޖެކްޓުގެ އިތުރުން، 44 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމުގެ ޕްރޮޖެކްޓެވެ. ފިފްތު ޕަވާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން 50 މެގަވޮޓްގެ ކެޕޭސިޓީ ހުޅުމާލޭގައި ގާއިމްކޮށްފައިވެ އެވެ.
ސްޓެލްކޯ އިން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވާކަން އެރަސަމިއްޔާތުގައި އިއުލާންކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!