ހޮންގް ކޮންގް އެއާލައިންސް އިން މާލެއަށް ކުރާ ދަތުރުތައް، ހަފްތާ އަކު ހަތަރު ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ.
ހޮންގް ކޮންގް އެއާލައިންސް އިން ވަނީ އަންނަ ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން ހޮންގް ކޮންގް އާއި މާލެއާ ދެމެދު ހަފްތާ އަކު ހަތަރު ފްލައިޓް ބާއްވަން ނިންމައި އެ ކަމަށް ބޭނުންވާ ހުއްދަ އަށް އެދިފަ އެވެ. އިތުރުކުރާ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.
ދެ ހާސް ހަ ވަނަ އަހަރު ހިދުމަތް ދޭން ފެށި ހޮންގް ކޮންގް އެއާލައިންސް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 40 މަންޒިލަކަށް ދަތުރުކުރެ އެވެ. އެ އެއާލައިން އިން، އެއާބަސް މަރުކާގެ 31 ބޯޓު ބޭނުންކުރަމުން އަންނައިރު، އޭގެ ތެރޭގައި އެންމެ ފަހުގެ އެއާބަސް އޭ 350 ބޯޓު ވެސް ހިމެނެ އެވެ.
ހޮންގް ކޮންގް އެއާލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ 330 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި 260 އިކޮނޮމީ ކްލާސް ސީޓު އަދި 32 ބިޒްނަސް ކްލާސް ސީޓު ހުރެ އެވެ.
ހޮންގް ކޮންގް އެއާލައިންސް އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރަން ފެށީ ޖެނުއަރީ 2018 ގަ އެވެ. އެ އެއާލައިން އިން ރާއްޖެ އަށް ދަތުރުތައް ފެށީ ހަފްތާ އަކު ތިން ދަތުރު ކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!