ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނިގޮތުގައި، މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެޕްރޮޖެކްޓުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ވަނީ ގެންގޮސްފައެވެ.

Ad
rt

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން 12.07 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމް ކުރުމާއި އާރުއޯފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް، 1.48 ކިލޯ މީޓަރުގެ ޕަންޕިންލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އެއް ގާއިމްކުރާނެއެވެ.

މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީން ނެވެ.

އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 86 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.