ދުނިޔެ ހޫނުވާ މިންވަރު ކުރިއަށް އޮތް 5 އަހަރު ތެރޭގައި 1.5 ޑިގްރީ ސެލްޝިއަސް އަށް އެރުމުގެ ބިރު އެބައޮތް ކަމަށް ވޯލްޑް މީޓްރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގެ ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ އަހަރަކީ މިހާތަނަށް ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ތިން އަހަރުގެ ތެރެއިން އެއް އަހަރެވެ. އެގޮތުން މިދިޔަ އަހަރު ދުނިޔޭގެ ހޫނުމިން ހުރީ 1.2 ޑިގްރީސެލްޝިއަސްގައެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ އަދަދު 1.5 އަށް އެރުމުގެ 40 އިންސައްތަ ޖާގަ އެބައޮތްކަމަށް ޑަބްލިއުއެމްއޯގެ ދިރާސާއިންދައްކައެވެ.

Ad
rt

އދ. ގެ ކްލައިމެޓް ޗޭންޖާ ބެހޭ ޕެނަލް (އައިޕީސީސީ) އިން ބުނެފައިވާގޮތުގައި ހޫނުމިން މައްޗަށް ގޮސްފިނަމަ އިންސާނުންނަށް އޮތް ނުރައްކާ ވަރަށް ބޮޑެވެ. އެގޮތުން އަލިފާން ރޯވުމާއި ފްލަޑާއި ކާބޯތަކެތި މަދުވުން ފަދަ ކަންކަން އިތުރު ވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ހޫނުގަދަވުމުން ގަނޑުފެންގަޑުތައް ވިރި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ސިއްހީ އެތައް ކަމެއް ކުރިމަތިވާނެ ކަމަށް ވަނީ ބުނެފައެވެ.

ޑަބްލިއުއެމްއޯ އިން ބުނީ 1.5 ޑިގްރީއަށް ހޫނުމިން ނޭރިނަމަވެސް 2025 ގެ ކުރިން މިހާތަނަށް އެންމެ ހޫނު ގަދަ އަހަރު އަންނާ ކަމަށެވެ. އެކަމުގެ 90 އިންސައްތަ ޗާންސް އެބައޮތް ކަމަށް އެ އިދާރާއިން ބުނެއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ޖަންގަލީތަކުގައި އަލިފާން ރޯވެ އެތައް ޖަނަވާރަކާއި އިންސާނުން މިދިޔަ އަހަރާއި މިއަހަރުވެސް ވަނީ މަރުވެފައެވެ.