"ސިރޫ އާޓްސް" ޕޭޖު، ހަރުކަށި ފިކުރު ފަތުރާ ޕޭޖެއްކަމަށްބުނެ ތިން ހަތަރު ފަހަރު ބަންދުކޮށްލެވުނުކަމަށާއި އެހެންނަމަވެސް، މާތް ﷲ އަށް ފުރައްސާރަކޮށް، ރަސޫލާއަށް ޖޯކު ޖަހާ، ޤުރުއާނަށް މަލާމާތްކޮށް އަދި ރަސޫލު ބޭކަލުންނަށް ބަދު ބަސް ބުނެ، ދިވެހި ބަހުން ޝާއިއު ކުރަމުންދާ "ޖުހާ" ޕޭޖު ބަންދުކޮށްލުމުގެ ޤާބިލުކަން ނެތީތޯ، އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި އޯއައިސީގެ ވެރިޔާގެ އެޑްވައިޒަރ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވާފައެވެ.
ޑރ. ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުހާ ޕޭޖު ބަންދުކޮށްދިނުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކިބައިން އެދިވަޑައިގަންނަވާކަމުގައެވެ.
ކުރިން އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމް ވަނީ، މިކަމާ ގުޅިގެން އެހެން ބައެއް ސުވާލުތައްވެސް ކުރައްވާފައެވެ. އެގޮތުން، މިފަދަ ކަންކަން ވެގެންދާއިރު، އިސްލާމް ދީން ހިމާޔަތް ކުރުމަށް ސަރުކާރުންވީ ވައުދުތަކާމެދުވެސް ސުވާލު އުފެއްދެވިއެވެ. ހަމައެހެންމެ، ދީނާ ޚިލާފު ކަންކަން ހުއްޓުވުމަށް ހެދި ކޮމިޓީ ކޮބައިތޯ އައްސަވާވެސް ސުވާލު އުފެއްދެވިއެވެ.
މީސް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ބަލިކަށިވެގެންދާތީ ނުހަނު ހިތާމަ ކުރައްވާކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!