އަލިފާނުގެ ބޮޑު ހާދިސާއެއް މާލޭގައި ހިނގީ އިއްޔެ އިރާކޮޅު 7:24 ހާއިރުއެވެ. މިއީ ރާއްޖޭގައި މިވީހާތަނަށް ހިނގާފައިވާ އެންމެ ނުރަސްކާތެރި ހާދިސާއެވެ. މި ހާދިސާ ހިނގިވަގުތު ދިވެހި ސިފައިންގެ މަސައްކަތަށް އެތައްބަޔެއްގެ ތައުރީފު އޮހިގެން ދިޔައެވެ. ފުރާނަ އަތްމައްޗަށްލައިގެން އެތައްބަޔެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ ސާބިތުކަމާއި އެކުއެވެ. ހާލުގައި ޖެހުނު ފަރާތްތަކާއި އެހީ ފޯރުކޮށްދިނުމުގައި ސިފައިންނާއި ފުލުހުންގެ ދައުރު ވަރަށްވެސް ބޮޑެވެ.

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔައިރު އަތޮޅުތެރޭ 13 އަތޮޅަކަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ. މާލެއާއި އެކި ރަށްރަށުގައި އޮތީ ފެންބޮޑުވެފައެވެ. ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ފުލުހުންނާއި ސިފައިންނެވެ.
ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔައިރު އެފަރާތްތަކަށް އެހީވުމަށްވެސް ހަމަ އެއްކަލަ ފުލުހުންނާއި ސިފައިންނެވެ. އއ. ހިމަންދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންދިޔަ ދެމީހަކު ހާލުދެރަވެ އިތުރު ފަރުވާއަށް ކޯސްޓުގާޑުގައި މާލެ ގެނައީވެސް ދިވެހި ސިފައިންނެވެ. މިއީ ދިވެހި ފުލުހުންނާއި ސިފައިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރައްޔިތުންނަށް ދީފައިވާ ބަޔެެއް ޚިދިމަތްތަކެވެ.

Ad
rt

ދިވެހި ސިފައިންނާއި ފުލުހުން މިޤައުމަށާއި ރައްޔިތުންނަށްޓަކައި ރެޔާދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތަށާއި، އުފުލަމުންދާ ޒިންމާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހެއެވެ.

އޭގެތެރެއިން ވެސް ދިވެހި ސިފައިންގެ މަސައްކަތް ހާއްސަކޮށް ފާހަގަކޮށްލަން ޖެހެއެވެ. ދިވެހި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ނުރައްކާވި ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ސިފައިން ވަނީ ލާމަސީލު މިސާލު ދައްކާފައެވެ. ކުރު ގޮތަކަށް ބުނާނަމަ ދިވެހި ގައުމު މިގޮތަށް މިނިވަން ކަންމަތީ ދެމެހެއްޓުމުގައި ދިވެހި ސިފައިން އަދާކުރައްވަނީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތްތަކެކެވެ.

އެދުވަހު ދިވެހިންގެ މިނިވަންކަން ދިފާއުކުރިކުރުމުގަ ޤައުމީ ސިފައިން ދެއްކެވި ހިތްވަރާއި، ފަންވަރާއި، ވީ ޤުރުބާނީއަކީ ތާއަބަދުމެ ދިވެހިންގެ ޝުކުރު ޙައްޤުވާނޭކަމެކެވެ. ދިވެހި ސިފައިން ދަނީ ކޮންމެ ދުވަހަކުވެސް، އަޅުގަނޑުމެންނަށް ރައްކާތެރިކަމާއި އަދި އަމާން ކަމާއި އެކު އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

2004 ވަނަ އަހަރު މުޅި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ކާރިސާ "ސުނާމީ"އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިމުގައި ދިވެހި ސިފައި ދައްކާފައިވަނީ މިސާލެކެވެ. އެ ދުވަހުން ފެށިގެން އެ އާއިލާތަަކަށް ރައްކާތެރިކަމެއް ފޯރުކޮށްދެވެން އޮތްގޮތަކަށް ފޯރުކޮށްދިނުމަށް ސިފައިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މިފަދަ އެތައް މިސާލުތަކެއް ނެގިދާނެއެވެ. ދާދި ފަހުން މާލެ ފެނަށް ޖެހުނު ދުވަސްވަރުވެސް ސިފައިން ވަނީ ނަމޫނާ ދައްކާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއް ނެތި ޚަރަކާތްތެރިވެފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް ޤައުމު އެދި ގޮވާލާ ކޮންމެ ފަހަރަކުމެ ޤައުމީ ރޫހުން ފުރިގެންވާ ޖޯޝުގައި ޤައުމަށް ޚިދުމަތް ކުރުމުގައި ސިފައިން ދެމިތިބެއެވެ.

އަޅުގަނޑުމެންނަށް މިގައުމުގައި، މިނިވަންކަންމަތީ ބޭނުން ގޮތަކަށް މިއުޅެވެނީ ހަގީގަތުގައި ދިވެހި ސިފައިން ކޮންމެ ދުވަހަކު ކުރާ ބުރަ މަސައްކަތުންނެވެ. އެއްގަމުގައި ވިޔަސް ނުވަތަ ކަނޑުމަތީގައި ވެސް، ދިވެހިންނަށް ކިރިޔާ ވެސް ނުރަކަލެއް ކުރިމަތި ވާއިރަށް އެހީތެރި ވުމަށް ދިވެހި ސިފައިން ތިބެނީ ތައްޔާރުގައެވެ.

އަތްވަކަށް ވިއްސާރައަކަށް ނުބަލާ ރޭގަނޑުގެ ނިދުމާއި އަރާމު ނަގާލާފައި މަސައްކަތް ކުރަނީ ފޫހިކަމެއް ނެތިއެވެ. އެތައް ދުވަހެއް ވަންދެން އާއިލާ އާއި ދުރުގައި ޓްރެއިނިންގް ތަކުގައި ދުވަސްތައް ހޭދަކުރަނީ އަޅުގަނޑުމެން މިލޯބިވާ ދިވެހި ގައުމުގެ ހައްގުގައެވެ. ދިވެހި ސިފައިން ދަނީ 24 ގަޑިއިރު ވަރުބަލި ކަމެއް ނެތި ދިވެހި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގައި ފޯރި މަރަމުންނެވެ. ކިރިޔާވެސް ކުޑަކުޑަ ނުރައްކަލެއްގެ ހިލަމެއް ވިއަސް މުޅި ޓީމު އެލާޓް ވެއެވެ.

ހިނގާ އަލިފާނުގެ ހާދިސާ ތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާރައްކާތެރިކޮށްދިނުމަށް އެންމެ ފުރަތަމަ ނިކުންނަނީ ސިފައިންނެވެ. އަދި ދޯނިތައް ހާލުގައި ޖެހި ހިނގާ ހާދިސާ ތަކުގައި ވެސް އެންމެ ފުރަތަމަ އެހީތެރިވާ ބައަކަށް ތިބެނީ އަބަދުވެސް ދިވެހި ސިފައިންނެވެ. ކިތަންމެ މޫސުން ގޯސް ދުވަސްވަރަކަށް ވިއަސް، ޖެހިލުމެއް ނެތި ކަނޑު މައްޗަށް ނިކުމެ އަޅުގަނޑުމެންނަށް ރައްކާތެރިކަން ދީ އެހީތެރިކަން ފޯރުކޮށްދެނީ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ މިސާލުތައް ދައްކަމުންނެވެ.

ހަމަގައިމުވެސް ދިވެހި ސިފައިން ކުރާ މަސައްކަތާއި ދޭ ހިދުމަތަކީ ޝުކުރު އަދާނުކުރެވޭނެ ފަދަ ބޮޑު މަސައްކަތެކެވެ. އައްސަރިބަހާއި ސާބަސް ހައްގުވާފަދަ ހިދުމަތްތަކެވެ. ދިވެހި ސިފައިންނަކީ ހުރިހާ ދިވެހިންވެސް ޝުކުރު އަދާކުރަންޖެހޭ ވަރުގެ ބައެކެވެ.

ދިވެހި ސިފައިންގެ ޤާނޫނީ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލު އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ހިމާޔަތްކުރުމާއި، ދިވެހި ދައުލަތަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން ކަމުގައިވާތީ، މިގޮތުގައި ދިވެހި ސިފައިން ސާބިތުކަންމަތީ ތިބޭނެކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ.