ދިވެހިރާއްޖެ މިއަދު މިދެކޭ ނާންމާ ދުވަސްތައް އައީ ރާއްޖޭގައި އުފެދުނު ސަރުކާރުތަކުންނާއި، ރައްޔިތުންގެ މަޖިލިސްގެ ދައުރުތަކަށް އިންތިޚާބުވި މެންބަރުން އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައި އޮތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޔާސިރު ވިދާޅުވީ، އޭނާގެ ޅަފަތުގެ ދުވަސްވަރުގެ ހިނގާދިޔަ ހާދިސާއެއްކަމަށްވާ، ކުޅުދުއްފުއްޓާއި ކައިރި ރަށެއްގައި އިންސާނަކަށް ލާއިންސާނީ އަނިޔާތަކެއްދީ މަރާލިވާހަކަ ހަނދުމަފުޅުވާކަމަށެވެ. އޭރު އެވާހަކަ އަޑު އިވުމުން ބިރުން ފިއްކަނޑައިގެންދާހާވި ކަމަށާއި، އެދުވަސްވަރު އެފަދަ ކަމެއް ހިނގައިފިނަމަ މީހުން ބިރުން ހަލާކުވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
"މިއަދު އާދެވިފަ މިތިބަ ހިސާބަކީ އޭރުގަ ވަޅިއަކުން ހަމަލާދިނީމަ ވަރަށް ބޮޑު ކަންތަކަކަށް ވެގެން އުޅުނު، ހަމައެޔާއެކީ އިންސާނަކު މަރާލުމުން ހަމަ ވަރަށް ބޮޑުކަމަށް ވެގެން އެކަމާއުޅުނު، ނަމަވެސް މިއަދު ހުރިހާކަމެއް ދަމުން،ދަމުން ހަނދާން ނެތެމުންގޮސް ޖެހިގެން ހުންނަ ގޭގެ މީހާ މަރާލާ ވައްޓާލާފައި އޮތަސް އަޅުގަނޑުމެންނަށް އެއްވެސް ކަމަށްނުވޭ،" ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާލަތަށް ގައުމުގެ ކަންކަން ފުރޮޅިގެން އައީ ކީއްވެގެންތޯއެއީ ސުވާލެއް ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި އެ ސުވާލުގެ ޖަވާބު ވެސް ދެއްވިއެވެ.
"ސުވާލަކީ ކޮބައިތޯ މައްސަލައަކީ، އަޅުގަނޑަށް ފެނުނު ގޮތުގައި އަޅުގަނޑުމެންގެ ދައުލަތްތަކުން، އަޅުގަނޑުމެންގެ މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުން، މިއަދާއި ހަމައަށް އައިިއިރުގައި އަޅުގަނޑުމެން ތެރެއިން ކޮންބަޔަކަށްތޯ މިވާހަކަ ދައްކަން ކެރުނީ، އެހެން ނަމަވެސް ސުވާލަކީ ދައުލަތަށް، ސަރުކާރުގެ ވެރިންނަށް ރައްޔިތުން މަޖިލީހަށް ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން އައްޔަނު ކުރަނީ ކީއްކުރަންތޯ، އެ ރައްޔިތުންގެ ފަރާތުން އެ ރައްޔިތުންނަށްޓަކައި ބަސް ބުނުމަށްޓަކައި، އަޅުގަނޑުމެންގެ އެންމެބޮޑު ޒިންމާއަކީ މިފަދަ މައްސަލަތަކުގެ ވާހަކަ ދައްކައި އެމައްސަލަތައް ހައްލުކުރެވޭނެ ގޮތަކަށް މަސައްކަތްކުރުން" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ އެއީ ކުޑަވާހަކެއް ނޫންކަމަށާއި، ގައުމުގެ ވަކިބައެއްގެ ކަންކަން މިހާރު ވަނީ އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށެވެ.
"މިއީ ކުޑަކަމެއް ނޫން، މިއަދު މިދައްކާ ވާހަކައަކީ މިހެން އިނދެލާފަ މިއަދު ހުރި ޒަމާނީ ޓެކްނޮލޮޖީއާއި އެކީގައި ހަމަ ޖެހިގެން ހުރިމީހާއަކީ ބޮޑު މުރުތައްދެކޭ އޭނާގެ ފުރާނަ މިހާރު އަޅުގަނޑުމެންނަށް ހުއްދަ ކުރެވޭނެއޭ، ހަމައެއާއެކީގައި އަޅުގަނޑުމެން މިދައްކާ ވާހަކައަކީ، އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު މިބުނަނީ މިހިރަގޭގަ އެހެރަ މުދަލަކީ އަޅުގަނޑުމެންގެ ޣަނީމާ މުދަލޭ، ބޭނުން އިރަކު ނެގިދާނޭ، މިއީ ކޮން އިރަކު އަޅުގަނޑުމެން ގަބޫލުކުރި ގޮތެއްތޯ، މިއީ ކޮން ދިވެހިންނެއް ގަބޫލު ކުރި ގޮތެއްތޯ، މިއީ މަޑުމަޑުން އަޅުގަނޑުމެންގެ ތެރޭގައި ވަކި ބަޔަކު ވަކި ބޭނުމެއްގައި އެ ފިކުރެއް ފަތުރަމުން މިއަދު އަޅުގަނޑުމެން އަޅާނުލައި ތިބުމުގެ ނަތީޖާ" ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު ދެއަތް އުރާލައިގެން މަގާމަށްޓަކައި ނުވަަތަ އެހެން ކަމަށްޓަކައި މިވާހަކަ ނުދައްކާ ތިބުމުގެ ނަތީޖާއަކަށް ވާނީ މުޅި ދިވެހިރާއްޖެއެއްކޮށް މި އޮއިވަރުގެ ތެރެއަށް ވެއްޓިގެން ދިޔުން ކަމަށެވެ.
މިއީ މިކަމަށް މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށާއި، ވަގުތު ދަނީ ފާއިތުވަމުން ކަމަށް ޔާސިރު ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންގެ ކޮނޑުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށާއި، ދައުލަތުގެ ބޮޑު ޒިންމާއެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގައި މަޖީހަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އާދޭހާއެކު ޔާސިރު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!