ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯ ދައްކައި އެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ.

ހަމަލާދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑިވައިސް ގޮއްވާލަނީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، އެ ޑިވައިސްއާއި އަރާ ހަމަވުމުންނެވެ. އެ ގޮވުމުން އުފެދުނު ދުމުގެ ސަބަބުން ރައީސް ނަޝީދު ނުވެސް ފެނެއެވެ.

Ad
rt

އެ ޑިވައިސް ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯ ވެސް ދެއްކިއެވެ. އަދި އޭނާއާ ގުޅޭ މައުލޫމާތެއްވާނަމަ ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެމީހާއަކީ އެ ހަމަލާއާއި ގުޅިގެން ހޯދަން ބޭނުންވާ އެންމެ މުހިންމު އެކަކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ހާމަކުރަށް ވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެހަމަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި 32 އަހަރުގެ، ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ އެވެ.

އައިއީޑީ ހަރުކޮށްފައިވާ ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަކު ފޮރެންސިކުން މިހާރު ވަނީ އެ ނަންބަރު ދެނެގަނެފައި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާތަނަށް ބެެލެވޭ ގޮތުން، ހައްޔަރުކުރި މީހުންނާ ހަރުކަށި ފިކުރާ ގުޅުން އޮތްކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވެސް ވަނީ ހައްޔަރުކުރި ދެމީހުން ހަރުކަށި ފިކުރުގެ ކެޓަގަރީއަށް "ފޯލް"ވާކަމަށް ވިދާޅުވެފަ އެވެ.