ށ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 21 ގެއެއް ކަރަންޓީނުކޮށްފިއެވެ.

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ "ތިލަދުން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ.

Ad
rt

ހޯމްކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުން

ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީހަކު ދިޔައީ ހުސްވި އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. އެމީހުން ކަރަންޓީނުގައި ތިބީ އެރަށުގައި މީހުން ދިރިއުޅޭ ގެއެއްގައި ވަކީންނެވެ. އޭގެތެރެއިން ފިރިހެން މީހާގެ ކިބައިން ކޯވިޑްބަލީގެ އަލާމާތް ފެންނަންފެށީ އޭގެ ދެ ދުވަސްފަހުންނެވެ. އެހެންކަމުން އެމީހާގެ ސާމްޕަލް ނެގިއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޭޕްރިލް 29 ވަނަ ދުވަހުއެވެ.

ގޭގެ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުން، ދަރިވަރަކު ޕޮޒިޓިވްވުން

ފުނަދޫން ފެނުނު ޕޮޒިޓިވް ކޭހާއި ގުޅިގެން، އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ނިންމީ ޕޮޒިޓިވްވި މީހާ ހުރި ގޭގެ އެންމެން ކޯވިޑްއަށް ޓެސްޓް ކުރާށެވެ. ހޮސްޕިޓަލުން އެ ނިންމުން ނިންމީ އެމީހާ ހުރީ ވަކިން ކަމަށް ވިޔަސް، ރައްކާތެރިކަން ކަށަވަރުކުރާން ބޭނުންވާތީ އެވެ. ހޮސްޕިޓަލްގެ އެނިންމުމާއެކު އެގޭގެ އެންމެން ޓެސްޓް ކުރިއެވެ. އެ މީހުންގެ ނަތީޖާ ލިބުނުއިރު އެގެއިން ވަނީ އުމުރުން 14 އަހަރުގެ އަންހެންކުއްޖަކު ޕޮޒިޓިވްވެފަ އެވެ. އެކުއްޖާއަކީ ފުނަދޫ ސްކޫލްގެ ގްރޭޑް 8 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ. އެކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ ރޭގައެވެ.

ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން މިހާތަނަށް ބެލިބެލުމުން އެ ދަރިވަރާއި، އެ ގޭގަ ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހާއާއި އެއްވެސް ވަރަކަށް ބައްދަލުވެފައެއް ނުވެއެވެ. އެހެންކަމުން މިމައްސަލައިގެ ފުނަށް ފީނަށް އެ ހޮސްޕިޓަލުން މަސައްކަތް ފެށިއެވެ.

ދަރިވަރާ ސީދާ ބައްދަލުވި މީހުން އެރަށުގެ 21 ގެއެއްގައި!

އެ ދަރިވަރު ޕޮޒިޓިވްވުމުން އެދަރިވަރާއި ސީދާ ބައްދަލުވިމީހުން ދެނެގަތުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެ ދަރިވަރު ތައުލީމް ހާސިލްކުރާ ފުނަދޫ ސްކޫލްގެ ކްލާހުގެ ހުރިހާ ދަރިވަރުންގެ ސާމްޕަލް މިހާރުވަނީ ނަގާފަ އެވެ. މީގެއިތުރުން ވެސް އެދަރިވަރުން ހިމެނޭހެން ޕޮޒިޓިވްވި ދަރިވަރާއި އިތުރަށް ސީދާ ބައްދަލުވި މީހުން ހިމެނޭ އެރަށުގެ 21 ގެއެއް މިއަދުންފެށިގެން 14 ދުވަހަށް ވަނީ ކަރަންޓީނުކޮށްފައެވެ.

އެގޭތަށް ކަރަންޓީނުކުރީ މިއަދުއެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހު އެގޭތަކު މީހުންގެ ސާމްޕަލް ނަގާނެއެވެ.

ޓާސްކް ފޯހުގެ ބައްދަލުވުމެއް!

ފުނަދޫން މިފެނުނު ޕޮޒިޓިވް ކޭހާއި ގުޅިގެން މިއަދު ހެނދުނު ވަނީ އެރަށުގެ ކޯވިޑް ޓާސްކް ފޯހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ޓާސްކް ފޯހުގައި ފުނަދޫ ކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއި، ޕޮލިހުންނާއި އަދި އެ ނޫންވެސް އެރަށުުގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ.

ފުނަދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޓާސްކް ފޯހުގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެގޭތައް 14 ދުވަހަށް ކަރަންޓީނުކުރުމުގެ އިތުރަށް މިދުވަސްވަރު މީހުން އެއްވާފަދަ އެއްވުންތަކާއި، ޕާޓީތަކާއި ރޯދަ ވީއްލުން ފަދަ ކަންކަން ނުބޭއްވުމަށް އިލްތިމާސްކުރަން ޓާސްކް ފޯހުންވަނީ ނިންމާފައެވެ.

މީގެއިތުރުން ރަށުތެރޭގައި ބަލި ފެތުރިފައިވޭތޯ ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށް މިއޮތް ދުވަސްކޮޅު ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ޤަވާޢިދަށް ބޯލަނބާ ކިޔަމަންތެރި ރައްޔިތެއް

ށ. ފުނަދޫއަކީ ޤަވާޢިދުތަކަށް ބޯލަނބާ ކިޔަމަންތެރި ވަރަށް ސާދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ވެސް އެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، މިހާތަނަށް ވެސް ފުނަދޫ ރައްކާތެރި ރަށެއްގެ ގޮތުގައި އޮތުމުގެ އެންމެ ބޮޑު އެއް އަސްލަކީ އެއީކަމަށެވެ.

"އަޅުގަނޑުމެންނަކީ ކޯވިޑް ރާއްޖެއަށް ފެތުރެންފެށީއްސުރެ ޕޮަޒިޓިވް މީހުން ބަލަހައްޓާ ބައެއް، މިހާރުވެސް ކޯވިޑް ބަލީގެ ދެ މީހުން ކޯވިޑް ފެސިލިޓީގައި އެބަތިބި، އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިރަށް މިއޮތީ ރައްކާތެރި ތަނެއްގެ ގޮތުގައި، އެކަމުގެ އަސްލަކީ ފުނަދޫގެ ކިޔަމަންތެރި ރައްޔިތުން، އެރަށްޔިތުންނަކީ ޤަވާޢިދަށް ކަމޭހިތާ ނަމޫނާ ބަޔެއް" ޒުމްރަތު ވިދާޅުވިއެވެ.

ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު ހުންނަނީ، ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގަ އެވެ.

ޒޯން 1 ކޯވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. މިހާރު އެ ސެންޓަރުގައި އެޑްމިޓްކޮށްފައި ވަނީ އެ ސެންޓަރުގައި އެޑްމިޓްކުރި 17 އަދި 18 ވަނަ ބަލި މީހާއެވެ.