ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ ރާއްޖޭގަައި ބުރަކޮށް މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގެއްކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް އެހައްގު ފޯރުކޮށްދޭން ޖެހޭނެކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ.
ރޭ އެމްއެލްއެސްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރާ އިންވެސްޓްތަކުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯއާއި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭތޯ ބަލާނެކަމަށެވެ.
މީގެ އިތުރުން، މަސައްކަތްތެރިންނަކީ ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ބައެއްކަމަށް ވެސް ބަޔާންގައި ބުނެފައިވެއެވެ.
އަދި މަސައްކަތްތެރިން ހިމާޔަތްކުރާ ޓްރޭޑް ޔުނިއަންތަކާއި ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކޮށް ކުރިއެރުވުމަށް އެމްއެލްއެސްޑީޕީގެ ފަރާތުން މަސައްކަތްކުރާނެކަމަށް ވެސް ބުނެފައިވެއެވެ.
އެ ޕާޓީއަކީ ދިވެހި ރައްޔިތުންނަށް ހާއްސަކޮށް މަސައްކަތުގެ ފަންތިއަށް އިޖްތިމައީ، އިގްތިސާދީ، އަދި ސިޔާސީ ހަމަހަމަކަމާއި އަދުލުއިންސާފް ޔަގީންކޮށްދިނުމަށް ސޯޝަލް ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މެދުމިނުގެ ވާތުފިޔައިގެ ސިޔާސީ ޕާޓީއެއްކަމަށެވެ.
ޑިމޮކްރަޓިކް މިނިވަން ޕާޓީއެއްގެ ގޮތުގައި އެ ޕާޓީއިން މަސައްކަތްކުރާނީ، ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތަކާއި، މަސައްކަތްތެރިންނަށް މަންފާ ހުރިގޮތްގޮތާއި އަދި މަސައްކަތްތެރިންނަށް އެކަށޭނެ ރަނގަޅު ގޮތްތައް ހޯދައިދިނުމުގައާއި ކުރިއަރުވާދިނުމުގައިކަމަށް ބުނެފައިވެއެވެ.
އެ ޕާޓީގެ އަމާޒަކީ ރައްޔިތުންގެ ހަމަހަމަކަމާއި ހައްގުތައް ރައްކާތެރިކޮށް، ހާއްސަކޮށް މަސައްކަތްތެރިންގެ އިޖުތިމާއީ، އިގްތިސާދީ ހަމަހަމަކަމާއި ސިޔާސީގޮތުން ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގައި ރައްޔިތުންނާއެކު ދެމިތިބުން ކަމުގައި އެމްއެލްއެސްޑީޕީއިން ބުނެއެވެ.
މިއަދަކީ، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަށްވުމުން އެމްއެލްއެސްޑީޕީގެ ފަރާތުންވަނީ އެންމެހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!