މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރު ލިބުނު ބޮޑު މާލީ ކުރިއެރުމާއެކު، ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއްދޭން ހުށަހަޅަން ނިންމައިފިއެވެ.
އެމްޓީސީސީން ނެރުނު އަހަރީ ރިޕޯޓު ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އަހަރު ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.74 މިލިއަން ރުފިޔާލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާ އާއި އަޅާބަލާއިރު 253 އިންސައްތަ އިތުރުވުމެކެވެ. އަދި
މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީއަކީ އެކުންފުނީގެ 40 އަހަރުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެހެންވެ މިދިޔަ އަހަރު ލިބުނު ފައިދާ އިންހިއްސާދާރުންނަށް ދޭ އަދަދު މަތި ކުރަން ބޯޑުން ވަނީ ނިންމާފައެވެ.
ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާ އަކަށް ތިން ރުފިޔާ ބެހުމަށެވެ. ހިއްސާދާރުންނަށް ޖުމްލަ 24.11 މިލިއަން ރުފިޔާ ބަހާނެއެވެ.
އެ ކުންފުނިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ބޯޑުން ނިންމިއިރު، އެންމެ ބޮޑު ފައިދާއެއް މިހާތަނަށް ބަހާފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާއަކަށްދޭން ނިންމީ 2.60 ރުފިޔާއެވެ. ނަމަވެސް އެ އަހަރު ހިއްސާގެ ފައިދާ ނުބަހައެވެ. 2019 ވަނަ އަހަރު ދީފައިވަނީ ހިއްސާއަކަށް ދެ ރުފިޔާއެވެ.
އެމްޓީސީސީ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!