ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ބާސެލޯނާ އަދި ރިއަލް މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވުއިރު ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.
ފާއިތުވި ސީޒަންގެ ލާލީގާ ޗެމްޕިއަން ބާސެލޯނާ ރޭ ވެލެންސިއާގެ މަށްޗަށް ކުރި ހޯދީ 5-2 ގެ ނަތީޖާއަކުންނެވެ.
މެޗް ފަށައިގެން ދެވަނަ މިނިޓްގައި ބާސެލޯނާ ވަނީ ގޯލް ޖާހަ ލީޑް ނަގާފައެވެ. މި ގޯލް ބާސާއަށް ކާމިޔާބުކޮށްދިނީ ރޭ އަލަށް ލަލީގާގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިމުރުން ސޯޅަ އަހަރުގެ ޒުވާން ފޯވަޑް އަންސޫ ފަޓީއެވެ. ފަޓީ ގެ ގޯލަކީ ފްރޭންކީ ޑި ޖޮން ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ގޯލެކެވެ. މެޗްގެ ދެވަނަ ގޯލަކީ ފަޓީ ތަނަވަސްކޮށްދިން ފުރުސަތަކުން ޑި ޖޮންގްއެވެ. ބާސެލޯނާގެ ދެ ގޯލަށްފަހު ދެން ފެނިގެންދިޔައީ ވެލެންސިއާގެ ގޯލެކެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 2-1 އިން ބާސާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ބާސާއިން ވަނީ އިތުރު ތިން ގޯލް ކާމިޔާބުކޮށްފައެވެ. ފަހު ހާފްގެ ފުރަތަމަ ގޯލް ޖެރާޑް ޕީކޭ ކަމިޔާބުކޮށްދިން އިރު ފަހު ދެގޯލް ކާމިޔާބު ކުރީ ލުއިސް ސުއަރޭޒެވެ. ވެލެންސިއާގެ ފަހު ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކުރީ މެކްސި ގޮމޭޒެވެ.
ލަލީގާގައި އިއްޔެ ރިއާލް މެޑްރިޑް ކުޅުނު މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ރިއާލްގެ ސެންޓިއާގޯ ބާނަބެއުގައި ކުޅުނު މެޗްއިން ލެވަންޓޭގެ މަށްޗަށް ރިއާލް އިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
ރިއާލް ކާމިޔާބު ކުރި ތިން ގޯލްވެސް މެޗްގެ ފުރަތަމަ ހާފްގައި ފެނިގެންދިޔައިރު ފުރަތަމަ ދެގޯލް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ. ރިއަލްގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. ރިއާލްއިން ފުރަތަމަ ހާފް ނިންމާލީ 3-0 ގެ ލީޑެއްގައި އޮޮވެގެންނެވެ.
ދެވަނަ ހާފްގައި ލެވަންޓޭއިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ގޯލް ކާމިޔާބުކޮށް ފަރަގު އެއް ގޯލަށް ކުޑަކޮށްފައެވެ. ލެވަންޓޭގެ ފުރަތަމަ ގޯލް މަޔަރޯލް ކާމިޔާބުކުރި އިރު ދެވަނަ ގޯލް ކާމިޔާބު ކުރީ ގޮންޒާލޯ މެލެރޯއެވެ.
ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތުއޮތް އެތްލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ރިއަލް ސޮސީޑާޑް އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވީ 2-0 އިންނެވެ. ސޮޑީޑާޑްގެ ދެގޯލްވެސް ފެނިގެންދިޔައީ މެޗްގެ ދެވަނަ ހާފްގައެވެ. ފުރަތަމަ ގޯލް އެޑެގާޑް ކާމިޔާބުކުރި އިރު ދެވަނަ ގޯލް ކާމިޔާބުކުރީ މޮންރިއަލްއެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް އެތްލެޓިކޯ މެޑްރިޑް ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއިއެކުއެވެ. ރިއާލް މެޑްރިޑް ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތްއިރު ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަތް ޕޮއިންޓް ހަމަކޮށް ބާސެލޯނާ ވަނީ ފަސްވަނައަށް ޖެހިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!