ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ.

މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފަރުވާ ކުޑަވުމާއި އަޅައި ނުލެވުން ފަދަ ކަންތައްތައް ވެސް ސަރުކާރުގައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ސަރުކާރުގެ ސްޕީޑް ތަންކޮޅެއް ބާރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ހަލާކުކުރަން ނުބައި ހުރިހާ ރޭވުމެއް ރަވަނީ ނަޝީދު ކަމަށެވެ. އަދި ނަޝީދަކީ މާ ހެޔޮއެދޭ މީހެއް ކަމަށް މީޑިއާތަކަށް ދެއްކިޔަސް އޭނާ އަކީ އަޑި ނުބައި، ވެރިކަން ބޭނުންވެގެން އުޅޭ މީހެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.

ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާލެއް ލަސްކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަށް މީގެ ކުރިން ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވަމުން ގެންދެވީ ކޮންމެ ސަރުކާރެއްގެވެސް މަސައްކަތްތައް ފެންނަން ފަށަނީ ދެވަނަ އަހަރު ކަމަށެވެ.