ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

Ad
rt

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހއ. ގައްލަންދޫ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. "ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް" މިސިލްސިލާގެ ދަށުން ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހއ. ގައްލަންދޫ އާއިބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.

.ހއ. ގައްލަންދޫ
ޙިމާޔަތްކުރާ ތަނުގެ ނަން: ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު
ޙިމާޔަތްކުރާ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލް:

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް
ގައްލަންދޫ އަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ދެކުނު ބިތުގައި އޮންނަ 12 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މިރަށަކީ ޤުދުރަތީ ގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށުގެ ޤުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގެ ގަސްކަރައާއި ފެހިކަމެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދިކަން ރަނގަޅު، ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ރަށެކެވެ. މިރަށުގެ ކަނޑޫފަލާއި ކުޅިއަކީ ވެސް ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި ތިމާވެށީގެ ޚާއްސަކަން ރަމްޒުކޮށްދޭ ތަނެކެވެ. މީގެ އިތުރުން މިރަށަކީ ގިނައަދަދަކަށް ދޫނި ނިދަންއަރާ، ޅޮސް ގަސް ގިނަ، ވަށައިގެން ފަރުގެ ދިރުންތައް މުއްސަނދި، އަދި ވެލާ ބިސްއަޅާ ރަށެކެވެ.

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 2 :ސްޓްރިކްޓް ނޭޗަރ ރިޒާވް

މި ސަރަހައްދުގައި ކުރުން މަނާ ކަންކަން:
1 .އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
2 .ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
3 .ވެލި، މުރަކަ، އަކިރި ނެގުން
4 .ކުނި އެޅުން
5 .ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
6 .އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްތައް ކުރުން
7 .ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
8 .ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
9 .އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
10 .ބިންހިއްކުމާއި ފަޅު ފުންކުރުން
11 .އަލިފާން ރޯކުރުމާއި އެންދުން

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

1 .ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
2 .ޓޫރިޒަމް، މުނިފޫހި ފިލުވުން، ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން
3 .ދިރާސާ ކުރުން
4 .ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން
5 .ހިކިފަން، ކާށި، ދަރު، މަދު ހޮވުން
6 .ދިވެހިބޭސް ވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް ނެގުން
7 .ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުން، ކެނޑުން ނުވަތަ އުފުރުން