ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަށްވާނެ ކަމަށް ކުޅުދުއްފުށި މެދު ދެކުނު ދާއިރާގެ ގޮނޑިއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަށްވާ އާޠިފާ ޢަލީ ވިދާޅުވެއްޖެއެވެ.
އާޠިފާ މިހެން ވިދާޅުވީ، ރޭ ބޭއްވި އެމްޑީޕީގެ ''ރަށްވެހި ފަތިސް'' ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގެ ތެރެއިން، ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާޠިފާ ވިދާޅުވީ 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ވުޖޫދަށް ގެނެވުނު ލާމަރުކަޒީ ޤާނޫނަކީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީގެ ކުރިމަގަށް ކޮށުނު އެންމެ އުންމީދީ އަދި އެންމެ އަލި މަގުކަމަށާއި، މި ގާނޫނާއި އެކި ފަހަރުމަތިން މި ޤާނޫނަށް ގެނެވުނު އިސްލާހުތަކުން ކަށަވަރުކޮށްދިން ކަމަކީ، އަންހެނުން ބާރުވެރިވުމާއެކު ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ އޮންނަންޖެހޭކަން ކަމަށެވެ.
އޭނާ ވިދާޅުވީ، މުޖުތަމަޢުގެ ދުޅަހެޔޮކަމަކީ އެތަނެއްގަ ދިރިއުޅޭ ބައެއްގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަމަށެވެ.
''އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ދާއިރާގެ މީހުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ދާއިރާގަ ހިތްފަސޭހަ މައިދާންތަކެއް ނެތުމަކީ. ނަފުސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު އަޅުގަނޑު ފާހަގަ ކޮށްލަންބޭނުން އަޅުގަނޑުމެންގެ ކައުންސިލެއްގަ ގްރީން ޒޯންތައް ހިތްފަސޭހަ މައިޒާންތަކުގެ ގޮތުގަ ތަރައްޤީ ކުރުމުގެ ވިސްނުން ގެންގުޅެން. މިގޮތުން އެތަންތަނަކީ އެކި ޢުމުރުފުރާތަކުގެ މީހުން މުނިފޫހިފިލުވުމަށާއި، ކަސްރަތުކުރުންފަދަ ކަންކަމަށް އެންމެ އެކަށީގެންވާ ތަންތަނުގެ ގޮތުގައި ހަދައިދޭނަން. ޢާއިލީ ގުޅުމާ ދޭދޭގުޅުން ބަދަހިކުރުމަށް ބާބެކިޔު ޕިޓުތަކާ ޖޯލިތައް މިފަދަ މައިޒާންތަކުގަ ބެހެއްޓުމަކީ އަޅުގަނޑުމެންގެ މިކަންކަން ކުރުމުގެ ވަޢުދާއެކު އަޅުގަނޑުމެންގެ މި ޓީމު ކައުންސިލަށް ކުރިމަތިމިލަނީ އުންމީދާއި ޖޯޝާއެކު އެކަންކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރާއެކު.''- އާޠިފާ ވިދާޅުވިއެވެ.
މިގޮތުން އާޠިފާ ދެއްކެވި ވާހަކާގައި ވިދާޅުވީ، ތަނެއްތަރައްޤީވެ ކުރިއަރައިގެންދާނީ އެތަނެއްގައި އުޅޭ ޒުވާނުންނާ، އަންހެނުންނާއި ދެޖިންސްގެ ކުދި ބޮޑު އެންމެން ޝާމިލުވެގެންކަން ކަމަށެވެ. އަދި ތަޢުލީމަކީ ތަރައްޤީ މިންކުރުމުގައި ބަލާ އެއްކަންތައްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
''އަޅުގަނޑުމެންގެ ޕާޓީން ތަޢުލީމަށް ދޭ އިސްކަން ހަމައެކަނި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފަރުސަތަށް ބަލާލިޔަސް ހާމަވެގެންދޭ. މިހާރުވެސް މިރަށުގެ 246 ދަރިވަރުން ހިލޭޑިގްރީއަށް ކިޔަވަމުން އެބަދޭ. މިއީ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް. ކިޔަވާކުދިންނަށް ލިބުނު ނުހަނު ބޮޑު ހިތްވަރެއް. އަޅުގަނޑު ހަނދާން އެބަހުރި އޭލެވެލް ނިންމާފަ އިތުރަށް ކިޔަވަން އަޅުގަނޑުމެން އުޅެންޖެހުނު ހާލު. އެދުވަސް މާޒީވެ ހިނގައްޖެ. މިއަދު އަޅުގަނޑުމެންނަށް މިތިބީ އުފާވެރިކަމުގެ އައްސޭރިއަށް އާދެވިފައި.''- އާޠިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަޢުލީމް ކަމަށް އެ އިޝާރާތް ކުރަށްވަނީ، ހަމައެކަނި ސްކޫލަށް ނޫނީ ޔުނިވާސިޓީއަށް ގޮސް ކިޔެވުމެއްނޫން ކަމަށެވެ. އެންމެންނަކީ ފޮތުންކިޔާނެ ބައެއްނޫންކަން ފާހަގަ ކުރަށްވައި، އެމްޑީޕީގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ޢިލްމު ޙާސިލްކޮށްދިނުމުގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލު ސިސްޓަމުން ބާކީވާ ކުއްޖާ އަކީވެސް ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ދަސްވެފައިހުރި ކުއްޖަކަށް ހެދުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ އެގޮތުން މަސައްކަތްތެރިކަން، ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުން ވެސް އެއީ އެމްޑީޕީގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ އިސްކަމެއްދެއްވާނެ ކަމެއް ކަމަށެވެ.
''މި ސިޓީގަ ޕަބްލިކު-ޕުރައިވެޓް ޕާރޓްނަރޝިޕުގެ ދަށުން ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފަ. މިހާރުވަނީ ޕްރޮޖެކްޓް މެނޭޖަރެއް ހަމަޖައްސާ ކޮންސަލްޓެންސީ މަސައްކަތް ފެށިފަ. ކުދިންގެ ހުރި ހުނަރު ތަރައްޤީކޮށް މުޖުތަމަޢުގަ ނަންހިނގާ ކުދިންނަށް ކުދިން ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މި އިންސްޓިޓިއުޓު ޤާއިމުކުރެވުމުން ޔުނިވާސިޓީ ތަޢުލީމުގެ ފުރުޞަތު ނުލިބިތިބިކުދިންނަށް މަސައްކަތްދަސްކުރުމަށް ފުރުސަރު ލިބޭނެ. މިރަށަކީ މަސައްކަތްތެރި ބައެއް ހީވާގި ބައެއް ދިރިއުޅޭރަށެއް. މި ސެންޓަރުގެ ސަބަބުން އުވިގެންދާ މަސައްކަތްތެރިކަން ދިރުވުމަށް މަގުފަހިވެގެންދާނެ. އަދި، ނުރަނގަޅު ގޯޅި އަޅައިގެންދާ ކުދިން މަދުކުރެވޭނެ.'' - އާޠިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަތިމަގުތަކުން ދެވިފަ ތިބި ކުދިން އެ ސިޓީގަވެސް ވަރަށްގިނަ ކަމަށެވެ. މިއީ ގިނަމީހުން ދައްކަންބޭނުންވާ ވާހަކައެއްނޫން ކަމަށާއި، ނަމަވެސް އެއީ ދައްކަންޖެހޭ މުހިންމު ވާހަކައެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މަސްތުވާތަކެތީގެ ވަބާއިން ދަރިންނާ ޒުވާނުން ސަލާމަތްކުރުމަކީ އެމް.ޑީ.ޕީ.ގެ ސިޔާސަތެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ ރިހެބިލިޓެޝަނަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އެފަދަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނެސް ބޭނުންތެރި ކުދިންނަށް ހެދުމަށް. މަސްތުވާތަކެތީގެ ސަބަބުން އެތައްބައިވަރު އިޖުތިމާޢީ މައްސަލަތައް އެބަކުރިމަތިވޭ. އިޖުތިމާޢީ ފޭރާން މިހާ ބޮޑަށް ވީދުމަށް ދިމާވި އެއް ސަބަބަކީ މިއީކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ. ރިހެބިލިޓޭޝަނަށްފަހު މުޖުތަމަޢަށް އަލުން އަނބުރާ އެކުދިން ނެރުމަށް އަޅުގަނޑުމެން ބާރުއަޅާނަން.'' އާޠިފާ ވިދާޅުވިއެވެ.
މުޖުތަމަޢުގެ ކަންކަމުގަ ހުރިހާ އެންމެން ބައިވެރިކުރުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމަށާއި، އެގޮތުން ނުކުޅެދުންތެރިކަން ހުންނަކުދިންނަކީވެސް މުޖުތަމަޢަށް މުހިންމު ބައެއްކަން ޤަބޫލުކޮށް، އެ ޓީމުން ސިޓީ ކައުންސިލަށް ވާދަކުރަނީ ރައްޔިތުންގެ މުހުތާދުތައް ދެނެގަނެ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގެ އަޒުމުގަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ވެސް ތަފާތު ޚާއްޞައެހީއަށް ބޭނުންވާ ކުދިން ތިބިކަން ފާހަގަ ކުރަށްވަމުން، އެމްޑީޕީގެ ކައުންސިލެއް އިންތިޚާބުވެއްޖެނަމަ، ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ދަފުތަރެއް ޤާއިމުކޮށް، އަދި އެކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް ހޯއްދަވާނެ ކަމަށް ވެސް އާތިފާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ، ކުޅުދުއްފުށީ މެދު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރަށްވާ އާޠިފާ ޢަލީއަކީ ވަރަށް ޢިލްމީ ޤާބިލް ކަނބަލެއްކެވެ. އޭނާ ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލް ކުރަށްވާފަ އެވެ. އަދި ''ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ- ޔުނިވާސިޓީ އޮފް ޓޮރޮންޓޯ، ކެނެޑާ'' އިން ވަނީ ''ބެޗްލާސް އޮފް ސައިންސް އިން ކެމިސްޓްރީ'' ކޯސް ފުރިހަމަ ކުރަށްވާފައެވެ.
އޭނާ އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި، މޯލްޑިވްސް ރެޑްކްރެސެންޓްގެ ހދ. ބްރާންޗްގެ ބްރާންޗް އެގްޒެކްޓިވް ކަމާއި، ކުޅުދުއްފުށީގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުގެ ބިޒްނަސް ޑިވްލޮޕްމެންޓް އޮފިސަރގެ މަގާމާއި، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓްރީ ޓެކޮނޮލޮޖިސްޓްގެ މަގާމުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!