ސަރުކާރުގެ ކުންފުނިތަކަށް ރަށްތައް ދީގެން ބަތްކައްކާ ކުޅޭކަށް ނުތިބެވޭނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.
ޔާސިރު އިތުރަށް ވިދާޅުވީ، އާންމުކޮށް ޑޮލަރު ވަންނަ މަގުގެ ވާހަކަ ދައްކާއިރުގައި، ޔަގީނުން ވެސް ހދ. އަތޮޅުގެ ވާހަކަ ނުދައްކާ ކުރިއަކަށްނުދެވޭކަމަށެވެ. ހދ. ގެ ޓޫރިޒަމްގެ ވާހަކަ މަޖިލީހުގައި ދައްކަންޖެހޭ އެއް ސަބަބެއްގެ ގޮތުގައި ޔާސިރު ފާހަގަ ކުރެއްވީ އަތޮޅުގައި ހުރި މަދު ރަށްތައް ޓޫރިޒަމްގެ މަސައްކަތްނުކުރެވި އޮތްއޮތުމެވެ.
އެންމެ ބޮޑު އެއް ރަށް ނާގޯށި، އެނގިލައްވާނެ، ވަރަށް ވެސް ބޮޑު، ވަރަށް ވެސް ރީތި ރަށެއް. 2007 ވަނަ އަހަރު 5 ޑިސެންބަރުގައި އެމް.ޓީ.ޑީ.ސީއާ ހަވާލުކުރެވުނު ގޮތަށް އަދިވެސް އޮތީ. 14 އަހަރު ވީ މި ރަށް އެމް.ޓީ.ޑީ.ސީގެ އަތުގައި އޮންނަތާ މިގޮތަށް. އަމިއްލަ ބަޔަކާ އެކީގައި 600 ކޮޓަރީގެ އެނދެއް ތަރައްޤީކުރުމަށް ދިޔައީ. ހަމަ އެއާއެކީގައި އޭގެފަހުން އަނެއްކާ ގޮސްފައި 25 އޮކްޓޫބަރު 2016 ގައި އަނެއްކާ ދެވަނަ ފަހަރަށް އެމް.ޓީ.ޑީ.ސީއަށް ދީގެން ހަމަ މި މަސައްކަތްކުރަނީ ކަމަށް ވިދާޅުވެފައި،
ޔާސިރު ވިދާޅުވެފައިވެއެވެ.
ޔާސިރު ވިދާޅުވީ ނާގޯށީގައި އެއްވެސް ކަމެއް ކުރެވޭ ގޮތް އަދި ނުވާކަމަށެވެ.
މި ސަރުކާރުން 3 ޖުލައި 2020 ގައި ތިންވަނަ ފަހަރަށް އެމް.ޓީ.ޑީ.ސީއަށް މި ރަށް ހަވާލުކޮށްފައި އޮތްކަމަށާއި ނަމަވެސް އަދި ކުރެވުނު މަސައްކަތެއް ފެންނަން ނެތްކަން ހާމަކުރެއްވި އެވެ.
މި ދައުރުގައި އެތަނުގައި ރިސޯޓެއް އެޅޭނެ ކަމެއް، ނޭޅޭނެ ކަމެއްވެސް، އެއްވެސް ވަރަކަށް އެނގޭކަށް ނެތް. ހދ.ގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މަސައްކަތްކޮށްފިން އެމް.ޓީ.ޑީ.ސީގެ ބޭފުޅުންނާ ވާހަކަދައްކަން. އެ ބޭފުޅުން ބޭނުމެއް ނުވޭ އަޅުގަނޑުމެންނާ ބައްދަލުކުރާކަށް. ފޯނުން ގުޅައިފިން.
ހިތްހަމަނުޖެހުން ފާޅުކުރަމުން ޔާސިރު ވިދާޅުވި އެވެ.
މި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!