ކުޅުދުއްފުށީގައި ދާދިފަހުން ހުޅުވި ލޯކަލް މާރުކޭޓުގައި ކިއޮސްކް މެޝިނެއް ބަހައްޓާނެ ތަނެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެރަށު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް މާރުކޭޓުގެ ގޯތިތެރޭގައި ބަންޑާރަ މަގަށްވާގޮތަށް ކިއޮސްކް މެޝިނެއް ބެހެއްޓުމަށްޓަކައި ކުޑަ އިމާރާތެއް ހަދަން ބޭނުންވާކަމަށާއި، އެހެންކަމުން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ.

Ad
rt

ކުޅުދުއްފުށީ ކައުންސިލްގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލުގައި ރަޖިސްޓްރީ ކުރުމަށް އެދޭކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހު 19 ވަނަ ދުވަހުގެ 13:00 ގައި ބާއްވަން ނިންމާފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުން އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00 ގައެވެ.