ހޯރަފުށި ދާއިރާގައި ހިމެނޭ ރަށްތަކުގައި ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އިންޑިއާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ހިއްސާކުރައްވައިފިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދާއިރާގެ ރަށްތައް ކަމަށްވާ ހޯރަފުށި، އުލިގަމު އަދި ތުރާކުނުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރެވުނު ކަމަށެވެ.

Ad
rt

ހޯރަފުށީގައި މިވަގުތު ހިނގާ އެންމެ ބޮޑު މަޝްރޫއަކީ އެއާޕޯޓު އެޅުމުގެ މަޝްރޫއެވެ. އެގޮތުން އެއާޕޯޓު އަޅަން އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު މިހާރު ވަނީ ހިއްކައި ނިންމާލާފައެވެ. އެ ސަރަހައްދުން ވަނީ 345،500 އަކަ މީޓަރު ހިއްކައިފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 198 މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕެއް ވެސް އިއްޔެ ވަނީ ފަށާފެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ.