ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު "ވިކްރަމަ" އާއި ގުޅުން ކެނޑި، މިޝަން ނާކާމިޔާބު ވެއްޖެއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޖައްސަން ހަމަޖެހިފައި އޮތީ ހަނދުގެ ދެކުނު ފަޅީގައެވެ. މިއީ މީގެ ކުރިން ހަނދުގައި ޖެއްސި އުޅަނދުތައް ތިރިކޮށްފައިވާ ސަރަޙައްދެއް ނޫންކަން ފާހަގަކޮށްލެވެ އެވެ. “މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

Ad
rt

މިޖައްވީ އުޅަނދުގެ މަސައްކަތަކަށް ވެފައިވަނީ ހަނދުގައި ފެނާއި އައިސް އަދި މައުދަން ހުރިތޯ ބެލުމެވެ. ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ.

ބޮޑު އުއްމީދާއެކު އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނުއިރު، އުޅަނދު ހަނދުގައި ޖައްސާ މަންޒަރު ލައިވްކޮށް ބެއްލެވުމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވެސް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ވަޑައިގެން އިންނެވިއެވެ. އަދި ހަނދަށް ދިއުމުގެ މިޝަން އާއި ގުޅޭގޮތުން މިރޭ އިސްރޯ އިން ބެންގަލޫރުގައި ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ވެސް ވަނީ ކެންސަލް ކޮށްލާފަ އެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން އިސްރޯގެ ސައިންޓިސްޓެއް ބުނީ އުޅަނދު ކްރޭޝްވި ކަމެއް ނޫން ކަމެއް ޔަގީނެއް ނުވާ ކަމަށާއި ޑޭޓާ ތައް އެއްކޮށް މިހާރު ވާނުވާ ބަލަމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި، އެ އުޅަނދު މިހާރު ވަނީ ހަނދަށް ވެއްޓިފައެވެ.

އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދު ހަނދަށް ވެއްޓިފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުން މިދިޔަ އޭޕްރިލް މަހު ހަނދަށް ފޮނުވި އުޅަނދު ވެސް ވަނީ ހަނދަށް ވެއްޓިފައެވެ. “ބެރެޝީޓް” ގެ ނަންދިން އެ އުޅަނދު ހަނދަށް ވެއްޓުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ދުނިޔޭގެ ތާރީޚުގައި ގިނަ ގައުމުތަކަކުން ވަނީ ހަނދަށް ދިއުމަށްޓަކައި ވަރަށް ގިނަ ފަހަރު މަސަތްކަތްކޮށްފަ އެވެ. އޭގެ ތެރެއިން ކާމިޔާބުވީ ވަރަށް މަދު ގައުމުތަކަށެވެ. ޗައިނާ އިން މިއަހަރުގެ ކުރީކޮޅު ހަނދަށް އުޅަނދެއް ފޮނުވި އިރު އެންމެ ފުރަތަމަ ހަނދަށް ދަތުރު ކުރުމުގެ ޝަރަފް ހޯދި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ވެސް އަންނަނީ ދެވަނަ ފަހަރަށް ހަނދަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން މިފަހަރު ޖައްވަށް ފޮނުވާލި އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ޖެއްސިނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖެއްސި ހަތަރުވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އަށެވެ.