މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގުރާމެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން ފަރުމާކޮށްފައިވާކަމަށާއި އަދި މި ޕްރޮގުރާމު ހިންގުމުގެ ހުއްދަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާކަމަށް، އެންވަޔަރަމަންޓް މިނިސްޓަރ، ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޙާޟިރުކުރެއްވުމުން، މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިހެން ވިދާޅުވިއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ޖަމާވެފައިވާ ކުނިތައް ސާފުކުރުމުގެ ކަންތައް ބިޑުކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

Ad
rt

"މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގުރާމެއް އަޅުގަނޑުމެން މި ވަނީ ފަރުމާކޮށްފައި. އަދި އެ ޕްރޮގުރާމް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހުއްދަވެސް ދެއްވާފައި. ރާއްޖޭގައި ހުރި ކުނިތައް ސާފުކުރުމުގެ ކަންތައް ބިޑުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އަށް އަޅުގަނޑުމެން ވާނީ ހުށަހަޅާފައި." އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް މިނިސްޓަރު ވިދާޅުވީ ބިޑުތައް ކުރެވުމުން ރަށްރަށުގައި ހުރި ކުނިތައް ވަކިން ނަގާ ސާފުކުރެވޭނެކަމަށާއި، އެކަން ކުރެވުމުން ކައުންސިލްތަކާ ގުޅިގެން، ކުނި ނުއުފެދޭނެ ގޮތަކަށް ކަންތައް ކުރުމަށް އިރުޝާދު ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

"އެބިޑުތައް އިއުލާން ކުރެވުނީމާ ހުރިހާ އަތޮޅުތައް ވަކިވަކިން އެރަށްރަށުގައި ކުރި ކުނިތައް ނަގާ ސާފުކުރެވޭނެ. އޭގެފަހުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެރަށްރަށުގައި ކުނިތައް އިތުރަށް ޖަމާވެ، ކުނިބުނި ނުއުފެދޭނެ ގޮތަކަށް އެކަމަށް ބޭނުންވާ އިރުޝާދު ސަރުކާރުން ވަނީ ދެއްވާފައި، އަދި މި އިއްޒަތްތެރި މަޖިލީހުން ރަށްރަށުފެ ކައުންސިލަށް މި ދެއްވާ ފައިސާ އިތުރުކުރެއްވުމާ އެއްކޮށް އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މިހާރު ދިމާވަމުންދާ ކުނި އުފެދުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ." މިނިސްޓަރު މަޖިލީހުގައި ވިދާޅުވިއެވެ.

ކުނި ޖަމާވެ، ކުނި ގޮނޑުތައް ބަންޑުންވުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލައެކެވެ. މިއީ އާއްމު ޞިއްޙަތާވެސް ގުޅިފައިވާ މައްސަލައެއްކަންވެސް ފާހަގަކޮށްލެވެއެވެ.