ޝައްކެއްނެތް ގޮތުގައި ނަމާދަކީ މުސްލިމަކަށް ވުމަށްފަހު މާތް ﷲއަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އަޅުކަމެވެ. އަޅުގަނޑުމެން މުސްލިމުންނަކީ ދުވަހުގެ 24 ގަޑި އިރުތެރޭ 5 ވަގުތު މިސްކިތަށް އަރައި ނަމާދު ކުރާ ބައެކެވެ.

އެހެންކަމުން މިއަޅުކަމާ ގުޅޭ ކަންކަން އޮޅުންފިލުވައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެއާއެކު، ނަމާދުގައި ޚާއްސަކޮށް ޖަމާޢަތުގެ ނަމާދުގައި ކަމެއް ގޯސްވާނަމަ އެވާހަކަ ވަރަށް ގިނަފަހަރަށް ދެކެވެއެވެ. އެގޮތުން ސަފުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އޭގެތެރޭގައި ސަފު ސީދާ ކުރުމުގެ ވާހަކައާއި، ސަފުގައިވާ ފަރާތްތަކުގެ ދެމެދުގައި ހުސްޖާގަ ހުންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ.

Ad
rt

އެހެންކަމުން މިމައްސަލަތަކަށް ޢިލްމީ ދުރުމީއެއްގެ އެހީގައި ކޮންމެވެސް މިންވަރެއްގެ ތަފްސީލީ ނަޒަރެއް ހިންގާލުމަކީ މިކަމުގެ މުހިންމުކަން ދެނެގަތުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

  1. ސަފުތައް ސީދާ ކުރުން.

ނަމާދަށް ސަފު ހައްދަވާއިރު، ސަފުތައް ސީދާ ކުރެއްވުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ މާތް ޞަޙާބީން ވަރަށް ބޮޑު އަހަންމިއްޔަތެއް ބަހައްޓަވައިގެން ކުރެއްވި ކަމެކެވެ. އަނަސް އިބްނު މާލިކު ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ([1])

މާނަ: "ސަފުތައް ސީދާ ކުރައްވާށެވެ. ފަހެ ސަފުތައް ސީދާ ކުރުން ވަނީ ނަމާދު ފުރިހަމަ ވުމުގެ ތެރެއިންނެވެ." އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ. "އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް (މީސްތަކުންނާއިގެން އިމާމް ވެ ނަމާދު ކުރަށްވަން ނުކުމެވަޑައިގަތް ހިނދު،) ސަފުތަކުގެ ތެރެއިން މީހެއްގެ މޭ (އެހެން މީހުންނާ ޚިލާފަށް) ބޭރަށް ނުކުމެފައި ވީތަން ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "عباد الله، لَتُسَوُّنَّ صُفُوفَكُمْ، أو لَيُخَالِفَنَّ اللَّهُ بين وُجُوهِكُم"

މާނަ: "ﷲގެ އަޅުތަކުންނޭ! ތިޔަބައިމީހުން ސަފުތައް ސީދާ ކުރައްވާށެވެ. އެހެން ނުހަދައިފިނަމަ ﷲ ތިޔަބައިމީހުންގެ މެދުގައި ޚިޔާލުތަފާތުވުން ލައްވައިފާނެތެވެ."([2])

މިޙަދީޘުގައި " لَتُسَوُّنَّ " ބޭނުންކުރެވިފައި ވަނީ ވަރަށް ވަރުގަދަކޮށެވެ. ސަބަބަކީ އަރަބި ބަހުގައި ކަމެއްގެ މުހިންމުކަން ހާމަކުރާނަމަ، ކަލިމަ ޢާންމުކޮށް އިންނަ އުސްލޫބަށްވުރެ ވަރުގަދަ އުލްލޫބެއް ބޭނުންކުރެވެއެވެ. އެކޮތުން މިކަލިމައިން އަހަރެމެންނަށް އެފަދަ 3 އުސްލޫބެއް ފާހަގަ ކުރެވެއެވެ. އެއީ ޤަސަމް (ހުވާ) އާއި، ލާމާއި، ނޫނެވެ.

ފުރަތަމަ އުސްލޫބު (ޤަސަމް): މިތާގައި ޤަސަމް (ހުވާ) ބޭނުންކުރެވިފައި ވަނީ މުޤައްދަރު ކޮށެވެ. މާނައަކީ ލިޔުމުން ނުފެންނާނޭހެން ފޮރުވިފައެވެ. " لَتُسَوُّنَّ " އިންކަމުގައި ވީނަމަވެސް ޢަރަބި ބަހުގައި މިކަލިމަ މާނަ ކުރާގޮތަކީ "والله لتسوُّنَّ" އެވެ. މާނަ: "ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުން ސަފުތައް ސީދާ ކުރައްވާށެވެ."

ދެވަނަ އުސްލޫބު (ލާމް): ލާމް އައިސްފައި ވަނީ މުޤައްދަރުކޮށް (ފޮރުވިފައިވާ) ހުވާގެ ލަފުޡު ކަމުގައިވާ " والله" ގެ ޖަވާބުގެ ގޮތުންނެވެ.

ތިންވަނަ އުސްލޫބު (ނޫނު): ނޫނަކީ ނޫނުއް ތަޥްކީދެވެ. ނޫނުއް ތަޥްކީދަކީ، އަމުރެއް ކުރާ ހިނދު އެއީ ވަރުގަދަ އަމުރެއް ކަން ހާމަ ކުރެއްވުމަށް ޢަރަބި ބަހުގައި ބޭނުން ކުރެވޭ އުސްލޫބެކެވެ. އެނޫނު ވާނީ ތަޝްދީދު ޖެހިގެންވާ ނޫނެއް ގޮތަށެވެ. "نَّ"

މިޙަދީޘުގައި (ސަފުތަށް ސީދާނުކޮށްފިނަމަ، މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވުން ލައްވައިފާނެ ކަމަށް) އައިސްފައި އޮތްބައިގެ މުރާދަކީ "މީސްތަކުން މޫނުކެނޑުމާއި ހިތްތައް ބައިބައި ވުމެވެ."([3]) މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސަފުތައް ސީދާ ނުކޮށްފި މީހެއްގެ މައްޗަށްވާ ޥަޢީދުގެ ބަސްފުޅެކެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ޢިލްމުވެރިންގެ ނަޡަރުގައި ސަފުތައް ސީދާ ކުރުމަކީ ވާޖިބެކެވެ. އަދި ސަފުތަށް ސީދާ ނުކުރާމީހާ ފާފަވެރިވާނެއެވެ.([4]) ޝައިޚް އިބްނު ޢުޘައިމީން އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުމާﷲ ވެސް ރާޖިޙް ކުރަށްވާ (ބުރަވެވަޑައިގަންނަވާ) ރަޢުޔަކީ މިއެވެ.([5])

އެބޭކަލުން ސަފު ސީދާކުރުމަކީ ވާޖިބެއްކަން ބަޔާން ކުރައްވައި ކުރިން މިގެންނެވުނު ޙަދީޘް ޛިކުރުކުރައްވައެވެ.

މިޙަދީޘުން ސަފު ސީދާކުރުމަކީ ވާޖިބެއްކަމުގެ ދަލީލު ނެގޭ ގޮތް:

ފުރަތަމަކަމަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެކަމަށް އަމުރުކުރައްވާފައެވެ.

ދެވަނަކަމަކަށް މިއަމުރާ ޚިލާފުވާ ފަރާތްތަކަށް ވަޢީދުގެ ބަސްފުޅެއް އެކަލޭގެފާނު ވަނީ ޙަދީޘް ކުރައްވާފައެވެ.

އުޞޫލުލީ ޤާޢިދާއެއްގައިވެއެވެ. لا يُتَوعَّد على ترك غير الواجب.([6])

މާނަ: "ވާޖިބެއް ދޫކުރުމުން މެނުވީ (ކަމެއް ދޫކުރުމުން) އެކަމަކަށް ވަޢީދުގެ ބަހެއް ނައަންނާނެއެވެ."

މާނައިގެ ތަފްސީލު: ޝަރުޢުގެ ނައްޞެއްގައި (ޤުރުއާނާއި ސުންނަތުގައި) މީސްތަކުންނަށް ކަމެއް އަމުރު ކުރެއްވުމަށްފަހު، އެއަމުރަކާ ޚިލާފުވާ ފަރާތްތަކަށް ވަޢީދުގެ ބަސްފުޅެއް ޛިކުރުކުރެވިފައިވާނަމަ، އެއަމުރު ކުރެވުނު ކަމަކީ ވާޖިބެކެވެ.

އެހެންކަމުން ސަފުތައް ސީދާކުރުމަކީ ހަމައެކަނި ސުންނަތެއްކަމަށް ބުނެ އެހިސާބުން ނިންމާލެވޭ ވަރުގެ ކުޑަކަމެއް ނޫނެވެ. އަހަރެމެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ވަރަށް ސަމާލުވެތިބެން ޖެހޭ ވާޖިބެކެވެ.

ދެން އުފެދޭ ސުވާލަކީ، ސަފުތައް ސީދާކުރުމަކީ ވާޖިބަކަށް ވާނަމަ، ސަފު ސީދާނުކޮށް، ސަފާ ޚިލާފުވެ ޖަމާޢަތުގެ ނަމާދުގައި ބައިވެރިވާ މީހާގެ ނަމާދު ބާޠިލުވާނެތޯއެވެ؟

މިކަމުގައި ޢިލްމުވެރިންގެ ދެރަޢުޔެއް ވެއެވެ.

ފުރަތަމަ ރަޢުޔު: ސަފާ ޚިލާފުވެ ހުންނަމީހާގެ ނަމާދު ބާޠިލުވާނެއެވެ. ސަބަބަކީ ސަފުތައް ސީދާކުރުން އެއީ ވާޖިބަކަށް ވާތީއެވެ.

ދެވަނަ ރަޢުޔު: އޭނާގެ ނަމާދު ބާޠިލެއް ނުވާނެއެވެ. ނަމަވެސް އޭނާ ފާފަވެރިވާނެއެވެ. ސަބަބަކީ ސަފުތައް ސީދާ ކުރުމަކީ (ފުރަތަމަ އައްތަޙިއްޔާތަށް އިށީނުން ފަދަ) ނަމާދުގެ ތެރޭގައި ހިމެނޭ ވާޖިބެއް ނޫނެވެ. އެއީ (ނަމާދުގެ) އަޅުކަމާ ގުޅިފައިވާ ވާޖިބެކެވެ. ވީމާ މިވާޖިބު އެޅުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އަދި މިފަދަ ނަމާދުން ބޭރުގައިވާ، ނަމާދާ ގުޅިފައިވާ ވާޖިބެއް ދޫކޮށްފިނަމަ އެކަމުން ނަމާދު ބާޠިލު ނުވިޔަސް އެކަމުގެ ސަބަބުން އެމީހަކު ފާފަވެރިވާނެއެވެ. މިމައްސަލާގައި އެންމެރަނގަޅުގޮތާ ގާތް ރައުޔަކީ ދެވަނަ އަށް މިދެންނެވުނު ރައުޔު ކަމުގައި އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.([7])

ސަފުތައް ސީދާ ކުރާގޮތަށް ބަލައިލާއިރު، ބަލާނީ ހަށިގަނޑުގެ މަތީ ބައިންނަމަ، ކޮނޑަށެވެ. އަދި ތިރީބައިންނަމަ، ފައިގެ ފުންނާބަށެވެ.

މާނައަކީ، މައުމޫމުން ޤިބުލައަށް ކުރިމަތިލައިގެން ތިބޭހިނދު ކޮންމެމީހަކުވެސް އެމީހެއްގެ ކައިރީގައިވާ މީހާގެ ކޮނޑާއި ކޮނޑު އަދި ފުންނާބާއި ފުންނާބު އެއް-ލައިނަކަށް ސީދާ ވާނޭހެން ހެދުމެވެ. އޭރުން ސަފުތައް ހުންނާނީ ޤިބުލައަށް ސީދަލަށް ހެދިފައެވެ. ކޮނޑުން ސީދާ ކުރާނީ ކޮޅަށް (ޤިޔާމުގައި) ހުންނަ ވަޤުތުތަކުގައެވެ. ޤިޔާމު ފިޔަވައި އެހެން ޙަރަކާތްތައް ކުރާހިނދު ކޮނޑު ސީދާތޯ ބަލާކަށް ނުޖެހޭނެއެވެ. ހަށިގަނޑުގެ ތިރީބައިން، ފައިގެ އިނގިލިތަކުގެ ކޮޅަށް ނުބަލައި ފުންނާބަށް ބަލައިގެން ސަފުތައް ސީދާ ކުރުމުގެ ޙިކުމަތެއް ވެއެވެ. އެއީ މީހާ ކޮޅަށް ހުންނައިރު، ހަށިގަނޑު ސީދާ ވެފައިވަނީ ފުންނާބާ ދިމާލުން ކަމަށްވާތީއެވެ. އަދި އެއްބައެއްގެ ފައިތިލަ ދިގުވެފައި އަނެއް ބައެއްގެ ފައިތިލަ ކުރުކޮށް ހުންނައިރު، ފައިގެ އިނގިލިތަކަށް ބަލައިގެން ސަފުތަށް ހަދައިފިނަމަ، ސަފު ސީދަލެއް ނުވާނެއެވެ.

-މިލިޔުން ލިޔެވިފައި ވަނީ، زاد المستقنع ޝަރަޙަ ކުރައްވައި، ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ލިޔުއްވައިފައިވާ ވަރަށް ތަފްސީލީ ފިޤުޙު ފޮތެއްކަމަށްވާ الشرح الممتع އަސްލަކަށް ބަލައިގެންނެވެ.-

([1]) صحيح البخاري (723)، صحيح المسلم (433)

([2])صحيح المسلم (436)

([3]) الشرح الممتع على زاد المستقنع (3/ 10)

([4]) انظر: «الإنصاف» (2/39) .

([5]) الشرح الممتع على زاد المستقنع (3/ 10)، انظر: «الاختيارات» ص (50) .

([6]) فتح الباري لابن حجر (3/ 324)

([7]) الشرح الممتع على زاد المستقنع (3/ 10)