ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އަންހެން ކެޑިޑޭޓުންނަށް އަމާޒުކޮށް، އިންތިޚާބުވުމަށް ބޭނުން ކުރެވޭނެ މުހިންމު މަޢުލޫތައް ހިމަނައިގެން ފަރުމާ ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އެންޑް ޑިމޮކްރަސީ (ޑަބްލިޔު.ޑީ)އިން އިންތިޒާމުކޮށްގެން އެ ޖަމިއްޔާއާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އަދި ވިމެންސް ޑިމޮކްރަސީ ނެޓްވާރކް (ޑަބްލިޔު.ޑީ.އެން) ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ތަމްރީން ޕްރޮގްރާމް ހިންގަން ނިންމައި، ފުރުޞަތު ހުޅުވާލަމުން އެ ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވިމެން އެންޑް ޑިމޮކްރަސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ، ސިޔާސީ އިސް ސަފުގައިއާއި ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ބައިވެރިވުން ފުޅާކޮށް، އެ ދާއިރާން އަންހެނުންގެހުނަރާއި ޤާބިލުކަން އިތުރު ކުރުމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ދިވެހި ރާއްޖޭގައި ސިޔާސީ އިސް ސަފުގައި އަންހެނުންގެ ބައިވެރިވުމާއި ތަމްސީލު ކުރެވޭ މިންވަރު ކުޑަކަން އެއީ ހައްލު ކުރަންޖެހޭ މުހިންމު ކަމެއް ކަމުގައި އަބަދުވެސް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އެހެންކަމުން އަންހެނުން ބާރުވެރިކުރުވައި، ސިޔާސީ ގޮތުން އިސް ސަފުގައި އަންހެނުން ތަމްސީލު ވުމުގެ ފުރުސަތު ފަހިކުރުމުގެ މަސައްކަތަކީ އަބަދުވެސް އެ ޖަމިއްޔާއިން އިސްކަންދޭ މުހިންމު މަސަކަތެއް ގޮތުގައި ވާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

''ރައްޔިތުން މެދުގައި ކުރިޔަށް ގެންދާ ސިޔާސީ ގިނަ ހަރަކާތްތަކާއި މަސައްކަތްތަކުގެ އަންހެނުންގެހަރަކާތްތައް ފުޅާކޮށް ފެންނަން އޮތްއިރު ވެސް ސިޔާސީ ހުރިހާ މަރުހަލާއަކުން މިކަން ތަމްސީލުވުމަކީ އެންމެން އެއްހަމައެއްގައިބައިވެރިވެވޭ. ދެފުއް ފެންނަ ރައްޔިތުންގެ އަޑުއަހާ ސިޔާސީ މާހައުލެއް ބިނާކުރުމަށްޓަކައި މުހިންމު ކަމެކެވެ.''

އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ދިވެހި ރާއްޖޭގެ ހަތަރުވަނަ ލޯކަން ކައުންސިލް އިންތިހާބު ބޭއްވުމަށް ރޭވިފައި ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާހަކާއި އެކު ލޯކަލް ކައުސިލްގެ %33 ގޮޑި އަންހެން ކެންޑިޑޭޓުނަށް ކަޑައެޅިގެންކަން ފާހަގަކޮށް އެޖަމްޢިއްޔާއިން ވަނީ އަންހެނުންނަށް ސިޔާސީ ގޮތުން އިންތިހާބު ވުމުގެ ފުރުސަތު ފަހިވާ މި އިސްލާހާއި އެކު ކޯވިޑް-19 ކާރިސާގެ ކުރިން، އޭޕްރިލް 2020 ގައި އިންތިހާބު ބާއްވާގޮތަށް ކުރިން ކަޑައަޅާފައިވާކަން ވެސް ފާހަގަ ކޮށްފައެވެ.

''އެހެނަސް އިންތިހާބު ލަސްވެ މި ލިބުނު ވަގުތުގެ ފުރިހަމަ ބޭނުން ހިފުމުގެ ގޮތުން ވިމެން އެންޑް ޑިމޮކްރަސީ އިން ރާވަމުން ގެންދިޔަ ތަމްރީނު ޕްރޮގްރާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން އައިއާރްއައި އާއި ޑަބްލިޔު.އެން އާއި ގުޅިގެން ކެންޑިޑޭޓުންގެ ހުނަރުތައް އިތުރަށް ތަރައްޤީވެ އަންހެން ކެޑިޑޭޓުން ބާރުވެރިވާނެ ފަދަ އަދި ދިގުމުއްދަތަކަށް ފައިދާވާނެ ފަދަ ޕްރޮގްރާމަކަށް ތަމްރީން ޕްރޮގްރާމް މިވަނީ ހަދާފައެވެ. ނަތީޖާއެއްގެ ގޮތުން ޤާބިލު ގިނަ އަންހެން ލީޑަރުންތަކެއް ކުރިޔަށް އޮތް އަހަރުތަކުގައި ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދި ސިޔާސީ އިސް ސަފުގައި ފައިހަމަކޮށް، އެންމެންގެ ބައިވެރިވުން އިތުރުވެފައިވާ ޑިމޮކްރަސީއަކާއި ގާތައް ދިއުމަކީ މި ޕްރޮގްރާމްގެ އަމާޒެކެވެ.''

އެޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މިގޮތުން އެ ޖަމިއްޔާއިން ރާވާފައިވާ މަޝްރޫއުގައި މައިގަޑު ދެ ބައި ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ދެބަޔަކީ ސިޔާސީ ބާރުވެރިކަން އިތުކުރުމުގެ ތަމްރީން ޕްރޮގްރާމާއި އަދި ކައުންސިލު ތަކަށް އިންތިޚާބު ވުމުގެ ފުރުސަތު އޮތް އަންހެން ކެންޑިޑޭޓުންނަށް ޚާއްސަ މެންޓަރިންގ ޕްރޮގްރާމް ކަމަށް އެޖަމިއްޔާއިން ބުންޏެވެ. އަދި އެ މެންޓަރިން ޕްރޮގްރާމްގެ މައިގަޑު މަޤްސަދަކީ އޮފީސްތަކަށް އިންތިޚާބު ކުރެވޭ އަންހެނުންނަށް ސިޔާސީ ހުނަރުތަކާއި މަޢުލޫމާތުތައް ފޯރުކޮށްދީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ތަފާތު ލޮޅުންތަކާއި ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ހުނަރު ތަރައްޤީކޮށް އިތުރުކުރުން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

''2021 ވަނަ އަހަރުގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބަކީ ރެކޯޑް އަދަދަކަށް އަންހެން ކެންޑިޑެޓުން ވާދަކުރާ ފަހަރަކަށް ވާތީ މެންޓަރިންގ ޕްރޮގްރާމް އިން އިތުރުވެގެންދާނެ ހުނަރު ތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ދެކެމެވެ. ސިޔާސީ ބާރުވެރިކަން އިތުރުކުރުމަށް ހިންގާ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ދާނީ ދެ ދުވަހަކަށް ބެހިގެންދާ ތަމްރީނު މަސައްކަތު
ބައްދަލުވުންތަކުގެ ގޮތުގައިއެވެ. މި ތަމްރީނުގެ އަމާޒަކަށް ވާނީ، މި ޕްރޮގްރާމްގައި ބައިވެރިވާ އަންހެން ކެންޑިޑޭޓުންނަކީ އެ ބޭފުޅުންގެ ދާއިރާގައި އުފެދޭ ހުނަރުވެރި ޤާބިލު ލީޑަރުންނަށް ވުމެވެ މި ޖަމިއްޔާގެ އުންމީދަކީ މި ފަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިޚާބު ކުރެވިގެންދާ އަންހެނުންގެ ސަބަބުން ގިނަ އަންހެނުން ކުރީސަފަށް ނިކުމެ އެ ބޭފުޅުންގެ ފިޔަވަޅުމަތިން ހިނގާ މުޖުތަމައުތެރޭގައި މިންތީގެ ހަމަހަމަ ކަން ޤާއިމުކުރެވި ސިޔާސީ ދާއިރާއިން އަންހެނުން ބާރުވެރިވެ ބައިވެރިވުން އިތުރުވުމުމެވެ.''

އެޖަމިއްޔާއިން އިތުރަށް ބުނެފައިވެއެވެ.

ފުރުޞަތު ހުޅުވާލާފައިވާ ތަމްރީނު ޕްރޮގްރާމްގައި ކުރިއަށް ގެންދެވޭނެ ބައިތައް

  • އިންތިޚާބު ތަކުގައި އަންހެނުންނަށް އަމާޒުކުރެވޭ އަނިޔާ،
  • ކާމިޔާބު ކެމްޕެއިނެއް ރާވާ ހިންގުން،
  • އޮންލައިންކޮށް ކެމްޕެއިންއެއް ހިންގުން،
  • ކެމްޕެއިން ގެ އުކުޅުތައް ރޭވުން،
  • އިލެކްޝަން ކޮމިޝަނަށް ކެންޑިޑޭޓްގެ ފަރާތުން ބޭނުންވާ ކަންތައްތައް،
  • ކެމްޕެއިން އަށް ފައިސާހޯދުން،
  • ވާހަކަ ދެއްކުންތެރިކަން،
  • ފިރިހެން ބައިވެރިންނާއި ގުޅިގެން މަސައްކަތް ކުރުން.

މި ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މުޅިން ހިލެއެވެ. އަދި މި ޕްރޮގްރާމް ތަކުގައި ކަޑައެޅިފައިވާ މައުލޫތަކަށް ސެޝަންތައް ނަންގަވާ ދެއްވާނީ އެދާއިރާތަކުގެ މާހިރުން ކަމަށް ވެސް ވިމެން އެންޑް ޑިމޮކްރަސީއިން ބުނެފައި ވެއެވެ.

މިއާއިއެކު މި ޕްރޮގްރާމް ގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އިންތިހާބުގައި ވާދަ ކުރާ އަންހެން ކެންޑިޑޭޓުންނަށް ލިއްބައިދިނުމަށްޓަކައި މި ޕްރޮގްރާމް ކުރިޔަށްގެންދާނީ 2021ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ އަންހެން ކެންޑިޑޭޓުން ފާއިތުވެދިޔަ އިންތިހާބުތަކާއި އަޅާ ބަލާއިރު އެތެއް ތަނެއް
އިތުރުވެފައިވާތީ، ވިމެން އެންޑް ޑިމޮކްރަސީގެ މަސައްކަތުގެ އަމާޒަކަށްވާނީ މިފަދަ ފުރުސަތެއްގެ ބޭނުން ހިފައިގެން ދިވެހި މުޖުތަމައުގައިއާއި، ސިޔާސީގޮތް ނިންމުމުގައިއާއި ލާމަރުކަޒީ ނިޒާމުގައި އަންހެނުންނަށް ދާއިމީ ޖާގަ ކަށަވަރުވެ، އަންހެނުންނާއި
ފިރިހެނުންގެ ބައިވެރިވުމުގައިވާ ފަރަޤު ދިގު މުއްދަތަކަށް ކުޑަ ކުރެވިގެން ދިއުން ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ އީމެއިލް info@womendemocracy.org އަށް މެއިލް ކުރަށްވައިގެން ނުވަތަ އެ ޖަމިއްޔާގެ ކޮންމެ ސޯޝަލް މީޑިއާ ޗެނަލެއް މެދުވެރިކޮށް ރެޖިސްޓްރޭޝަން ކުރިޔަށް ގެންދެވޭ ގޮތަށް އެޖަމްޢިއްޔާއިން ވަނީ ހަމަ ޖައްސާފައެވެ. އަދި އެ ޗެނަލްތައް މެދުވެރިކޮށް އަިތުރު މަޢުލޫމާތު ވެސް ސާފު ކުރެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ވިމެން އެންޑް ޑިމޮކްރަސީގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައި ވަނީ 25 ނޮވެމްބަރު 2016 ގައެވެ.