އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދުއެވެ.

Ad
rt

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ މި ޖިމްތަކުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހެއެވެ. އެގޮތުން ޖިމްތައް ގާއިމުކުރާނެ 61 ރަށެއް ކަނޑައަޅައި ކައުންސިލަށް ޖިމް ގާއިމްކުރަން ބޭނުންވާ ބިން ކަނޑައެޅުމަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން މަހްލޫފް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މި ގެނެވޭ ޖިމްތަކަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގަންނަ ތަންތަނަށް ވުން ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމުގައިވާ ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް މި މަސައްކަތުގެ ސަަބަބުން ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ސޮއިކުރުމަށްފަހު ވާހަކަދައްކަމުން މާއްޓޭ ވިދާޅުވީ މި އެއްބަސްވުމަކީ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވޭ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުން ކަމަށާއި މިއީ ސްޕޯޓްސް ކޯޕަރޭޝަނުގެ ތާރީހުގައި ވެސް ހާއްސަ ދުވަހެއް ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.