ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ.) އިން ފަށައިފި އެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމު ކުރުމަށާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 250 ޓަނުގެ 3 ތާނގީ ބެހެއްޓުމުގެ އިތުރުން، މާޅެންދޫގެ ގޭބީސީތަކުގައި ފެންމީޓަރ ބެހެއްޓުމަށާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ނިންމާފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން މަޢުލޫމާތުދެއެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ 25 އިންސައްތަ މަސައްކަތް މިވަގުތު ނިމިފައިވާކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

Ad
rt

މާޅެންދޫގައި ތަރައްޤީކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެރަށުގައި 7.9 ކިލޯ މީޓަރު ދިގު ނަރުދަމާ ނެޓްވޯކެއް ޤާއިމުކޮށް 1 ކިލޯ މީޓަރުގެ ޕަންޕިންގ ލައިން އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އާއެކު 2 ޕަންޕިންގ ސްޓޭޝަނާއި ސީ އައުޓް ފޯލް ޤާއިމުކުރާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. މީގެ އިތުރުން ގޭބީސީތަކުގައި ޖަންގްޝަން ބަހައްޓައިދިނުމާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލްތަކާއި ފެން ތަޙުލީލު ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަޖަމެހިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

މި މަޝްރޫއަކީ ޖުމްލަ 42،975،350.00 (ސާޅީސް ދެމިލިއަން ނުވަލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.