އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ.

ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް ކުރަމުން އައި އެންމެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ޙިއްސާއެއް ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ. ނަމަވެސް ދިވެހިންގެ މަސްވެރިކަމާބެހޭ ވަރަށްގިނަ ކަންތައްތަކެއް މިހާރު މިވަނީ ބަދަލުވެފަ އެވެ. މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލާލާއިރު އެދުވަހާ މިއަދާ ދެމެދު މިވަނީ ވަރަށްބޮޑެތި ތަފާތުތަކެއް އައިސްފަ އެވެ.

Ad
rt

1- މަސްވެރިންނަށެވެ. 2- މަސްވެރިކަންކުރާ އުޅަނދުފަހަރަށެވެ. 3- މަސްވެރިކަންކޮށް އުޅުނު ގޮތަށެވެ. މީގެއިތުރުން ބާނާ މަހުގެ ޢަދަދާ، މަސްބޭނުންކުރަމުން އައިސްފައިވާ ގޮތާ މަހުން ލިބޭ އާމްދަނީގެ އެކި ދައުރަށް ވަނީ ކިތަންމެ ބަދަލުތަކެއް އައިސްފައެވެ.

މިފަހަރު އަޅުގަނޑު މިގަސްދުކުރަނީ، މަސްވެރިކަމާބެހޭ ހުރިހާ ކަންކަމަށް އައިސްފައިވާ ހުރިހާ ބަދަލު ތަކެއްގެ ތަފްޞީލު ދަންނަވައި އެބަދަލުތައް ގެނެސްފައިވާ ތަފާތުތައް ވަޒަންކުރާކަށް ނޫނެވެ. ބޭނުންވަނީ ދިވެހި މަސްވެރިކަމަށް އަންނަ މުންދާ ބަދަލުތަކުގެ ތެރެއިން އިސްވެ ފާހަގަކުރި ދެތިން ނުކުތާގެ މައްޗަށް އަވަސް ނަޒަރަކުން ބަލައިލާ އެކަންކަމާމެދު އެއްޗެއް ދަންނަވާލާށެވެ.

1 - މަސްވެރިން:

އެދުވަސްވަރު މަސްވެރިކަމާ އަޅާކިޔޭނެ އެހެން އެއްވެސް އިޤްތިޞާދީ ޙަރަކާތެއް ނެތުމާއެކީގައިވެސް މަސްވެރިންނަކީ މުޖްތަމަޢުގައި އަގެއްހުރި ބައެއް ނޫނެވެ. އެމީހުންކުރާ މަސައްކަތުގެ އަގު ވަޒަންކުރެވޭ ބައެއް ނޫނެވެ. ބަދުނާމު ލިބިފައިވާ ބައެކޭ ދެންނެވިއަސް އެންމެ ރަނގަޅުވާނެ އެވެ. މިހެނީ، މީހަކު ދެރަކޮށްލުމަށްޓަކައި ތިޔައީ މަސްވެރިއެކޭ ނުވަތަ އެއީ މަސްވެރިއެއްގެ ދަރިއެކޭ ބުނެއުޅެއެވެ. ފިޠުރީގޮތުން އިންސާނަކަށް ލިބުން ޙައްޤުވާ ބައެއްކަހަލަ އުފަލާ ހިތްހަމަޖެހުންތަކަށް އެދުމަކީވެސް އެމީހުން ކޮށްގެންވާނޭ ކަމެއް ނޫން ކަމުގައި އެމީހުންނަށްވެސް ޤަބޫލުކުރެވިފައިވާ ކަހަލައެވެ.

ރައްކައުތެރިކަމަށްޓަކައި ބޭނުންވާ ބައެއް ބާވަތުގެ ކަންތައްތަކަކީ މަސްވެރިންގެ ފެންވަރު ކަމަށް ނުވާތީ އެފަދަ އެތައްކަމަކުންވެސް ތިބެންޖެހެނީ މަޙްރޫމް ވެފައެވެ. ޢާންމުގޮތެއްގައި ގަމީހެއް ޤަންޖުފަރާހެއްފަދަ އެއްޗެއް ގަޔަށްލުމަކީވެސް އެމީހުން ކޮށްގެންވާކަހަލަ ކަމެއް ނޫނެވެ. އިރުވައި މޫސުމުގެ ގަދައަތްވާ ހޫނު އަދި ހުޅަނގު މޫސުމުގެ ތެތްފިނި ނުވަތަ ބޯވާރޭ ދިފާޢުކުރަނީ އެމީހުންގެ ގައިގެ ހަމުންނެވެ. އޮރިޔާން ނިވައިވުމުން އެނިމުނީއެވެ. އިތުރު ދާފަރާއެއް އޮންނާކަށް ނުޖެހެއެވެ.

ކެއިން ބުއިމުގައިވެސް މަސްވެރި ފެންވަރަކީ ވަރަށްލުއި މިންވަރެކެވެ. އިރުވައި މޫސުމުގައި ލައިގެން ކާއެއްޗަކީ މަހާ ގަރުދިޔައެވެ. ހުޅަނގު މޫސުމުގައި ޢާންމުކޮށް ރިހާކުރެވެ. މަހަށްގޮސް އުޅޭއިރު މުޅި ދުވަހުގެ ކެއުމަކީ ވަޑިގޮނެއްގައި ގެންދާ ފަތަފޮޅިއެކެވެ. ނުވަތަ ރޮށްޓެކެވެ. ނޫންނަމަ މައްޗަށް ހާރިހާކުރު ކޮޅެއް އަޅާލައި ހިކިމިރުހެއް ވައްޓައިލައިގެން ގޮނު ތެއްޔެއްގައި ގެންދާ ރޭ ކެއްކި ބަތްކޮޅެކެވެ. މީގެ އިތުރުން މަސްކަނޑުމަތީ އުޅޭއިރު ލިބޭނެ ކާބޯއެއްޗަކީ ހަމައެކަނި ފެން އުނބެކެވެ. މަޅުފޮއްޗަކުން ނުވަތަ ފިލާކޮޅަކުން މަތިނިވާކޮށްލާފައި ކަފިބުޑުގައި ހުންނަ ފެންރުނބާ ހުސްވަންދެންނެވެ.

ރެއެއް ދުވާލެއް ނެތި ހޫނެއް ފިންޏެއް ނުބަލައި މިބުރަ މަސައްކަތްކުރާ މަސްވެރިންނަށް ހަފްތާތެރޭގައި ލިބޭ ޗުއްޓީ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ މަހަށް ނުދާ ދުވަހެކެވެ. ހަފްތާގެ ޢީދު ދުވަހެވެ. މިދުވަސް ފެށެނީ އޮޑި އެހެލުމުގެ މަސައްކަތާ އެކުގައެވެ. އޮޑި އެހެލުމަށްފަހު އޮޑީގެ ފެހިކަހާ އޮޑިދޮވެ ނިމިގެން ގެއަށް އައިސް ކޮންމެވެސް ނާސްތާއެއް ކޮށްލައިގެން ދެން ފަށަނީ ގޯތި ގެދޮރުގައި ހުންނަ އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. ބައެއްފަހަރު ކުދި މަސައްކަތެވެ. އަނެއްބައިފަހަރު ތަންކޮޅެއް ބޮޑެތި މަސައްކަތެވެ. ގިނަދުވަސް ދުވަހަށް މިހެން ހުންނަ މަސައްކަތް ހުކުރުގެ ކުރިން ނިމޭނީ ހަމަކިރިޔާ އެވެ.
ދުވަސްދުވަހު ހުކުރުގެފަހުން ކޮށްލާނެ ކަންތައް ހުންނާނެއެވެ. ބައެއް ހަފްތާގައި އަނެއް ހަފްތާއަށް ލަސް ކޮށްލައި ބަހައްޓަން ޖެހޭ މަސައްކަތްވެސް ހުރެދާނެއެވެ.

މީގެ އިތުރުން ހުކުރުގެ ފަހުން ކުރާ ކަންތައްތަކުގެ ތެރޭގައި މަހަށްދާ ދޯންޏާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްވެސް ހުރެއެވެ. ދޯނީގައި ބޭނުންކުރާ ތަކެތީގެ ތެރެއިން މަރާމާތު ކުރަންވެފައި ހުންނަ ތަކެތި މަރާމާތު ކުރުމާ ހަލާކުވެފައި ހުންނަ ތަކެތި ހެދުމާ އިތުރަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްފަދަ އެތަކެއް ކަމެއް ނޯންނަ ދުވަހެއް ހަމަ މަދުވާނެއެވެ. މިގޮތުން ވީދިފައި ހުންނު ރިޔާ ފަހާލުން ކުރެވި ކެނޑިފައި އޮވެއްޖެނަމަ ކުރެވި ޖަހާލުން ދިއްސެއް މަދު ވެފައި ހުރެއްޖެނަމަ އެދިއްސެއްލުން ފުޅައިގެން ގޮސް އޮންނަ އެންދަމާ ދައު ހެދުން، ދޮށްޓެއް ހާނައިލައި ބަދަމަތި ޖަހާލުން ފަނާގަލެއްގައި ދަނޑިލުން، ފަލީގެ ޅާނބު ބަންނަ މާރު އެޅުންފަދަ މަސައްކަތްތަކަކީ ވަރަށް ޢާންމު ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކެވެ. ދުވަސް ނިމިގެންދާނީ ހެނދުނު އެހެލި ދޯނި ބޭލުމުގެ މަސައްކަތާ އެކުގައެވެ. މިއީ "ޗުއްޓީ" ދުވަސް ހޭދަކޮށްލާ ގޮތެވެ.

މޫސުމް ނުބައިވުން ނުވަތަ އެހެންވެސް ސަބަބެއް މެދުވެރިވެގެން މަހަށް ނުގޮސް ރަށުގައި ތިބެން ޖެހިއްޖެނަމަ، ވަކަ ކަނޑައިގެން ވަކަހަދައި، ވައު ވެލާވެލި އެޅުންފަދަ ކޮންމެވެސް މަސައްކަތެއް ކުރާނެއެވެ. ތިމާ މަހަށްދާ ދޯނީގެ މިބާވަތުގެ މަސައްކަތްކޮށް އުޅެނީ މުސާރައަކަށް ނުވަތަ އުޖޫރައަކަށް ނޫނެވެ.

މަސްވެރިންނަކީ މިއަދު މުޅިން ހާލަތު ބަދަލުވެފައިވާ ބައެކެވެ. މުޖްތަމަޢުގައި ޙައްޤު މަޤާމު ޙިއްޞާ ކުރާ ބައެކެވެ. ކުރާ މަސައްކަތުގެ އަގު ކުރިން ވަޒަން ނުކުރިއަސް މިއަދު އެމަސައްކަތުގެ އަގު ވަޒަންކުރެވޭ މަސައްކަތެއްކުރާ ބައެކެވެ. އެބައިމީހުންނަށް ލިބެންޖެހޭ ތާރީފާ ސާބަހުގެ އަޑުއުފުލެމުން އަންނަ ބައެކެވެ. ޢިއްޒަތްތެރިންގެ ތަޤުރީރުތަކާވާހަކަފުޅުތަކުންނެވެ. ޚަބަރުފަތުރާ ވަޞީލަތް ތަކުން ނެވެ. "ދިވެހިރާއްޖޭގެ އަޑާ" " ޓެލެވިޜަން މޯލްޑިވްސް " އިންނެވެ. ކޮންމެ ދުވަހެއްގެ ޕްރޮގްރާމްތަކުގައި މަސްވެރިންގެ ނަން ކިޔެއެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު އެމީހުންނަށް ޚާއްޞަ ޕްރޮގްރާމެއް ފޮނުވެ އެވެ.

ޢަހަރަކު އެއްފަހަރު އެބައިމީހުން ގެ ނަމުން ނަ ން ކިޔޭ "މަސްވެރިންގެ ދުވަހެއް” ފާހަގަކުރެވެއެވެ. ޤައުމީ ފެންވަރުގައެވެ. ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުދިބޮޑު އެންމެން ތިބެނީ އެދުވަހަށްޓަކައި ބަލަބަލައެވެ. އިންތިޒާރުކޮށްކޮށެވެ. ރާއްޖޭގެ އެންމެ މަތީ ވަލީއާއި ހަމައިން އެދުވަހު މަސްވެރިންގެ ޙައްޤުގައި ވަގުތުތައް ޤުރުބާން ކުރައްވައެވެ. ސަރުކާރުން ބޮޑެތި ހޭދަތައް ކުރައްވައެވެ. ފާހަގަކުރެވޭ ރޮނގު ރޮނގުން އިނާމު ތަޝްރީފު ދެއްވައެވެ. ހިއްވަރުދިނުމުގެ އިނާމެވެ. ޝަރަފުވެރިކަމުގެ އިނާމެވެ. ކަމާބެހޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެކި ގޮތްގޮތުން ޝަރަފުވެރި މަޤާމުތަކަށް އުފުއްލަވައެވެ. ކަމާބެހޭ މަޢުލޫމާތު އިތުރުކޮށް ފެތުރުއްވުމުގެ މަޤްޞަދުގައި ލިއުންތައް ލިޔެވެއެވެ. ފޮތްތައް ޝާއިޢު ކުރެވެއެވެ. އުފެއްދޭ ލަވަތަކާ ރާގުތަކުން ޖައްވު ގުގުމަމުން ދެއެވެ. މަސްވެރިކަމުގެ މައުޟޫޢުގައި އިލްމީ ހޯދުންތައް ހޯދައި ޓެކްނޮލޮޖީގެ އައު އުފެއްދުންތައް ތަޢާރަފު ކުރެއްވުމަށް މަސައްކަތް ކުރެވެއެވެ. އުނގެނޭ ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލް ތަކުގައި މަސްވެރިކަމާބެހޭ ފިލާވަޅުތައް ދެވެއެވެ.

އެހެން މީހުންނެކޭ އެއްފަދައިން މަސްވެރިންނަށްވެސް އެމީހުން ބޭނުން ކޮންމެ އުފަލެއް މިއަދު ލިބިގަނެވިދާނެއެވެ. ހައިބަތުގެ ބޮޑުކަލާ އުސްކަމުން ނުވަދެވޭނެ ގެއެއް ޢިމާރާތެއް ނެތެވެ. އަގުބޮޑުކަމުން ނުލެވޭނެ ހެދުމެއް ނުހުރެއެވެ. މީރުވެގެން ނުކެފޭނެ ކެއުމެއް ނޯވެއެވެ. މަސްވެރިކަމުގެ މަސައްކަތުގައި ކަނޑުމަތީގައި އުޅޭ ވަގުތު ތަކުގައިވެސް މޫނު ކޮފީ އާ ފިނި ޖޫސްފަދަ ބުއިންތައް ލިބެއެވެ. ގިތެޔޮރޮށްޓާ ހަނާކުރިމަސްފަދަ ކެއުންތައް ކައި އުޅެނީ ތާޒާކަންމަތީގައެވެ. ކޯލާއާ ނޫޑުލްސް އަކީ މަސްވެރިން ކިޔާ ގުޅޭ ކެއުމުގެ ލަވައިގެ އެންމެއިސް އެއްކަޑިއެވެ. ނުވަތަ މައިގަނޑެވެ. މިއަދު މަސްވެރިންގެ ނިސްބަތުގައި އެބައިމީހުންނޭ ކިޔުމަށްވުދެ ހިތްހަމަޖެހެނީ އަހަރެމެންނޭ ކިޔުމުންނެވެ.

2 - މަސްވެރިކަންކުރާ އުޅަނދުފަހަރު

ފަށާނީ ކޮންހިސާބަކުން ތޯއެވެ؟ ފަންރިޔަލުގެ ތާރީޚު ތަންކޮޅެއް ކުރީގެ ދުރު މާޒީއެއްގެ ގޮތުގައި ނިވައިކޮށްލާނީއެވެ. ކަތިރިޔަލުގައި ދަތުރުފެށިޔަ ދެއްވާށެވެ. އަނގަމަތީ މަސްދޯނިފަހަރެވެ. ދިގުމިނުގައި ހުންނާނީ ސޯޅަސަތާރަ ރިޔަނެވެ. ފޫޓުން ބަލާނަމަ ގާތްގަނޑަކަށް ތިރީސްފަސް ފޫޓާ ސްޅީސް ފޫޓާ ދެމެދުގެ ދޯނިފަހަރެވެ. އަޢު ދޯނިފަހަރަށްވުރެ ގިނަވާނީ ބައުދޯނިފަހަރެވެ. ބަދުވަނީ އައުވުމުގެ ފަހުގައިކަމަށްވިޔަސް ބައިކަންމަތީ ހޭދަކުރާ މުއްދަތު ދިގީއެވެ. އައުކުރެވޭލެއް ލަހީއެވެ. ބައުދޯނިފަހަރު ދުއްވާ ވަގުތު ތަކުގައި ގަޑިޔަކު ދިޔަގަނޑެއްހެން ދިޔަ ހިއްކަން ޖެހޭނެއެވެ.

ނުދުއްވާ ފަޅުގައި އަޅާފައި އޮތަސް ރެއަކު އެއްފަހަރު ނުވަތަ ދެފަހަރު ދޯންޏަށް އަރައި ދިޔަހިއްކަން ޖެހޭނެ އެވެ. ދިޔަހިއްކާނީ ދިޔަހިއްކާފައިން ނުވަތަ ކުދިވަރުގެ ބާލިދީންނެވެ. ދިޔަގަނޑު ހިއްކާލެވޭއިރު ހުންނާނީ ދެ ކޮނޑު ވެއްޓޭވަރުވެފައެވެ. އޮޑި ގަނޑުގެ ހާލު މިފެންވަރުގައި ހުންނަ އިރު އޮޑީގައި ގެންގުޅޭ ސާމާނުގެ ހާލުވެސް ވަކި ސަހަލެއް ނޫނެވެ. ރިޔަލުގެ ބަޢުކަމެވެ. ފޮތިލިބުން ދަތިކަމެވެ. ލިބުނަސް ނިސްބަތުން އަގުބޮޑުކަމެވެ. ރިޔާފަހާނޭ ފޮށި (ފަހާފޮށި) މަދުކަމެވެ. ފޮށިން ފަހަން ދަންނަ މީހުންވެސް މަދުކަމެވެ. ރޭގަނޑު ފުޅިބައްތިއެއް ނުވަތަ އަތްބައްތިއެއް ދިއްލައިގެން އަތުންފަހާ ތިނޯހުން ރިޔާފަހާ އުޅުނު މަންޒަރު އަޅުގަނޑުވެސް ދުށީމެވެ. ބައެއްފަހަރު ރިޔާ ތެމިފައި އޮވެގެން ނުފެހިގެން އުޅެން ޖެހެއެވެ.

އެންދަމަން ގެންގުޅެނީ އުއިން ދޮދި އަޅައިގެން އަތުން ބަނދެފައިހުންނަ އުއިދަލެވެ. މަޝްހޫރު ބުރެކިދަލެވެ. ދަލަކީ އަބަދުވެސް އެންމެ އައު ދުވަސްވަރުވެސް މަރާމާތުކޮށް ހަދަންޖެހޭ އެއްޗެކެވެ. ދޮށިބޮނޑިއަކީވެސް ސިފަކޮށްލަންޖެހޭ އެއްޗެކެވެ. މުޅިންހެން ހުންނާނީ ރާއްޖޭގައި ހައްދާ އޮނުދޮށްޓެވެ. ބަންގާޅު ކުދެހިދޮށި ވަރަށް މަދުވާނެއެވެ. ކިރިއްޔަކީ ސަރަކައިން ނުވަތަ އަތުން އުއިއަނބުރައިގެން އަޅާފައި ހުންނަ އެއްޗެކެވެ. ވިޔަވާލި ހުންނަނީ ރުވާގަހުން ރުވާނަގައިގެން ޢަތުންފަށާފައެވެ. މަސްބާނާ ބުޅިޖަހަނީ އެކިވަރަށް ހުންނަ ދަގަނޑު ތަޅައިގެންނެވެ. ކަނބުރުންނެވެ. ބުޅި ބޭނުން ކުރެވެނީ ހުތަށްއަޅާ ސާފުކޮށް ތިމަރަލައިގެންނެވެ.

މިޒަމާނުގައި މަހަށްދާ ދޯނިފަހަރު މިވަނީ މިނުގެގޮތުން ވަރަށް ތަފާތުވެފައެވެ. ސޯޅަސަތޭރަ ރިޔަނުގެ ދިގުމިނުގައި ކުރިން ހުރި ދޯނިފަހަރުގެ ބަދަލުގައި މިހާރު ގެންގުޅެނީ ފަސްދޮޅަސް ފޫޓް ނުވަތަ
އަށްޑިހަ ފޫޓުގެ ބޮޑެތި ދޯނިފަހަރެވެ. ވައްތަރާ ސިފަވެސް ބަދަލުވެފައެވެ. ދިގުމޮލަށް ނުވަތަ ކުރު މޮލަށް ޖެހި މަސްދޯނިފަހަރު މަދުވެ ތައްޓުއެޅި ޔާޑުދޯނި ފަހަރަށްވެފައެވެ. ސެކަންޑް ޖަނަރޭޝަންގެ ދޯނިފަހަރެވެ. މިހާރަކު މަހަށްދާކަށް ބައުދޯނިފަހަރެއް ނުގެންގުޅެއެވެ. ރިޔަލުގައި ދުއްވި ދުއްވުންތައް އިންޖީނަށް މުޅިން ބަދަލުވެފައެވެ. ޔަންމާ ޓޫ. ޓީ އިން ފެށުނު ފެނުން ހަތަރު ސިލިންޑަރ ނުވަތަ ޙަސިލިންޑަރގެ ބޮޑެތި އިންޖީނަށް ބަދަލުވަނީއެވެ. އަދި މިއަށްވުރެވެސް ބޮޑެތި އިންޖީނަށާ ދޯނިފަހަރަށް ހިތްއެދެ އެވެ. ޔަންމާ ފިޔަވާ ތަފާތު ބްރޭންޑްތަކުގެ އިންޖީނު ތަޢާރަފުވަމުންވެސް އެބަދެއެވެ.

އެންދަމާ ދުލަށް ބަލައިލާއިރު ކުރިން ގެންގުޅުނު ސޯޅަމުށުގެ އުއިފަލުގެ ބަދަލުގައި މިހާރު ގެންގުޅެނީ މީގެ އެތައް ގުނައަކަށް ބޮޑެތި ނައިލޯނު ދުލެވެ. އޮނު ދޮށިން ހެދިފައި އޮތް ދޮށިބޮނޑި ބަންގާޅު ކުދެހިދޮށި ފަހަނަޅައި ފައިބަރު ދޮށްޓަށް ވެއްޖެއެވެ. ކުރީގެ އުއިކަންވާރާ ރުވާމިޔަވާލި ދޫކޮށްލައި ބޭނުންފަލަމިނެއްގެ ނައިލޯނު ކަންވާރު މުޅިން ޢާންމުވެފައެވެ. ތަޅާމަރައިގެން ހެދި ބުޅީގެ ބަދަލުގައި މިހާރު ގެންގުޅެނީ
ފަތްލީ ޖަޕާނު ބުޅި އެވެ. ބައެއް މަސްވެރިން ކިޔާ ނަމުން ދަންނަވާނަމަ ސަތޯބުޅި އެވެ. ގުދުދަމައިނުލައި ދިޔަހިއްކާ ފައިން ހިއްކާ އުޅުނު ދިޔަހިއްކުން ޕަމްޕު ޖައްސާލުމަކަށް ލުއިވެއްޖެއެވެ. ދިޔަހިއްކާފައި އޭގެ
މަގާމު ދޫކޮށް އާސާރީގޮޅި އަކުން ޖާގަހޯދައިފިއެވެ.

3- މަސްވެރިކަން ކޮށްއުޅުނު އަދި އުޅޭގޮތް:

މުލުހާލުގެ ތުނބަށް މަސްވެރިން ތަންމަތިދޫކޮށް މަހަށް ދިޔުމަށްޓަކައި ތެދުވާނެ އެވެ. ފިރިމީހާ މަހަށްދާން ތެދުވާއިރު އަނބިމީހާވެސް ތެދުވާނެއެވެ. ފިރިމީހާ މަހަށްގެންދާ ގޮނުއަޅައިދިނުމަށެވެ. ފަޖުރުލުމުގެ ފަހުން ފުރާ ރެއެއްނަމަ، ގޮނު އަޅަން ވާއީރަށް ފިރިމީހާ ފަތިސް ނަމާދު ކޮށްގެން ގެއަށްއައިސް މަހަށްދާން ނިކުންނާނީ ދެނެވެ. ދާނީ ދުވާލުހަތަރުދަމުގެ ކޮއްތު ލުއިކަމާއެކު އެއްއަތުން ހިފާލައިގެންނެވެ. މަސްއޮޑިއަށް
އެރުމާއެކު އޮންނާނީ މަސައްކަތް ފެށިއެވެ. މަސްވެރިކަން އެންމެ ރަގަނޅު އިރުވައި މޫސުމަކީ ކަނޑުމަޑު ވައިވެސް މަޑު މޫސުމެވެ. އަދި މިމޫސުމުގައި ހެނދުނު ފިނިމަތީގައި އެއްގޮތަކަށްވެސް ވައެއް ނުޖެހޭނެއެވެ. ވައިފިންޏަށް މާރުކޮށްފައެވެ. ކަނޑު ތެމާވެފަ އެވެ. އެހެން ކަމުން ރިޔާނެގިނަމަވެސް ރިޔަލަކު ވައެއް ނާޅާނެއެވެ. ޖެހޭނީ ފަލިބާލާށެވެ. އަތޮޅުގެ ހުޅަނގު ބިތުގެ ފަރުފަރާ ހާހަލުން އެންލިބެން ހުންނަ ދުވަސްވަރެއްނަމަ އެދިމާއަށެވެ. އިރުމަތީ ބިތުން ނަމަ އެފަރާތަށެވެ. ދާނީ ފަލިޖަހާފަ އެވެ. ބައެއްދުވަސްދުވަހު އިރުއެރުމުގެ މާކުރިން އަނެއްބައިދުވަސް ތަން ކޮޅެއްފަހުން އެންބޭރަށް ދެވެއެވެ. ކިތަންމެ އަވަހަށް
އެންބޭރަށް ދެވުނުނަމަވެސް އެންއަޅަން ފަށަނީ ރަނގަޅަށް އަލިވީމައެވެ. ނުވަތަ އިރުއެރީމައެވެ. ދަލުގެ ހަތަރުކަނުގައި ދަނޑި އައްސައި އަޑިއަށް ދާފައްތައިގެންނެވެ. އެއްދަނޑިން އަޑީގައި ނުޖެހޭނަމަ ދަނޑީގައި ދަނޑިއައްސައި ފައްތަރުލައިގެންނެވެ. މިކަމަށް އެންމެ ޢާންމުކޮށް ގެންގުޅެނީ ކަނޑޫދަނޑިއެވެ.

މިޒަމާނުގައި އެންމެފުސޭހައިން އެންހިފޭކަމަށްވަނީ ރޭގަނޑުއެވެ. ދިއްލާ އަލިކޮށްގެންނެވެ. ލޮލަށް ނުކުޅަދާނަ ދިއްލުންތަކެވެ. ހާސްދޮޅުހާސް ވޯޓްގެ ދިއްލުންތަކެވެ. ބައެއް މަސްވެރިން ދެކޭގޮތުގައި މިގޮތަށް، އެންހިފުމަކީ ދާއިމީ އެންވެރިކަމަށް ވަރަށް ގެއްލުން ހުރިކަމެކެވެ. އެމީހުން ބުނާގޮތުގައި ގަދައަށް އަލިކޮށްލީމާ ހަލުގައިތިބޭ ހުރިހާ އެމަކާ އެވަށްވާން ހުރި ހުރިހާ އެންފަނިތައް އައްޔަށް އާދެ އެވެ. ދަލުގައި ތޭރިލާ ހުރިހާ އެމެއް ހިފެއެވެ. ތޭރިނުލާ އެއްޗެއް ވިއްޔާ ވަނީ މަރެވެ. އަނެއްދުވަހު އެހަލަށް ދާއިރު އެތަނުގައި "ދިރޭތާކު ޚަލްޤެއް" ނުހުރެއެވެ. ބެލެނީ ގަދައައްޔަކަށްފަހު ނިވާލީމާ ހަލުގައިތިބޭ ކުދި އެންފަނިތައް މަރުވަނީކަމަށެވެ. މިކަމުގެ ހެއްކެއްދެއްކުމުގެ ގޮތުން މަސްވެރިން ބުނަނީ އަލިކޮށްގެން ހިފާގެން އޮޑީގައި ބަހައްޓަންޖެހެނީވެސް އަލިކޮށްގެން ކަމަށްވެފައި އިރު އެރުމުގެ ކުރިން ނިވާލައިފިނަމަ ދޯނީގައިހުންނަ އެންވެސް މަރުވާކަމަށެވެ.

އެންއަޅާ ނިމުމާއެކު އެވީ މަސްކަނޑަށް މިސްރާބުޖަހާށެވެ. އެންއެޅި ޝަރަޙައްދާ އެންމެދުރު ފަރާތުގައި މަސްވެރިކަން ހުއްޓަސް އެދިމާއަކަށް ދަނީ އެވެ. ރިޔަލުގެ ޒަމާނުގައި ވައިނުޖެހޭނަމަ ފަލިޖަހާފައެވެ. ވައިޖެހޭނަމަ ރިޔަލުގައެވެ. ބައެއްމީހުން ކުޑަކޮށް ނިދާލިނަމަވެސް އަނެއްބަޔަކު ލޮލުފިޔަ ޖަހައިނުލާ ތިބެނީ މަސްއައިނެއް ފެނޭތޯ ދެލޯ ތަންމިނަށް ހުޅުވައި ލޯބޮޑުކޮށްގެން ބަލާށެވެ. ކިރިޔާ ދޫންޏެއްގެ ފިޔަކަށި
ދައްކާލިއަސް ނުވަތަ ފުޅެން ގެއްގެ ހިލަމެއްވިއަސް ވަރަށް ފަރުވާތެރިކަމާއެކު ސަމާލުވާނެއެވެ. ދުރުން އެހެން ދޯންޏެއް މަހަކާ އުޅޭހެން ހީވިޔަސް ކަޅިޖަހައިނުލާ އެދިމާއަކަށް ތިބޭނީ ބަލަބަލައެވެ. ބެލެން އޮތްގޮތަކުން ބަލާ ކަށަވަރު ކުރުމަށްފަހު އެދިމާއަކަށް ދަތުރުކުރަނީއެވެ. އައިނެއް ފެނިއްޖެނަމަ އައިނަށް އަރަނީއެވެ.

" އަރާއައިނަށް ލަމޭ ދެމިއެން، މަހާއޮޑިއާ ގަޔާވަންދެން،
މަހަށް ބުޅިނޭންގުމަށް ލަމެފެން، ދެނޭ މަސްބާނަނީ އެދަތުރު "

ފެންނަނީ (ފެން އުކަނީ) ފެން ފުޅަފިންނެވެ. ދަސްފިލާގަނޑުގެ ފަހުފޮތީގައި ތިބެގެން އަތުގެ ބުރު ނޭނގޭވަރަށް ފެން އުކާލާ މަސްވެރިން ގިބޭކަމަށްވެއެވެ. ޢާންމުކޮށް އަޅާނީ ހަތަރުދޮށްޓެވެ. ފަޑީކޮޅަށް މަސްއަރާފައި ހުންނަ ދަހި އައިންތަކުން މަސްބާނާއިރު އެ މީހަކު ތިބިތަނަކުން މަސްބާނާކަމަށްވެ އެވެ. ބައެއްފަހަރު އެން ނާޅައި ހުސް ބުޅީގައިވެސް މަސްބާނާކަމަށްވެއެވެ. ހުސްބުޅީގައިމަސްބޭނުމަކީ ބުޅީގައި އެމެއް ނާޅައި ހުސް ބުޅި ކަނޑަށް ޖެހީމާ ބުޅީގައި މަސްގަންނަ މަސްބޭނުމެވެ.

މަސް އައިން ހޯދުމަށް ދަތުރުކުރާއިރު ގެނބުރަށް ނިކުންނާނީދުވަހުގެ މޫސުމަށް ބަލައިގެންނެވެ. ވަކިވަރަކަށް ހަވީރުވީމާ އެވީ އަތްދަށުއަތަށް އަނބުރާލާށެވެ. ޖަހާލާތްކު ފުޅެންގެއްވެސް ނުފެނި ރަށަށް އަންނަންޖެހޭ ކިތަންމެ ދުވަހެކެވެ. އެންމެމަހެއް ނުބޭނޭ ދުވަހުވެސް އޮޑިއަށް އެން އެޅީއްސުރެ އެން އޮޑި ކަހާލެވެންދެން ތިންވަތުން ދިޔަނަގަން ޖެހޭނެ އެވެ. މިގޮތަށް ދިޔަހިއްކާއިރު ދިޔަފަޔާއެކު ހިސާބަކަށް އެންވެސް ކަނޑަށް ދާނެ އެވެ. ބޭރަށް މިދާ އެމުގެ ހިލަން ބަލައިގެން މަސް، ދަތުރުކުރާކަމަށް ބެލެ އެވެ. މިބެލިބެލުމަށް އިތުރު ޔަޤީން ކަމެއް ލިބެނީ ގެނބުރަށް ނިކުންނުމަގުން އެނބުރި އަންނައިރު ކުރިން ނުފެންނަ މަސް އެންތައް އެޅުނު ހިސާބުގައި ފަހުން ތިލަވެގެން އުޅޭތީކަމަށް ބުނެއެވެ. ދުވާލު ހަތަރުދަމު މަހާއުޅެފައި މަހެއް ނުފެނިގެން އަންނަދުވަސްދުވަހު އެންއޮޑި ކަހާލާނީ (އެންއޮޑި ހުސްކޮށްލަނީ) ކަނޑު އޮޅިމައްޗަށެވެ. ނަތީޖާއަކީ އެންފަހާ ދަތުރުކުރާމަސް ރާއްޖޭގެ ގޮނޑަށް އައުން ކަމަށްވެދާނެއެވެ.

މިހާރުގެ ގޮތަކީ އެންއަޅާ ނިމުމާއެކު " މެކުހަށް ޖަހާފައި މިނިކާރާއްޖޭގެ ޤަސްކުރުބަލަން" ދުއްވުމެވެ. މަހަކާ ދިމާނުވާނަމަ އިރުއޮއްސެންދެން ދުއްވާނީ ބޭރަށެވެ. ދިޔަހިއްކާނީ ޕަމްޕުންނެވެ. މީގެ ހޮޅިއަކުން އެންމެ އެމެއްވެސް ބޭރަށް ދާނެކަމެއް ނޭނގެއެވެ. ހުރިހާ އެމެއް އުކާ އުކާ ހުސްކުރަނީ ރާއްޖެއާ އެތައް މޭލެއްގެ ދުރަށެވެ. އޭރުވެސް އަދި މިހާރުވެސް އެން ބޭނުންކުރަނީ މަސްބޭނުމަށެވެ.

ނަމަވެސް އެމުން އަދާކުރެވޭ ދައުރު ކުރިއާ މިހާރު ވަރަށް ތަފާތެވެ. ކުރިން ރާއްޖޭގެ ފަރުފަރުންނާ މާހަލުން ނުވަތަ ފަޅުފަޅުންނާ ބޭރުބޭރުން އަޅާ އެންތައް ހުސްކޮށްލަނީ މަސްކަނޑުތަކުން ރާއްޖޭގެ ގޮނޑަށެވެ.
މިހާރު ހިފާ އެން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ނިމޭއިންމައްޗަށް ރާއްޖެ ނުފެންނަ ހިސާބު ދުރަށެވެ.

ރިޔަލުގައި މަހަށް ދިޔައިރުވެސް މަސްބާނައިގެން އިރުހުއްޓާ ރަށަށް އާދެވޭ ދުވަސް އާދެއެވެ. ޢިރުހުއްޓާ ނާދެވި ރޭގަނޑު އެގާރަ ބާރަޖަހާއިރު ނުވަތަ އެއަށްވުރެވެސް ދަންވާފަހުން ފަހުން އަންނަ ރޭރޭ ދެއެވެ. މިހާތަނަށްދާ އިރު (އެދުވަސްވަރުގެ ދިރިއުޅުން ހުންނަގޮތުން) ރަށުގައިތިބޭ މީހުން ތިބޭނީ ނިދާފައެވެ.

އޮޑި ނުލަފާތީ މަސްއޮޑި އަތިރިން ނާދެވިފައި ތިބޭ އޮޑި ގޯތިފަރާތުގެ ބައެއް ފިރިހެނުން ގޮނޑުދޮށުގައި ތިބެއެވެ. ރޭގަނޑުގެ ފިނީގައި ތިބުމުގައި ބިޑިއަކަށްފަހު ބިޑިއެއް ރޯކޮށްލާނެއެވެ.މިހެން ތިބޭ ތިބުމުގައި ކުޑަކުދިން ގޮނޑުދޮށުގައި ޖަހާފައި ހުންނަ އަލިފާން ގަނޑުގަނޑުން ހީފިލުވައި ހަދަ އެވެ. ފޫހިފިލުވުމަށް ނުވަތަ ހީފިލުވުމަށް ގޮނޑުދޮށުގައި އަލިފާން އެންދުމަކީ ރަށުތެރޭގައި އުޅޭ ހަލަބޮލި ޢުމުރުގެ ކުދިން ކަކުނިހިފުމާ އެއްކުއްޖަކު އަނެއްކުއްޖަކަށް ކުރެވުނު ޖެއްސުމަކާ ގޯނާއެއް ކުރާނެއެވެ. މިހެން އުޅޭ އުޅުމުގައި ވަރުބަލިވެގެން ޖައްސާލާ ތަނުން ބައެއްކުދިން ނަށް ގޮނޑުދޮށު ދޮންވެލިގަނޑު މަތީގައި ނިދިފައިވެސް ތިބެއެވެ. ފުށުވާޖަހާ މުންޑާމު ބުޑުގައި ނިދިގަނޑު އަޅާލާ ކުދިން އުޅެއެވެ. ބައެއް ކުދިން މާބޮޑަށް ދަންވީމާ ގެއަށް ދަނީއެވެ. ދެން ތިބޭނީ ވަރަށް މަދުބައެކެވެ.

މިހެން ތިއްބާ މާދުރުން އަންބާގެ އަޑުއިއްވާލާފައި ފަލިޖަހާ މަރަމުން މަސްއޮޑި އަތުވެދާނެއެވެ. ކިޔަދޮޅިއްސަ، ދެއްސަ ބާނާލައިގެންނެވެ. ނުވަތަ ފަސްހިޔަހައްސަ ދަމާލައިގެންނެވެ. ދެނަކާދެނެއް ނޯންނާނެ އެވެ. ހުރިހާ އަންހެންވެރިން ތެދުވެ މޫދުން ލޮނުގެނެސް ތޮށަލިއަޅައި މަސްކައްކާ ލޯގަނޑުތައް އުނދުން މައްޗަށް އުދަންފަށައިފާނެއެވެ. ނިދީގެ އަސަރެއްވެސް ނުހުންނާނެއެވެ. ފިރިހެނުން މަސްވީދައި (މަސްކަރުއަޅައި)
މަސްތައް ގެއަށް އުފުލަން ފަށައިފާނެއެވެ. އެކިމީހުން އެކިގޮތަށެވެ. އެއްބަޔަކު ދެއަތުގެ އިނގިލިތައް ދޭތެރޭގައި މަސްތަކުގެ ނިގޫފަތް އަޅުވާލައިގެންނެވެ. އަނެއްބަޔަކު މަސްތައް އައްސައި އޮނުގަނޑު ނުވަތަ
ތަންޑިޔަލުގައި އަޅުވައިގެން ނެވެ. މަސްގެން ނަމީހުން މަސްގެންނައިރު މަސްކަނޑާމީހުން ތިބޭނީ މަސްކަނޑާށެވެ.

ގިނައިން މަސްލިބޭ އޮޑިގޯތިކަހަލަ ގޭގެއަށް އަވަށްޓެރި ދެޖިންސުގެ ރަށްޓެހިން އައިސް އެބައެއްގެ މަސައްކަތެއްގައި ބައިވެރިވެ އެހީތެރިވެދެއެވެ. މިހެން އުޅޭ އުޅުމުގައި މުސާރައެއް އުޖޫރައެއް އެއީ އެދުވަސްވަރު
ހިތަށްވެސް އަރާނެ އެއްޗެއް ނޫނެވެ. އެންމެން އުޅޭނީ ވަރަށް އެކުވެރިކަމާ މަޖަލާ އުފަލުގައެވެ. މިހެން އުޅެއުޅެތިއްބާ ހޫނު ބަނޑައިދުލާ ހޫނުދޮންބިސް ކެކިގެން ނިކުންނަން ފަށައިފާނެއެވެ.
ގިނައިން މަސްލިބޭ ރޭރޭ އަލިވިލޭއިރު މަސްކަނޑާ ނުނިމޭފަދައިން އިރުއަރާ އެތައް ދަމެއްވާއިރު މަސްކައްކާ އޮންނާނީ ނުނިމިފައެވެ. މަސްވެރިކަން ރަނގަޅު ފޯވައްސެއްގައި ދެތިން ރޭވަންދެން ހަމަނިދި ނުނިދާ އުޅެން ޖެހިދެއެވެ.

ފިރިހެނުން މަސްކަނޑާ ނިމިގެން ދަނީ އަނެއްދުވަހު މަހަށްދިޔުމަށް ޓަކައި އޮޑިއަށެވެ. އަންހެނުން ލިބުނުހާ މަހެއް ކައްކައި ރޯފިލުވައި ދިލަޖައްސައި މަސް ހިއްކާ ހަދަ އެވެ. ރިހާކުރު އޮލަކުރެއެވެ. ރޯމަސް ގަންނަ ބަޔަކު ނޫޅޭނެ އެވެ. ރޯމަސް ނުކިރިގެން ޝަކުވާކުރުމެއްވެސް ނޯންނާނެ އެވެ. މަސްނުކިރިގެން އެކަމުގެ ޝަކުވާކުރަންފެށުނީ ބޯޓަށް މަސްކިރަން ފެށުނު ފަހުންނެވެ. ފަސޭހަގޮތް ދަސްވީމައެވެ. މަސްވެރި ޢާއިލާތަކަކީ މިހާރު މަސްކެއްކުމުގެ މަސައްކަތް ޢާއްމުކޮށް ކޮށްއުޅޭ ބައެއްނޫނެވެ. މަސްކެއްކުމުގެ މަސައްކަތްކޮށް އުޅެނީ މުޅިން އެހެން ބައެކެވެ. ރޯމަސް ގަންނަމީހުންނެވެ.

މިހާރު ތަން ކޮޅެއް ދަންވާފަހުން މަސްވެރިން ލަފާ ރޭރޭ އެކަން އެނގޭނީ މަދުބަޔަކަށެވެ. ދޯނި ލެފުން ލަސްވެގެން އަތިރިމަތީގައި ތިބުމެއް ނޯވެއެވެ. ދޯނީގެ ދަތުރު ކުރިއަށްދާގޮތާ ކަން އޮތްގޮތް ވަގުތުން ވަގުތަށް ޚަބަރު ސާފުކުރެވޭނެ ވަޞީލަތްތައް ހުންނާތީއެވެ. އެކަންކަން ސާފުވަމުން ދާތީއެވެ.

ކޮންމެއަކަސް އިއްޔެ އާ އަޅާބަލާއިރު ދިވެހިމަސްވެރިކަމަށް މިއަދުމިވަނީ ބޮޑެތި ގިނަގުނަ ބަދަލުތަކެއް އައިސްފަ އެވެ. މާދަމާ އަތުވެދާނެ ބަދަލަކާމެދު ޚިޔާލު ތަފާތުވުމަކީ ވެދާނެ ކަމެކެވެ.

ނޯޓް: މިއީ ފަތްތޫރަ 289 އަދި 288 އަށް އުތީމު އާދަމް ޢަބްދުއްރަޙްމާން ލިޔުުއްވާފައިވާ ލޔުުމެކެވެ.