އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2001 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެމުގެ މަންސަފާ] އާއި ނޮވެލްޓީން 2008 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެންމޮހޮރީ] އެވެ.
މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާންވަނީ، [ދިވެހި ދިރިއުޅުމުގެތެރެއިން….] ގެ ނަމުގައި ދިވެހީންގެ އާދަކާދައާ ބެހޭ މުހިންމު ފޮތެއް ނެރުއްވައިފައެވެ.
އުތީމު އާދަމްބެގެ އަދަބީ ޚިދުމަތުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ދެއްވި [ޝުކުރާއި ތަޢުރީފުގެ ބަސް] (އެވޯޑު) ވެސް ލިބިވަޑައިގެންފައިވެއެވެ.