ހދ. ކުޅުދުއްފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ" ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންނެވީ ރަނގަޅަށް ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ އޮތް ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ނަޝީދު ވިދާޅުވީ ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަރައްގީއެއް ނޫން ކަމަށާއި އެއީ ބޮޑު އޮޅުމެއް ކަމަށެވެ. އަދި ގިނަ މީހުން މިހާރު ގެންގުޅޭ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މި ވާހަކައަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޔާސިރު މިވަނީ އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ޔާސިރު ވިދާޅުވީ ނަޝީދުގެ ވާހަކަ ރަނގަޅު ކަމަށާއި ކުޅިއަށް ލިބުނު ގެއްލުން ކިރިޔާ ވެސް ފޫބެއްދެން އޮތީ ކުޅުދުއްފުށި އެއާޕޯޓުގެ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކޮށްދެއްވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ވަނީ ނަޝީދުގެ ވާހަކަ އަށް ފާޑުކިޔައި ވަހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ އެއާޕޯޓާއި ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިނުގަންނަކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ފަދަގޮތަކަށް އެފަދަ މަގާމެއްގައި ހުރި ބޭފުޅަކު އެދެއްކެވި ވާހަކަފުޅާ މެދު ހިތާމަކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!