ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ.
އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުވާލީ ޕްރޮޖެކްޓްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހޮވުނު ފަސް ޕްރޮޖެކްޓުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓެކެވެ.
ނެއްލައިދޫގައި ބީއެމްލްއިން ހުޅުވި ކޮމިއުނިޓީ ޕާކު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ޕްރޮޕޯސަލްތައް ހޮވާއިރު ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ބަލާ ކަމަށެވެ.
ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދެމުންދާކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ނެއްލައިދޫގައި އެ ޕްރޮޖެކްޓު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅި އަދި ކާމިޔާބު ކުރި ހާމިދު ރަޝީދު ބުނީ ރަށުގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއްގައި ބައްދަލުކޮށްލާނެ ރަނގަޅު މައިޒާނެއް ނުވަތަ ޕާކެއް އެރަށުގައި ނެތްކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ މިއީ ނުކުރެވި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ބީއެމްއެލް އިން ޕްރޮޕޯސަލް އަށް ހުޅުވައިލުމުން ފުރުޞަތުގެ ބޭނުންހިފީ ކަމަށާއި، ޕްރޮޕޯސަލް ކާމިޔާބުވެ، މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
"ވީހާވެސް ބޮޑަަށް ޖަޒީރާވަންތަކަން ދައްކައިދެވޭތޯ އަޅުގަނޑުމެން ބެލީ ޕާކް ހެދިއިރު. މި ޕާކްގައި ހުންނާނެ އަންބަލިތަކާއި ޖޯލިފަތިތަކާއި ބާބެކިއުއާއި އަދި ހޮޅުއަށިތައްވެސް. ކުޑަކުޑަ މިނީ ލައިބްރަރީއެެއްވެސް." އޭނާ ބުންޏެވެ.
ނެއްލައިދޫގައި ބީއެމްލްއިން ހުޅުވި ކޮމިއުނިޓީ ޕާކު-- ފޮޓޯ: ބީއެމްއެލް
ހާމިދު ބުނީއެ ޕާކް ހެދުމަށް ނެއްލައިދޫ ކައުންސިލްއިންނާއި އަދި ހެޔޮ އެދޭ ފަރާތްތަކުގެ އެހީވެސް ލިބުނު ކަަމަށެވެ. އެގޮތުން ޕާކްގެ މިނީ ލައިބްރަރީއަށް އެކި ބޭފުޅުން ފޮތް ހަދިޔާކުރި ކަމަށެވެ.
"އަޅުގަނޑުގެ ޕްރޮޕޯސަލް ކާމިޔާބުވެ، މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވިކަމަށްޓަކައި ބީއެމްއެލް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި ޕާކުގައި މަސައްކަތްކޮށްދެއްވި ރަށުގެ އެންމެހާ ބޭފުޅުންނަށްވެސް މި ފުރުސަތުގައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން." ހާމިދު ވިދާޅުވިއެވެ.
ބީއެމްއެލް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވެފައި މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ ކަމަށާއި އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން ކަމަށެވެ.
ނެއްލައިދޫގައި ބީއެމްލްއިން ހުޅުވި ކޮމިއުނިޓީ ޕާކު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން މިދިޔަ އަހަރުވެސް ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ.
އެޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!