ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ފަނޑިޔާރު އަލީ ސަމީރަކީ ހދ.ނައިވާދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.
ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު މާރޗް 26 ވަނަ ދުވަހު ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަނޑިޔާރު ސަމީރު ވަނީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނަވައިފަ އެވެ.
ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަން ހިމެނެ އެވެ. ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރެއްވީ 26 މާޗް 2011 ގައެވެ.
ފަނޑިޔާރު ސަމީރު މީގެ ކުރީ ފަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށްހަމަވާނެ ކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!