ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް" ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ރައްދުދެއްވައިފި އެވެ.
ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީން ފެށި ޒުވާންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަރައްގީއެއް ނޫން ކަމަށާއި އެއީ ބޮޑު އޮޅުމެއް ކަމަށެވެ. އަދި ގިނަ މީހުން މިހާރު ގެންގުޅޭ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މިހެން ވިދާޅުވުމުން މީސް މިޑިއާގައި އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ހާއްސަކޮށް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ މީހުން ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް ވެސް ވަނީ ނަޝީދަށް ރައްދު ދެއްވާ ވާހަކަ ދައްކަވާފައެވެ.
"އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓާއި ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިނުގަންނަކަމަށެވެ. އޭނާ ވިދާޅުވީ ރައީސްކަން ކޮށްފައި ހުންނެވި އަދި މަޖިލީހުގެ ރައީސްކަން ކުރައްވާ އަދި ރައްޔިތުންގެ އެހާބޮޑު ތާއީދެއް އޮތް ބޭފުޅެއް އެކަލަ ވާހަކައެއް ވިދާޅުވުން ހިތާމަކުރާ ކަމަށެވެ.
"ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ފަދަގޮތަކަށް އެފަދަ މަގާމެއްގައި ހުރި ބޭފުޅަކު އެދެއްކެވި ވާހަކަފުޅަކީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ވާހަކަފުޅެއް ނޫން." ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަގުނަ ވަސީލަތްތައް އެބަހުރި ކަމަށާއި ތަރައްގީގެ ނަމުގައި އެ ވަސީލަތްތައް ހަލާކު ނުކުރުމަށް ގޮވާލާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!