ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ފިއްޓޭ "ކުޑައިރު" ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅުއްވައިގެން ކުށްވެރިވިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

މިހެން އެބޭފުޅާ ވިދާޅުވީ މިދިޔަ ހަފްތާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅުއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

Ad
rt

މެންބަރު ޒިޔާދު ވިދާޅުވީ އިސްލާހިއްޔާ ހަދައިގެން ކުދިން ބަންދުކޮށްގެން އިސްލާހުކުރަން މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަމަށް ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ފެންނަން އެބައޮތްކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މިގޮތުން މެންބަރު ފިއްޓޭ ވަނީ 1996ގައި އެބޭފުޅާއަށް ދިމާވި ހާދިސާއެއް މަޖިލީހުގެ ތަޅުމުގައި ހިއްސާ ކުރައްވާފައެވެ.

ފިއްޓޭ ވިދާޅުވީ އެބޭފުޅާމެންނަށް އޭރު ފުޓްބޯޅަ ކުޅެން ހެންވޭރު ދަނޑު ލިބުނީ ހަމައެކަނި ހުކުރު ވަގުތުގައި ކަމަށާއި އެއީ ދިވެހި ފުޓްބޯޅައިގެ ރަން ޒަމާންކަމުން ދަނޑުގައި މީހުން ކުޅޭ މިންވަރު ގިނަކަމުންކަމަށެވެ. ނަމަވެސް މިގޮތަށް ފުޓްބޯޅަ ކުޅެން ތިއްބާ ސިފައިން ޖިޕެއްގައި އައިސް ގެންދިޔަކަމަށް މެންބަރު ޒިޔާދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަކީވެސް މާލޭ މަގުމަތީ ވަރަށް ކުޑައިރުއްސުރެ އުޅެމުން އައި ބައެއް. ހެންވޭރު ދަނޑުގައި އަޅުގަނޑުވެސް ކުޅެން އުޅުނިން. އަޅުގަނޑުމެންގެ އުމުރު ފުރާގެ ކުދިންނާ އެކު. ހަމަ އެންމެ ކަމެއް. އަޅުގަނޑުމެން ކުޅުނީ ހުކުރު ދުވަހު ހުކުރު ވަގުތު. އޭރުގައި ދަނޑު މިލިބެނީ އެގަޑީގައި. އެއީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ރަން ޒަމާން ވީމަ އަޅުގަނޑުމެންނަށް ފުޓުބޯޅަ ކުޅެލާނެ ވަގުތެއް ނުލިބޭ. ހެންވޭރު ދަނޑުގައި ކުޅެނިކޮށް އަޅުގަނޑުމެން ގެންދިޔަ ޖިޕަކަށް"، ފިއްޓޭ ވަރަށް އަސަރާއި އެކު ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވި ގޮތުގައި އެބޭފުޅާއާއި އެކު ގެންދިޔަ އިތުރު ހަ ކުދިން ގެންދިޔައެވެ. އެ ޖިޕުން ފުންމާލައިގެން ފިއްޓޭ ފިލިއިރު އަނެއް ފަސްމީހުން އިސްލާހިއްޔާއަށް ގެންދިޔަކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދު އެބޭފުޅާ މަޖިލީހުގެ ގޮނޑީގައި އެ އިންނެވީ އެދުވަހު ފިލީމާކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާއި އެކު ފުޓުބޯޅަ ކުޅެން އުޅުނު މަޖީދިއްޔާ ސްކޫލުގައިވެސް އުޅުނު ކުދިން. އެނބުރި އައި އޭގެތެރެއިން ބައެއް ކުދިން ސަލާމަތުން މުޖުތަމައުގައި އެބަ އުޅޭ. ވަރަށް ދުވަސް ކޮށްފައި އޭގެން އެއް ކުއްޖަކާ ދިމާވިމަ ބުނީ މިހާރުވީ ކޮންމެވެސް އެހެން މައްސަލައެއްގައި ޖަލުގައޭ. މިދައްކަނީ ވަރަށް ކުރީގެ ވާހަކަ. 1996 ގެ ހިސާބުގައި", ފިއްޓޭ ވިދާޅުވިއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި 1996ވަނަ އަހަރުގައި ފިއްޓޭގެ އުމުރުފުޅުން ވާނީ ގާތްގަނޑަަކަށް 24އަަހަރެވެ. އެހެންކަމުން އެފަދަ އުމުރުގެ ބޭފުޅަކު ހުކުރު އެޅުމަށްފަހު ފުޓްބޯޅަ ކުޅުމަށް ދިއުމުން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.