ކަންގަތި އެވޯރޑް ހއ އަތޮޅު ކައުންސިލަށާއި ހއ ދެރަށެއްގެ ރަށު ކައުންސިލަށް ލިބިއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވަމުން އަންނަ ކަންގަތި އެވޯރޑް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށާއި، މާރަންދޫ ކައުންސިލަށާއި ކެލާ ކައުންސިލަށް ލިބިއްޖެއެވެ. ކަންގަތީ އެވޯރޑަކީ ލޯކަލް ކައުންސިލްތަކުގެ މެދުގައި ވާދަ ވެރިކަމާއެކު، ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގުމުގެ ބޭނުމުގައި ދެވޭ އެވޯރޑެކެވެ. މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކިންގ އަށް ބަލައި އެވޯޑް ދެވޭ އަހަރުގެ ތެރޭގައި ކައުންސިލްތަކުން ހާސިލްކޮށްފައިވާ ނަތީޖާތަކަށް މާރކްސް ދެވެއެވެ.

Ad
rt

ރޭ ކ.ހުރާ ގައި ކުރިއަށް ދިޔަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ކަންގަތި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލުތަކަށް މާލީ މިނިވަންކަމާއި ބާރު ދިނުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކައުންސިލުތައް ބާރުވެރި ކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަވަމުން ގެންދަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއަންނަ އަހަރު އިރާދަކުރެއްވިޔާ ވެގެންދާނީ އަޅުގަނޑުމެންގެ އަތޮޅުތަކުގެ ރައްޔިތުންނަށް. ކައުންސިލުތަކަށް އުފާވެރި އަހަރެއްގެ ގޮތުގައި."

މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކައުންސިލްތައް މިންކުރުމުގައި އެލް.ޖީ.އޭއިން ގެންގުޅުއްވާ މައިގަނޑު ދާއިރާތަކަކީ ސެކިއުރިޓީ، އެކައުންޓަބިލްޓީ، ޕާޓިޝިޕޭޝަން، އިފެކްޓިވްނެސް، ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރާ މިންވަރު މިބައިތަކެވެ. އެހެންކަމުން 2017 ވަނަ އަހަރު ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން ކަންގަތި އެވޯރޑް ހާސިލްކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރާ މިންވަރުގެ ތެރެއިން މުޅިރާއްޖޭން އެއްވަނަ އަތޮޅު ކައުންސިލަކަށް ހޮވިގެންނެވެ. މި ދާއިރާއިން ސޯޅަ އަތޮޅު ކައުންސިލެއް ވާދަކޮށްފައި ވެއެވެ. އަދި މިނޫނަސް މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި އެންމެ ރަނގަޅު އަތޮޅު ކައުންސިލަކަށް ދެވޭ ރަންވަނައިގެ އިނާމް ޖެހިޖެހިގެން ދެފަހަރު ހއ. އަތޮޅު ކައުންސިލުން ހޯދާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ޢާމަލުކުރާ މިންވަރު އެންމެ ރަނގަޅު ރަށު ކައުންސިލަކަށް 2017 ވަނަ އަހަރު ދެވޭ ކަންގަތި އެވޯޑް ހާސިލްކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި 2016 ވަނަ އަހަރާ އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމެއް 2017 ވަނަ އަހަރު ހޯދައިގެން މުޅި ރާއްޖޭން އެއްވަނަ ރަށު ކައުންސިަލަކަށް ހޮވިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއެވެ.

މިރަސްމިއްޔާތުގައި ހދ އަތޮޅުގެ އެއްވެސް ކައުންސިލަކަށް އެވޯޑެއް ލިބިފައެއް ނުވެއެވެ. މިދިޔަ އަހަރު އެންމެ މަތިން މާކްސް ހޯދި އެއްވަނަ ރަށު ކައުންސިލަށް ރޭ އެވޯޑް ދީފައެއް ނުވެ އެވެ.