އިލެކްޓްރީޝަނުން ތަމްރީންކުރުމަށް ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓް (ޔޫސީޓީއައި) އިން ވައިކަރަދޫގައި ކޯހެއް ހިންގުމަށް ނިންމައިފި އެވެ.
މިއަދު ވައިކަރަދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓް އާއި ވައިކަރަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯހެއް، ވައިކަރަދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފެންވަރު ނުވަތަ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ ތަޢުލީމު ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް 2 ޙާޞިލް ކޮށްފައިވުމެވެ. ކޯހުގެ ފީ އަކީ މަހަކު -/1000 ރުފިޔާ އެވެ. މިކޯހަކީ ފުލްޓައިމްކޮށް 15 ހަފްތާ އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް އެކައުންސިލުން ބުނެއެވެ.
ޔޫސީޓީއައިއިން ބުނީ މިކޯހަކީ 2000 ރުފިޔާއަށް ހިންގަމުން އައި ކޯހެއްކަމަށާއި ނަމަވެސް މިކޯހަކީ ވައިކަރަދޫ ކައުންސިލްއާއި ގުޅިގެން ހިންގާ ކޯހެއްކަމުން 1000 ރުފިޔާ އަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިކޯހަށް ޓްރެއިނިން ފެސިލިޓީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވައިކަރަދޫ ކައުންސިލްއިން ކަމަށް ވިދާޅުވި އެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އެ އިދާރާއަށް ހުށަހެޅުއްވުން އެދޭކަމަށާއި އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި އެ އިދާރާއިން ލިބެން ހުންނާނެކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ. މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ހދ.ވައިކަރަދޫގައި ހިންގުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ހައުސް ވައިރިން ލެވެލް 03 ކޯސްއަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން.
Posted by Utiz Career Tech Institute - UCTI on Monday, September 21, 2020
އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޔޫ.ސީ.ޓީ.އައި ގެ ނަންބަރު 9661001 އަށް ގުޅުއްވުން އެދެ އެވެ.
"ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓް" އަކީ ވައިކަރަދޫގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އިންސްޓިޓިއުޓް އެކެވެ. އެ އިންސްޓްޓިއުޓް އިން މަޢުލޫމާތު ދިން ގޮތުގައި މިހާރުވެސް ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ހިންގާ އިނގިރޭސި ކުލާސް ތަކެއް، އަދި އައި.ޖީ.ސީ.އެސް.އީ (އިނގިރޭސި) އިމްތިހާން ހަދާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އޮންލައިން ކްލާސްތަކެއް ކުރިއަށް ގެންދާކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި އެ އިންސްޓިޓިއުޓް އިން ވޮކޭޝަނަލް ޓްރެއިނިން ޕްރޮގުރާމްތައް ކުރިއަށްދާނެކަމަށް ވިދާޅުވި އެވެ. އަދި އޭސީ މެކޭނިކުން، މަރައިން މެކޭނިކް، އޮޓޯމޯޓިވް ޓެކްނީޝަނުން، ކާޕެންޓަރުން އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ރޭވިފައިހުރިކަމަށް މަޢުލޫމާތު ދެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!