އިންޑިއާއިން އިއްޔެ ރާއްޖެއަށް ހަދިޔާ ކުރި ޑޯނިއާ މަތިންދާ ބޯޓަކީ މި ސަރަޙައްދުގެ ކަނޑުތަކުގައި ވަށްވަށް ޖައްސައި، ޖާސޫސް ކުރަން ގެނައި މަތިންދާ ބޯޓެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް މިހާރު އިދިކޮޅު ކޯލިޝަނާއިއެކު މަސައްކަތް ކުރަށްވާ ލަޠީފް މިހެން ވިދާޅުވީ މިރޭ ޗެނައިލް 13 އިން ގެނެސްދިން ''އެންމެ ފުރަތަމަ ޤައުމު'' ޕްރޮގްރާމްގައި ވާހަކަ ދަށްކަވަމުންނެވެ.

Ad
rt

ލަޠީފް ވިދާޅުވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ފުރަތަމަ ވިދާޅުވީ އެ ބޯޓަކީ ހަދިޔާ ކުރި ބޯޓެއް ކަމަށެވެ. ފަހުން ދިވެހިންނަށް ކޮންމެވެސް ވަރަކަށް އެކަމުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ބޯޓާއި ކައިރިވާން ދިވެހިންނަށް ފުރުޞަތު ނުދޭނެ ކަމަށް ލަޠީފް ވިދާޅުވިއެވެ. އިންޑިއާ މީހުން ބުނާގޮތުން ނަމަ އެބޯޓު ދުއްވަން ދިވެހި ޕައިލެޓުންނަށް ނޭނގޭނެ ކަމަށާއި، އެ ބޯޓު ދުއްވުމަށާއި، ބަލަހައްޓަން އެތައް ސަތޭކަ ސިފައިންނެއް ރާއްޖޭގައި ބައިތިއްބާނެ ކަމަށް ލަޠީފް ވިދާޅުވިއެވެ.

ކޮޗިން-ރާއްޖެ ފެރީއަށް މަލާމަތް ކުރަށްވާ ލަޠީފް ވިދާޅުވީ އެއީ ބާ ދަގަނޑު ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓާއި، ރާއްޖޭގައި އޮންނަ ހެލިކޮޕްޓަރުވެސް ''އެ ބާދަގަނޑު ފެރީގެ ފަލްކާތަކުގެ ތެރޭގައި އަނބުރާ އިންޑިއާއަށް'' ފޮނުވާލާނެ ކަމަށް ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ވިދާޅުވީ ލ. އަތޮޅުގައި އިންޑިއާ ހެލިކޮޕްޓަރެއް އޮންނަ ކަމަށާއި، އާސަންދަ ދަތުރު ކޮށްދެމޭ ބުންޏަސް އެ ހެލިކޮޕްޓަރުވެސް ދަތުރެއް ނުކުރާތާ އަށެއްކަ މަސް ވެދާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީވެސް އިންޑިއާ ސިފައިން ބައިތިއްބަން ޖަހާފައިވާ ''ދަންތުރައެއް'' ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުން ގާއިމުކޮށްދޭ ޕޮލިސް އެކަޑަމީއާވެސް އެއްވެސް ދިވެއްސަކަށް ކައިރި ނުވެވޭ ކަމަށާއި، އައްޑުން ''ބޮޑު ބިމެއް ދަމައިގަނެ'' އުޅެނީ ހަން ފަތުރަން ކަމަށް ލަޠީފް ވިދާޅުވިއެވެ.

''އިންޑިއާއަކީ ބޮޑު ޤައުމެއް، މުއްސަނދި ޤައުމެއް، މީހުން ގިނަ ޤައުމެއް، ސަޤާފަތް ބޮޑު ޤައުމެއް، އިންޑިއާއިން މިނިވަންކަން ބޭނުންވާ ގޮތަށް ރާއްޖެ ކުޑަޔަސް އަހަރެމެން ވެސް މިނިވަންކަން ބޭނުންވޭ، މިދައްކަނީ އެވާހަކަ، ރާއްޖޭންވެސް އަމިއްލަ ޤައުމާއި، ބަހާއި، ދީނާއި، ސަޤާފަތް މިނިވަންކަން މަތީ ބާއްވަން ބޭނުމޭ ''

ލަޠީފް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ލަޠީފް ބަހުގެ ހަމަލާތައް އިންޑިއާއަށް އަމާޒުކުރިއިރު، މި ސަރުކާރަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިސަރުކާރު ހިންގަނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދުރީކަމަށް ދޭހަވާ ގޮތަށް ވަނީ ވާހަކަ ދަށްކަވާފައެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ލަޠީފް ފަހުން ޕީޕީއެމާއި ގުޅި ވަޑައިގަތެވެ. ލަޠީފަކީ ކުރީގެ ސަރުކާރުގައި ރައީސް ޔާމީންގެ ''ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެއްޖެ'' ކަމަށްބުނެ، ޔާމީނާއި ދެކޮޅަށް ފަހުން މަސައްކަތް ކުރެއްވި މެންބަރެކެވެ. އެ ވެރިކަމުގައި ހިނގަމުންދިޔަ ނާއިންސާފާއި ދެކޮޅަށް ކަމަށް ބުނެ އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅުމުން ގޮނޑި ގެއްލުނު މަޝްހޫރު ބާރަ މެންބަރުން ތެރޭގައި ވެސް ލަޠީފް ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް މިހާތަނަށް ލަޠީފް ފިޔަވައި އެ 12 މެންބަރުން ތެރެއިން އިތުރު މެންބަރަކު އިދިކޮޅު ހަރަކާތާއި ގުޅިފައެއް ނުވެއެވެ.