ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން ތިން އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވި ކުޑަ އަންހެން ކުއްޖާ އަކީ އުމުރުން ގާތްގަނޑަކަށް އެއް އަހަރުގެ ކުއްޖެކެވެ. ނިޔާވި ފިރިހެން މީހާ އަކީ އެކުއްޖާގެ ކާފައެވެ. އެއީ ނޮޅިވަރަންފަރު ސްކޫލުގެ އެންމެ ދުވަސްވީ ޓީޗަރެވެ. އޭނާގެ އިތުރުން ނިޔާވެފައިވަނީ ކުޑަކުއްޖާގެ މަންމަ އާއި މާމަގެ އިތުރުން އެހެން އަންހެނެކެވެ.
ދެން މި ހާދިސާގައި މަރުވެފައިވަނީ ނޮޅިވަރަމްފަރު، އަބްދުލް ޝުކޫރު ހުސެއިން މަނިކާއި އޭނާގެ އަންހެނުން އައިޝަތު އަލީއެވެ. އެ ދެ މީހުން ހަނިމާދޫ އެއާޕޯޓަށް ދަތުރު ކުރީ ބޭސް ފަރުވާއަށް އިންޑިއާއަށް ފުރުމަށްޓަކައެވެ.
ހަނިމާދޫ ހޮސްޕިޓަލްއިން މަޢުލޫމާތު ދޭގޮތުގައި ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސްެވެ. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅެވެ.

އެ މީހުންގެ ހަށިގަނޑާއި ސަލާމަތްވި މީހުން މިހާރު ވަނީ ހަނިމާދޫ ހެލްތް ސެންޓަރަށް ގެންގޮސްފަ އެވެ. ސަލާމަތްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއަދު މެންދުރު 12:00 ހާއިރު ހިނގި މި ހާދިސާގައި ބަންޑުންޖަހާލާފައި ވަނީ ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. މި ލޯންޗު ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކައިރިންކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
”ތިލަދުން“ އަށް އެނގިފައިވާ ގޮތުގައި މި ލޯންޗު ނޮޅިވަރަންފަރުން ފުރީ މިއަދު ހެނދުނު 11:00 ގައެވެ.
ރެޔާއި މިއަދު ހެނދުނު ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ހދ އަތޮޅުން އދ އަށާއި ގއ އަތޮޅުން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައިވާ އިރު ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!