ތިލަދުންމަތީ ހޯރަފުއްޓަށް އުފަން މުހައްމަދު އަރުހަމް، ރަހުމް ކުޑަ ގޮތަކަށް މަރާލީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ވަޅިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވީ އޭނާވީ ލޮރެންޒޯ ޕާކް ތެރޭގަ އެވެ. އެ ހިތާމަ އަރުހަމްގެ އާއިލާއާ ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ. އަދިވެސް އެމީހުން ތިބީ ހަމަ އެ ހިތާމާގައި އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގަ އެވެ.

އޭނާގެ މަރާ ގުޅިގެން ދައުވާ ކުރީ ހަތަރު މީހަކަށެވެ. ލައްކަ ދުވަހު ކުރިމިނަލް ކޯޓުގައި މައްސަލަ އެނބުރުމަށްފަހު ހުކުމް އިއްވީ 2016 ވަނަ އަހަރު އެވެ. އެހާ ދިގު އިންތިޒާރަކަށްފަހު ވެސް ހުކުމް އައީ އާއިލާ އެންމެ ބޭނުން ވާނެ ގޮތަކަށް ނޫނެވެ. ކުށް ސާބިތުވެ މަރަން ހުކުމް ކުރީ އެންމެ މީހަކަށެވެ. އަނެއް ތިން މީހުން މިނިވަންވެ މުޖުތަމައަށެވެ.

Ad
rt

ކުށް ސާބިތުވީ ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމްގެ މައްޗަށެވެ. ކުށް ސާބިތު ނުވެ ސަލާމަތްވީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އަދި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފެވެ.

އެ ތިން މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެ މައްސަލާގައި ސިއްރުން ހެކި ބަސް ދިން ދެ މީހަކު ވަނީ އަރުހަމްއަށް ހަމަލާދީ އަނިޔާ ކުރުމުގައި އެ ތިން މީހުން ބައިވެރިވި ތަން ފެނުނު ކަމަށް ބުނެ ހެކި ބަސް ދީފަ އެވެ. އަދި އެކަން އެމީހުން ކުރި ގޮތާއި ސަބަބު ތަފްސީލްކޮށް ކިޔައިދިން މީހަކު ވެސް ހެކި ބަސް ދީފައިވެ އެވެ. އެމީހުންނަށް އެވަރުން ކުށް ސާބިތުވާން ޖެހޭނެ ކަމަށް ދައުލަތުން ގަބޫލު ކުރެ އެވެ. އެ މައްސަލަ ވަނީ ހައިކޯޓުން އިސްތިއުނާފުކޮށްފަ އެވެ.

އެހެންނަމަވެސް މިފަދަ މުހިންމު މައްސަލައެއްގައި އެންމެ ފުރަތަމަ ވެސް ޕީޖީގެ އަމަލު އޮތީ ގޯހުން ގޮސްފަ އެވެ. މަައްސަލާގައި ސިއްރުން ހެކި ބަސް ދީފައިވާ މީހުންގެ މައުލޫމާތުތައް ވަނީ ހާމަކުރެވިފަ އެވެ. އޮޅިގެން ވިޔަސް ޕީޖީ ހަދާފައިވަނީ ބޮޑު ގޯހެކެވެ. އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމެކެވެ. ދައުވާ ލިބޭ މީހުންނަށް މައްސަލާގައި ސިއްރުން ހެކި ބަސް ދިން މީހުން މިހާރު އެނގޭނެ އެވެ. އެމީހުންނަށް އެ ބިރުވެރިކަން މިހާރު އޮންނާނެ އެވެ. ޕީޖީއިން އެ ގޯސް އެންމެ ފުރަތަމަ ހަދާފައިވަނީ ކުރިމިނަލް ކޯޓުގައި ހުލާސާ ބަޔާން އިއްވިއިރު އެވެ.

ހައިކޯޓުން ވެސް އެކަން ފާހަގަކޮށް، ޕީޖީއަށް އެފަދަ ކަންކަމުގައި ޒިންމާދާރުވުމަށް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ވެސް ޕީޖީއިން މި މައްސަލާގައި ގޯހެއް ހަދާފައިވެ އެވެ. ކުރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ 22 ސެޕްޓެމްބަރު 2016 ގަ އެވެ. ހައިކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ 15 ޖެނުއަރީ 2017 ގަ އެވެ. އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތަށްވުރެ މާ ފަހުންނެެވެ. އޭރު އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ނުވަދިހަ ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅާފައިނުވާތީ ދައުވާ ލިބޭ މީހުން އެކަން ހައިކޯޓުގެ ޝަރީއަތުގައި ފާހަގަކުރި އެވެ. ނަމަވެސް ހައިކޯޓުގައި މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާފު ކުރުމަށް ގަވައިދުގައިވާ ގޮތުން ޕީޖީއިން ހުއްދައަކަށް އެދުން ކަމަށެވެ. މަރުގެ ބޮޑު މައްސަލައަކަށްވާތީ އެ ހުއްދަ ހައިކޯޓުން ދީ، މައްސަލަ ރަޖިސްޓްރީކުރީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ލިޔުންތައް ދައުވާ ލިބޭ މީހުންނާ ހަވާލުކުރި އެވެ.

އެހެންނަމަވެސް މީގެކުރިން މިގޮތަށް ހައިކޯޓުން އަމަލުކޮށްފައިވާ މައްސަލައެއްގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގަ އެވެ.

އެހެންވެ، އަރުހަމްގެ މައްސަލަ މިހާރު ހިނގަމުންދާ ގޮތާއި އޮތް ހާލަތާމެދު ކަންބޮޑުވުންތައް ވަރަށް ބޮޑެވެ. އަނެއްކާވެސް އަރުހަމްއަށް އިންސާފު ލިބުމަށް ހުރަސްތަކެއް އެޅި، އެކަން ލަސްވެގެން ދަނީ އެވެ. ތިލަދުންމަތީގެ ޒުވާން ދަރިއެއް ގެއްލިގެން ދިޔަ މި ހިތާމަވެރި ހާދިސާއަށް މުޅި ތިލަދުންމަތި ވެސް އިންސާފަށް އެދެ އެވެ. އެކަން އަވަސްވުމަށް ވެސް އެދެ އެވެ.