މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހީކޯ ނަކާއޯ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާމީހެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރި ވާހަކަ ކޮޅެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފައިދާ މިހާރު ކުރަނީ ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިން ހިންގާ ފަރާތްތަކަށް ކަމަށް ވިދާޅުވުމެވެ. މިވާހަކަ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ވިސްނާލަންޖެހޭ ކަމެކެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭޑީބީގެ ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިއްމު އެއް ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ފައިދާ މިހާރަށް ވުރެ ބޮޑަށް ރާއްޖެ އަށް ހޯދޭނެ ކަމަށެވެ. އެގޮތުން، މި ސިނާއަތުގެ ފައިދާ މިހާރަށް ވުރެ ބޮޑަށް ހޯދިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އަމީރުއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
rt

ދިވެހިންގެ ރަންބިސްއަޅާ ކުކުޅު، ބޭރުން އައިބަޔަކު ފޭރިގަތީތޯއެވެ. ސުވާލަކީ މިވާހަކަ މިމޭރުމުން ބުނަން މިޖެހުނީވެސް ބޭރުމީހަކަށް ހެއްޔެވެ. ދިވެހިންތެރޭ މިވާހަކަ ދައްކާނެ މީހަކު އަޑުއަހާނެ މީހެއް ވިސްނާ ފިކުރު ހިންގާނެ މިީހަކު މިފަސްގަނޑުގައި ނެތީބާ އެވެ. ނޫނީ މިގޮތް ދިވެހިންނަށް ކަމުދަނީ ތޯއެވެ.

އަނެއްކާވެސް އޭޑީބީގެ ރައީސް ވާހަކަ މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް އިން ގެނެސްދީފައިވާ ހަބަރުގެ ޖުމްލަ އަކަށް ޖެހިލަމާ ހިނގާށެވެ.

"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަށް ދާއިރު މި ދާއިރާ އިތުރަށް ކުރިއަރުވައި ރާއްޖެއިން އޭގެ ފައިދާ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާ ކުރެވިފައި. އެގޮތުން، ގެސްޓްހައުސްތައް ތަރައްގީކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައި،"

އޭޑީބީގެ ރައީސް ވިދާޅުވި އެވެ.

މިވާހަކައިން އަޅުގަނޑުގެ ކަންފަތުގަައި އަޅައިގަތީ ހަމަ އެންމެ ޖުމްލައެއްގައެވެ. އެއީ

ރާއްޖެ އިން އޭގެ ފައިދާ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން

މިބަސްކޮޅުން ލައްކަ ގިނަ ސުވާލު އުފައްދައެވެ. ރާއްޖޭގައި ކުރާކަމަކުނަ ރާއްޖެއަށްވުރެ ބޮޑުފައިދާއެއް އެހެންބަޔަކަށް ކުރާކަހަލަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ފައިދާ ނުވަނީ ތޯ؟. ރާއްޖެއަށް މިސިނާއަތުން ލިބެންވާ ހައްޤު މިންވަރު ނުލިބެނީތޯ؟ މިރީތި ގޮނޑުދޮއްތަކާ ޗާލު މޫދުތައް ވިއްކައިގެން ފުރި ބަންޑުންވަނީ މަހުޖަނުންގެ އެކައުންޓް ތާއެވެ. ދިވެހި ރައްޔިތުމީހާއަށް ޙައްޤުމިންވަރަކީ ރޫމްބޯއީ ކަމާ ވޭޓަރުކަން ތޯއެވެ. މިހިރަ މިހިރަ ސުވާލު ތަކަކީ ޖަވާބު ދޭން ހިތުލާ މީހަކަށް ނުކުޅަދާނަ ސުވާލުތަކެކެވެ. ސުވާލުތަކުގެ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލާފައި އަނެއްކާވެސް އޭޑީބީގެ ރައީސް ވާހަކަ އަށް ޖެހިލަމާތޯ އެވެ.

‏"އެ ސިނާއަތުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އެ ސިނާއަތުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ނުކުރެވެނީސް، އެ ސިނާއަތުގެ ހަގީގީ ފައިދާ ދިވެހިންނަށް ނުކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ."

‏މިވާހަކައާއި ކުރިން ދެއްކި ވާހަކަ އަޅުވާ ކިޔާއިރު ސާފުވާ އެއްކަމެއް އެބަ އޮތެވެ. ތިމާމެން މިއުޅޭވެށި މަހުޖަނުންގެ ޖީބު ބޮޑު ކުރުމައްޓަކާ ގުރުބާން ކުރެވިފައިވާ ކަމެވެ. މިސިނާއަތަކީ ތިމާވެއްޓަށް ގެއްލުން ދެމުންދާ ސިނާ އަތެއްކަމެވެ. ހަގީގީ ފައިދާ ކުރާނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުން ކަމަށް ބުނާއިރު ތިމާވެއްޓަށް ގެއްލުން ލިބޭ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ހުއްޓާލަންޖެހެއެވެ.