ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފިނޭސް މިނިސްޓްރީން ހުށަހެޅި 1.7 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ކޮމެޓީއަށް ފޮނުވިއިރު މެންބަރުން ބަހުސްކުރަން ފުރުސަތު ދީފައި ނުވާތީ މަޖިލީހުގެ އިދިކޮޅު މެންބަަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން ބަޖެޓް ރިޕޯޓް ދިރާސާކުރުމަށްފަހު ބަޖެޓް ކޮމެޓީން ނިންމީ، ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ވަގުތުކޮޅެއް އެރުވުމަށެވެ.
އެގޮތުން މެންބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު އެރުވުމަށް، ހޯމަ ދުވަހުގެ ރެއާއި އަންގާރަ ދުވަހުގެރޭވެސް މަލިޖީލުގެ އިތުރު ޖަލްސާތައް ބާއްވައިގެން ބަހުސް މަރުހަލާ ނިންމާލައި މިވަނީ ވަނީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައެވެ.
ނަމަވެސް ސަރުކާރުން ބުނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ދައުލަތުން ބަދަލުގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދައްކަންޖެހިފައިވާތީއާއި ބޭރު ގައުމުތަކުން ލިބުނު އެހީތަކާ އެކު ބަޖެޓު މެނޭޖުކޮށް ބައެއް މަޝްރޫއުތައް ފެށުމަށް ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރުކުރަން ހުށަހެޅުއްވި ސަބަބެއް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވެފައި ވަނީ، ސަރުކާރުން ވެފައިވާ މުހިންމު ތިން ވައުދެއް ފުއްދުމާއި، ހިލޭ ެހީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ބޭނުންކުރުމުގައި މަޖިލީހުގެ ރުހުން ހޯދުން ކަމަށެވެ.
އެގޮތުން ހިލޭ އެހީގެ ގޮތުގައި ސައުދީ ސަރުކާރުން ދިނުމަށް ވައުދުވެފައިވާ 716.8 މިލިއަން ރުފިޔާ އާއި، އިންޑިއާ ސަރުކާރުންވެސް މިއަހަރު އިތުރަށް 100 މިލިއަން ރުފިޔާ ހިމެނޭއިރު، ސަޕްލިމެންޓްރީ ބަޖެޓުގެ ފައިސާ ހޯދަން ހަމަޖެހިފައި ވަނީ އެކުވެރި ގައުމުތަކުން ބަޖެޓް ސަޕޯޓުގެ ގޮތުގައިދޭ އެފަދަ އެހީތަކުން ކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައި ކޮމެޓީން ފާސްކޮށްފައިވާއިރު، މިއަހަރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް އެ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!