އައު އަހަރެއް އައިސް ބައްދަލުވާއިރު ކޮންމެ މީހަކުވެސް ގިނަ އުއްމީދުތަކެއް ކުރެއެވެ. ޒަމާން ބަދަލުވެ އެންމެން މީސްމީޑިއާ މެދުވެރިކޮށް ގުޅިލާމެހިފައިވާ މި ޒަމާނުގައި އެކަން އެންމެނާ ހިއްސާވެސް ކުރެއެވެ. ނިމިގެންދާ އަހަރަށް އަލްވަދާޢު ކިޔަނީ އައު އަހަރުގައި އެތައްކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިގެނެވެ. އެ ބީދައިން 2018 ވަނަ އަހަރު ވެދިޔަ ކަންތައްތައް ހަނދާން ނައްތާލައި 2019 ވަނަ އަހަރާވެސް ގިނަ ބަޔަކު ކުރިމަތިލީ ފޮނި އުއްމީދުތަކާއެކުއެވެ. ދިރިއުޅުން އައު ހަރުފަތަކަށް ގެންދާން ވިސްނައިގެނެވެ. ނަމަވެސް މިއަދު މިއީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހަށްވީއިރު ބާކީ އޮތީ ބަރާބަރު 4 މަސް ދުވަހެވެ. އެހެންކަމުން ކަންކަން މިނެކިރާލަން މިއީ ހެޔޮ ވަގުތެއްކަމުން އައު އަހަރު ބައެއް މީހުން ކުރަން ކަނޑައެޅި ކަންކަމަށް ބަލައިލާނަމެވެ.

އެންމެ ގިނަ ބަޔަކު ކަންބޮޑުވާ ކަމަކީ ހަށިގަނޑަށް އަންނަ ބަދަލުކަމަށް ވީހިނދު، ގަވާއިދުން ކަސްރަތު ކުރުމާއި ކެއުމަށް ބެލުމަށް ގިނަ ބަޔަކު އަޒުމް ކަނޑައަޅާ އެކަން ހިއްސާވެސް ކުރިއެވެ. ތިއީ އޭގެ ތެރެއިން މީހެއްކަމަށް ވާނަމަ، މިވީ އަށްމަސް ދުވަސް އެކަމަށް ބެލުނުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ކަސްރަތު ކުރުމަށް އެނދުން ހިއްލާލެވުނީ ކިތައް ދުވަހު ހެއްޔެވެ؟ ސުމާރެއްނެތި ކެއުމުގައި ތިޔަ ހޭދަކުރަނީ އައު އަހަރެއް ފެށެންދެން ހެއްޔެވެ؟

Ad
rt

ބައެއް މީހުން ދިރިއުޅުމުގައި ދިމާވި ކަމެއް ނުވަތަ ކަންތައްތަކެއް ހަނދާން ނައްތާލައި އައު ފެށުމަކުން ފަށަންވެސް އަޒުމް ކަނޑައަޅައެވެ. މުޅީން އެހެން މީހެއްގެ ގޮތުގައިއެވެ. ލޯބީގެ ހިތި ތަޖުރިބާއެއް ކުރެވިފައިވާ ނަމަ އެކަންތައް ހަނދާނުން ފުހެލިވާހަކަ ޖަހަމުންނެވެ. ނަމަވެސް އޭގެ ތެރެއިން މިއަދާ ހަމައަށް އައިއިރު އެގޮތުގައި އެ އަޒުމުގައި ތިބެވުނީ ކިތައް މީހުންނަށް ބާވައެވެ؟

ކުރެވެމުންދިޔަ ނުރަނގަޅު އާދަތައް ހުއްޓާލުމަށްވެސް އައު އަހަރުގެ ފެށުން ބޭނުންކުރާ މީހުން ގިނައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން ނުވަތަ ދީނީ ކަންކަމަށް ފަރުވާތެރިވުމަށްވެސް ގިނަ މީހުން ނިންމައެވެ. ކަންކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ބައެއްގެ ސަބަބުން ނުވަތަ އުޅެވޭ މާހައުލެއްގެ ސަބަބުން ނުވަތަ ލިބިފައިވާ ތަރުބިއްޔަތެއްގެ ސަބަބުން އެކަންކަމާމެދު ފަރުވާކުޑަ ކުރެވިފައި ހުންނަ ކަންކަމެވެ. ގިނަ ބަޔަކު ދުންފަތުގެ އިސްތިޢުމާލުކުރުން އައު އަހަރު ފެށުމާއެކު ހުއްޓާލައެވެ. ދީނީ ކަންކަމަށް ފަރުވާތެރިވާންވެސް ފަށައެވެ. ނަމަވެސް އަހަރުގެ ބާކީ ހަތަރު މަސްދުވަހަށް އައިއިރު މިކަން އޮތީ މިހާރު ކިހިނެއް ހެއްޔެވެ؟

ދެން މިއޮތީ އަދި މާ އެހެންކަހަލަ ކަމެކެވެ. އަހަރެއް ފެށުމުގެ ކުރިން ކުރިޔަށް އޮތް އަހަރު ދަތުރުކުރާނޭ މަންޒިލްތަކެއް ކަނޑައަޅައެވެ. ދަތުރުދާނޭ ދުވަސްތަކެއް ނިންމައެވެ. ޒިޔާރަތްކުރާނޭ ގައުމުތަކެއް ހިތުގައި ކުރަހާލައެވެ. ހިތްހަމަ ޖައްސާލުމަށާއި ލިބޭ ފައިސާއިން އެކި ކަހަލަ ތަޖުރިބާ ކޮށްލުމަށެވެ. އެހެންނަމަވެސް އަހަރު ނިމުމަކާ ގާތްވެފައިވާއިރު ދެވުނީ ކިތައް ދަތުރު ހެއްޔެވެ؟ ދެވުނީ ކިތައް ގައުމަށް ހެއްޔެވެ؟

ރަނގަޅެވެ. ބާކީ އަދި ހަތަރު މަސް އެބަ އޮތެވެ. މި ލިޔުމުގެ ބޭނުމަކީވެސް އެއީއެވެ. އަހަރު ފެށުމުގެ ކުރީން ކުރަން އަޒުމް ކަނޑައެޅި ކަންކަން ހަނދާން އައުކޮށްދިނުމެވެ. އެކަންކަމަށް ތިބާގެ ވިސްނުން ދީލައިލުމަށް އެހީވެދިނުމެވެ. މިހާރު ކުރެވޭ ނުރަނގަޅު ކަންކަން ހެޔޮ ކޮށްލުމަށް އެހީވުމެވެ. ބާކީ ހަތަރުމަހެވެ. ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

ލިއުނީ: މޯހިރު