އިންސާނީ ފިތުރަތުގައި ދުނިޔަވީ އެކިއެކިކަންކަމުގެ ދަހިވެތިކަން ލައްވާފައިވާތީ ،ހަވާނަފްސު އެމީހެއްގެ މައްޗަށް ގަދަވެގަންނަ ހިނދެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މަޢުސޫމް ކުރަށްވާފައިވާ އިންސާނަކު ފިޔަވައި ކޮންމެމީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ.ނަމަވެސް އެކަން އިޙްސާސްކުރެވުމާއި އެކު ދެރަވެ ތައުބާވުމަށް އަވަސްވެގެންފިނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހެއްގެ ފާފަފުއްސަވާނޭކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ.

އަދި އިންސާނާ އިންސާނަކަށްވީތީ އޭނާގެ ކިބައިގައި ލައްވާފައިވާ ބޭނުންތަކާއި އެދުންތަކެއްވެއެވެ. އެދުންތަކާއި ބޭނުންތައް ފުއްދޭނޭގޮތް މާތްﷲ އެކަލާންގެ ހެއްދެވި މަޙްލޫޤުންނަށްވަނީ ފަހިކޮށްދެއްވާފައިއެވެ.އޭގެ ތެރެއިން އެއްކަމަކީ ޝަރުޢީ ކައިވެންޏެވެ. މިއީ އިންސާނާގެ ޖިންސީ ޣަރީޒާ ރައްކާތެރި ކަމާއިއެކު ޙާޞިލްކުރުމަށް ހަމަޖައްސަވައިފައިވާ މަގެވެ. މާތް ﷲ ވަޙީބަސްފުޅެއްގެ މާނާގައިވެއެވެ.” ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބީންހެއްދެވިކަމީ ، އެކަލާންގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ.އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަންލިބިގަތުމަށްޓަކައިއެވެ.އަދި އެކަލާންގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި ،އޯގާވެރިކަން ލެއްވިއެވެ.ހަމަކަށަވަރުން ، ފިކުރުހިންގާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަންކަށަވަރެވެ.”މިގޮތަށް އަންގަވާފައިމިވަނީ މިކަމަކީ އިންސާނުންނަށް އެންމެ ހެޔޮގޮތްކަމުގައި ވީމައެވެ.

Ad
rt

އަދިވެސް އަޅުގަނޑުމެންވިސްނާލަމާތޯއެވެ. ބައެއްފާފަތަކަށް އެއްގޮތަކަސް އަރައިނުގަތުމަށް މާތްﷲ އަމުރުކުރަށް ވާފައިވާއިރު ، އަނެއްބައި ފާފަތަކަށް އެއްގޮތަކަށްވެސް ގާތްނުވުމަށް މާތްﷲ އަންގާވާފައިވެއެވެ. އެއީ އެކަމުގެ ނުބައިކަމާއި ގެއްލުމާއި ހުރިނުރައްކައު ތެރިކަމެއްގެ ބޮޑުކަމުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަހީބަސްފުޅުގެމާނައާއި މެދު ފުންކޮށްވިސްނާލަމާހެވެ.

އެކަލާންގެ ވަހީބަސްފުޅެއްގެ މާނާގައިވެއެވެ.”އަދި ތިޔަބައިމީހުން ޒިނޭއާއި ކައިރިނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަންބޮޑު ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަން ހާދަހައި ނުބައިވެގެންނެއެވެ.”

މިފަދަ ބޮޑުފާޙިޝް ޢަމަލަކާއި ކައިރިވެސް ނުވުމަށް އަންގަވާފައިވާއިރު ،އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި މިބާވަތުގެ ކަންކަންކުރަމުންދަނީ ވަރަށްވެސްވެސް ހީވާގިކަމާއި އެކު ފައުޅުކަންބޮޑުގޮތެއްގައި އެއްވެސް ޖެހިލުމެއްނެތިއެވެ.މިކަންއެނގޭމީކަށް އެގުނަސް އެއީ އެހެންމީހަކާއި ބޭހެވޭނޭ ކަމެއްނޫންކަމަށް ދެކި ތިމާ ހެއްދިވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ބިރުވެތިވުމުގެ ކުޑަވެސްމިންވަރެއްނެތިއެވެ.

މިއުންމަތުގެ މާތްނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައި ވަސައްލަމް ހަދީޘް ކުރައްްވާފައިވެެއެވެ.” ޒިނޭކުރާމީހާ މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއްނުކުރާނެއެވެ.” މާނައަކީ އެވަގުތު އޭނާގެ އީމަންކަން އޭނާގެ ކިބައިން ނެތިގެންދާނެއެވެ.

މިފަދަ ބޮޑެތި ފާޙިޝް ޢަމަލު ތަކަށް އަރައިގަތުމުގައި ވަގުތުތަށް ހޭދަކުރަމުން ދާއިރު ތިމާގެ އަޖަލު މިހިނދުންމިހިނދަށްވެސް ހަމަވެ، މާތްﷲ ގެ ހަޞުރަތަށް ރުޖޫޢަވާންޖެހިދާނޭ ކަމާއި، އެކަލާންގެ ކޯފާއާއި އަޒާބު އަތުވެދާނޭކަމާއި މެދު ބިރުވެތިވާންޖެހެއެވެ. މީގެ ކުރީގެ އުންމަތް ތަކުގެ މީހުން އެބައިމީހުންގެ ފާފައިގެ ސަބަބުން ﷲ ގެކޯފާ އާއިގަދަފަދަ އަޒާބު އައިސްފައިވާކަން އަޅުގަނޑުމެންނަށް ކީރިތިޤުރުއާނުންވެސް އެނގެންއެބައޮތެވެ. އެގޮތުން އިންސާނީ ތަބީޢަތާއި ޙިލާފަށް މިފަދަ އަމަލުތައް ކުރަމުން އައިމީހުންނާއި މެދު ކަންތައް ކުރެއްވިގޮތް ބަޔާންކުރަށްވައި ވަޙީކުރަށްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ” ފަހެ ތިމަންރަސްކަލާންގެ އެރަށުގެ ،މައްޗަށް އޮތްފުށް ވަތައް އޮތް ފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރަށްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާންގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.”

އަދި ﷲ ސުބުހާނާހޫ ވަތަޢާލާ ނަހީކުރަށްވާފައިވާ ބޮޑެތިފާފަތަކަށް ފާޅުގައި އަރައިގަންނަ މީހާއާއި ، ސިއްރުގައިވިޔަސް ފާފައެއްކޮށްފިނަމަ، އެކަންﷲ ސުބުޙާނަހޫ ވަތަޢާލާ ސިއްރުކުރަށްވާފައި ވަނިކޮށް ތިމާ އަމިއްލައަށް އެކަން ފާޅުކޮށް އެހެންމީހުންގާތުގައި އެވާހަކަ ދައްކާ މީހާއަކީ ނުބައިކަމުން ހައްދުފަހަނައަޅާފައިވާ މީހެކެވެ.އެފަދަމީހާއީ އެމީހާގެ ކިބައިން ލަދުވެތިކަން ނިގުޅައިގެންފައިވާ މީހެކެވެ.އަދި ﷲ ގެ ކޯފާއަށް ހުށައެޅިފައިވާ މީހެކެވެ.

ނިންމާލަމުން އަޅުގަނޑުދަންނަވާލާނީ ކީރިތިޤުރުއާންނުގައި ބަޔާންކުރަށްފައިވާ މިފަދަ ވާހަކަތަކުން ޢިބުރަތް ޙާސިލްކުރަށްވާށެވެ!ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމަށް ޓަކައި އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލައިނުލާށެވެ! ތިމާގެ އަބުރާއި ޢިއްޒަތް ޙަރާބުވެ ދިޔަނުދޭށެވެ ! އަދި އަޅުގަނޑުމެންގެ ތެރެއިން ފާޙިޝް ޢަމަލުތަކުގައި ހައްދުފަހަނަ އަޅައިދާ މީހުންނަށް ހެޔޮވިސްނުންދެއްވައި މިމުޖްތަމަޢުއަށް އަމަން އަމާންކަން ދެއްވާށި! އާމީން

ލިޔުނީ : ޢަބުދުއްރަޙްމާން ބުނު އަޙްމަދު