މުޖުތަމައެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްކަމަކީ ތަޢުލީމެވެ. އަދި ހަމަ އެހެންމެ ތަރައްޤީވެ ކުރިއަރައިދާ ޤައުމުތަކުގައި ތަޢުލީމަށްދޭ އަހައްމިއްޔަތު އިތުރުވާތަންވެސް ފެނިގެން ދެއެވެ. ތަޢުލީމީ ފެންވަރު މަތިވުމުން އެވްރެޖްކޮށް ލިބޭ އާމްދަނީވެސް އިތުރުވެގެންދެއެވެ. މިއީ އިޤްތިޞާދީ މާހިރުން އެންމެ އިހުއްސުރެ ލަފާކޮށްފައިވާ ކަމެއްނަމަވެސް ތަޢުލީމާއި އާމްދަނީއާއި ހުރި ގުޅުމުގެ މައްޗަށް ދިރާސާތައް ކުރެވި ތަޢުލީމަށް ކުރެވޭ ޚަރަދުތައް އިތުރުވާންފެށީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ތަޢުލީމު ޙާޞިލްކުރާ މިންވަރުގެ ތަފާތުތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ފަރަޤެއް ފާހަގަވަނީ މާލެއާއި އަތޮޅުތަކާ ދެމެދުއެވެ. 2016 ވަނަ އަހަރުގެ ގޯތިގެދޮރުގެ އާމްދަނީއާއި ޚަރަދުކުރުން ހުރި ގޮތުގެ ސާރވޭއިން އެނގޭ ގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން %68 މީހުންނަކީ ސާނަވީ ނުވަތަ މަތީ ސާނަވީ ތަޢުލީމުގެ ފެންވަރު ހުރި މީހުންނެވެ. ހއ އަތޮޅުގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން %45 މީހުން ސާނަވީ ނުވަތަ މަތީ ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވާއިރު ހދ އަތޮޅުގައި މިއަދަދު އުޅެނީ %47 ގައެވެ.

Ad
rt

މަތީ ތަޢުލީމަށް ބަލާއިރުވެސް މިފަދަ ތަފާތުތަކެއް ފެންނަން އެބަހުއްޓެވެ. 2016 ވަނަ އަހަރުގެ ގޯތިގެދޮރުގެ އާމްދަނީއާއި ޚަރަދުކުރުން ހުރި ގޮތުގެ ސާރވޭގެ ނަތީޖާ ދައްކާގޮތުން މާލޭގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން %14 އަކީ މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ މީހުންނެވެ. ހއ އަތޮޅުގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވަނީ އެންމެ %3 މީހުންނެވެ. އަދި ހދ އަތޮޅުގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވަނީ %4 މީހުންނެވެ.

މިތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ހއ އަދި ހދ ދެއަތޮޅުގައިވެސް މަސައްކަތްކުރާ އާބާދީގެ ތަޢުލީމީ ފެންވަރު މާލެއާއި އަޅާކިޔާއިރު ދަށެވެ. ތަޢުލީމީ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި އަތޮޅުތެރޭގައި ތަޢުލީމު ޙާޞިލްކުރެވެން ހުރި މިންވަރު ދަށްވުން އެކަށީގެންވެއެވެ. ހއ އަދި ހދ ދެއަތޮޅަށް ބަލާއިރުވެސް މަތީ ތަޢުލީމު ޙާޞިލްކުރެވެން ހުރި ހަމައެކަނި ރަށަކީ ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. އަދި ގިނަ ރަށްރަށުގައި މަތީ ސާނަވީ ތަޢުލީމުދޭ މަރުކަޒެއް ނުހުރެއެވެ.

އާމްދަނީ ލިބޭ މިންވަރަށް ބަލާއިރުވެސް މާލޭއާއި އަތޮޅުތަކުގައި ތަފާތުތައް ފެންނަން އެބަ ހުއްޓެވެ. މާލޭގައި މައިގަނޑު މަސައްކަތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 13،528 ރުފިޔާއެވެ. ހއ އަތޮޅުގައި މައިގަނޑު މަސައްކަތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 7،155 ރުފިޔާ ލިބޭއިރު ހދ އަތޮޅުގައި އެވްރެޖްކޮށް ލިބެނީ 6،383 ރުފިޔާއެވެ.

މާލެއާއި އަޅާކިޔާއިރު އަތޮޅުތަކުގައި މަސައްކަތެއް އަދާކުރުން، ތަޢުލީމު އުނގެނުން ނުވަތަ ތަމްރީނު ލިބިގަތުމުގައި ޙަރަކާތްތެރިނުވާ ޒުވާނުންގެ އިންސަންތަވެސް އިތުރެވެ. އެގޮތުން މާލޭގައި މަސައްކަތެއް އަދާކުރުން، ތަޢުލީމު އުނގެނުން ނުވަތަ ތަމްރީނު ލިބިގަތުމުގައި ޙަރަކާތްތެރިނުވާ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ އިންސަންތަ %23 ގައި ހުރިއިރު ހއ އަތޮޅުގައި ހުރީ %31 ގައެވެ. އަދި ހދ އަތޮޅުގައި %35 ގައެވެ.

ޖުމްލަގޮތެއްގައި ފާހަގަކުރެވެނީ ހއ އަދި ހދ ދެއަތޮޅުގައިވެސް މަސައްކަތްތެރިންގެ ތަޢުލީމީ ފެންވަރާއި ލިބޭ އާމްދަނީ މާލެއާއި އަޅާބަލާއިރު ދަށްކަމެވެ. އަދި މަސައްކަތެއް އަދާކުރުމާއި، ތަޢުލީމު އުނގެނުމާއި، ތަމްރީނު ލިބިގަތުމުގައި ޙަރަކާތްތެރި ނުވާ ޒުވާނުންގެ ޢަދަދު އިތުރުކަމެވެ.