ބަނދަރު ހެދުމުގެ މަސައްތަކުގައި އުޅޭ އިންޖިނިއަރުންގެ މަސައްކަތަށް ރައްޔިތުން ގޮތް ކިޔާތީ ވަރަށް ދަތިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ފައިކަށީގައި އޮންނަ ހުސްތަންކޮޅެއްގެ ސަބަބުން ބަނދަރު ތިލަވަމުންދާ ކަމަށް ވިދާޅުވެ މޮސްޓާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބަނދަރު ހެދުމާއި ޑިޒައިން ކުރުމަކީ އިންޖިނިއަރުންގެ މަސައްތަކެއްކަމަށާއި ނަމަވެސް ރައްޔިތުންގެ އަމިއްލަ އަށް ބަނދަރު ޑިޒައިން ކޮށްފޮނުވާ ކަމަށެވެ. އެހެނަ އެކަން ކުރުމުން އިންޖިނިއަރުން ބޭނުންވާނެ ސަބަބެއް ނެތް ކަމަށެވެ.
"ބަނދަރު ހަދައި ބަނދަރުގެ ތޮށި ހުންނަންވީ ގޮތް ނިންމައި، ބޮޑު ހިލައިގެ ސައިޒު ނިންމައި، ނެރުގެ ފައިކަށީގެ ދިގުމިން ނިންމައި، މިކަންކަން ކުރަނީ ޓެކްނިކަލް ބޭފުޅުން ނުވަތަ އިންޖިނިއަރުން. ވަރަށް ގިނައިން ދިވާމާ މައްސަލަ އެއް ރަށުގެ ރައްޔިތުން ބަނދަރު ޑިޒައިން ކޮށްފަ ފޮނުވާ. ރައްޔިތުން ބުނެދޭން ޖެހޭނެ އެއްޗަކީ ކިތައް ދޯންޏަސް ކޮން ކަހަލަ ބަނދަރެއްތޯ. އިތުރު ކަންކަން ނިންމާނީ އިންޖިނިއަރުން. މިކަން ހައްލު ކޮސްދިނުމަށް މެމްބަރުންގެ އެއްބާރުލުން ވަރަށް ބޭނުން" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ނޮޅިވަރަމްގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރާނެ ފައިސާ މިއަހަރުގެ ބަޖެޓްގައި ނެތް ކަމަށެވެ. އެމަސައްކަތް ކުރާނަމަ ޖެހޭނީ އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނަން ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވަނީ އެ މެމްބަރު ތަމްސީލު ކުރައްވާ ދާއިރާގެ ދެ ރަށް ކަމަށްވާ ތުރާކުނާއި އުލިގަމުގެ ބަނދަރު ގަދަވާ މައްސަލަ މިނިސްޓަރު އަސްލަމާ ހިއްސާކޮށްފައެވެ. އަދި މި މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވޭނެ ގޮތަކީ ކޮބައިތޯ މިނިސްޓަރުގެ އަރިހުން އައްސަވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށް އުފެދިފައި ވަނީ ވަރަށް ހާންމަކޮށް ބޮޑުކޮށް ކަމުން ބާނީގެ އަސަރުކުރުމާއި ބޮޑެތި ރާޅުގެ އަސަރުކުރާ ކަމަށެވެ. އެހެންކަމުން ބަނދަރުތައް ހެދިފައި ހުންނަ ގޮތުން މައްސަލަ ދިމާވެފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބަނދަރު ޑިޒައިންކުރުމުގައި އެބައުޅޭ މައްސަލަ. އެއީ ބައެއް ރަށްރަށުގައި އިންޖިނިއަރުންނަށް ވުރެ ބޮޑަށް ރައްޔިތުން އެބަ ގޮތް ކިޔާ. ޑީޒައިން ކޮށްފަ އެބަދޭ މިހެންނޭ ވާނީ ބަނދަރު ހަދަން ކިޔާފަ. އެހެންވެ އެ ނޫން ގޮތެއް ނުދައްކައިގެން އެގޮތަށް މަސައްކަތް ކުރަން ފަށަން ޖެހޭ. މިހެން ކަންތައްކޮށް ބަނދަރުގައި މައްސަލަ ޖެހުނީމަ އެކަމުގެ ޒިންމާ ނަގާނެ މީހަކު ވެސް ނުހުރޭ ގިނަ ފަހަރު." އަލްސަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއަހަރު ވެސް ބަޖެޓްގައި ގިނަ ރަށްތަކެއްގެ ބަނދަރުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެގޮތުން 59 މަސައްކަތެއް ބަޖެޓް ކުރެވިފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން 19 މަޝްރޫޢެއްގެ އަމަލީ މަސައްކަތުގައި ސޮއިކޮށްފައިވާނެ ކަމަށެވެ. ޓެންޑާގައި 22 މަޝްރޫޢެއް އަދި ޓެންޑާއަށް ފޮނުވާ ހިސާބުގައި 18 މަޝްރޫއެއް އެބައޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!