ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ: މޫސާގެފާނުން ﷲގެ ޙަޟްރަތުން ދެންނެވިއެވެ: "އޭ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއް، އެއީ އެހެނިހެން ހުރިހާ އުއްމަތްތަކަށްވުރެ ރަގަޅު އުއްމަތެއްކަމުގައި ވާތީ ދުށީމުއެވެ. އެމީހުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަޙީކުރާ ބައެކެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއީ މިއަޅާގެ އުއްމަތްކަމުގައި ހައްދަވާންދޭވެ!" ﷲ ވަޙީކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން އެކަލޭގެފާނުން ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ، އެއީ ފޮނުއްވުމުގައި އެންމެ ފަހުގެ އުއްމަތް ކަމުގައި، އަދި ސުވަރުގެ ވެއްދެވުމުގައި އެންމެ އިސް އުއްމަތްކަމުގައި ވާތީ ދެކިވަޑައިގެންނެވީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެއުއްމަތެއްގެ ބަޔަކަށް ދެއްވެވޭ ފޮތް، އެބައިމީހުންގެ ހިތްތަކުގައިވާ ޙާލު އެބައިމީހުން އެފޮތް ކިޔާއުޅެއެވެ. އެއުއްމަތުގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް އެބައިމީހުންނަށް ބާއްވައިލެއްވުނު ފޮތް ކިޔާއުޅޭނީ ހަމައެކަނި ފޮތް ބަލައިގެންކަމުގައިވެއެވެ. އެފޮތް ލައްޕާލުމާއެކު އެބައިމީހުންނަކަށް އެފޮތް ނުކިޔެއެވެ. (މާނައީ ހިތަކުން އެމީހުންނަކަށް އެމީހުންގެ މުޤައްދަސް ފޮތެއް ނޭންގެއެވެ.) އަދި ނުވެސް އިނގެއެވެ. އެއިގެ އިހުގެ އުއްމަތްތަކުގެ މީސްތަކުންނަށް ނުކުރެވުނު ކަމެއްކަމުގައިވިޔަސް، އެއުއްމަތެއްގެ މީސްތަކުންނަށް (އެމީހުންނަށް ބާއްވައިލެއްވުނު ފޮތް) ހިތުދަސްކުރުމުގެ ޤާބިލިއްޔަތުކަން ދެއްވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެބައިމީހުންނަކީ އެންމެ އިހަށް ބާއްވައިލެއްވުނު ފޮތާއި އެންމެ ފަހުން ބާއްވައިލެއްވުނު ފޮތަށް އީމާންވާ ބައެކެވެ. އެބައިމީހުންނަކީ ނުބައިމަގުގެ މީސްތަކުންނާއި ހަގުރާމަކުރުމުގައި ދެމިތިބޭ ބައެކެވެ. މިގޮތުގައި އެބައިމީހުން އެއްލޯ (އަވަރު) ބޮޑު ދޮގުވެރިޔާ (ދައްޖާލް) އާއި ހަގުރާމަކުރާކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެބައިމީހުންނަށް ޞަދަޤާތެއްގެ ގޮތުގައި ދެވޭ އެއްޗެހި ކައިއުޅެވެއެވެ. އަދި އެއާއިއެކުވެސް އެބައިމީހުންނަށް ސަވާބު ލިބެއެވެ. އެކަމަކު އެއިގެ ކުރީގެ އުއްމަތްތަކުގައި، މީހަކު ސަދަޤާތެއްގެ ގޮތުގައި އެއްޗެއް ދީފިނަމަ، އަދި އެޤަބޫލުކުރެވުނެވެ، ﷲ ދެން އަލިފާން ފޮނުއްވައި އެކާލާނެއެވެ. އަދި އެއިން ބައެއް ބާކީވެފައި ވާނަމަ، ބިމުގެ ފަނިފަކްސާއާއި ދޫނި ސޫފާސޫފި އެތަކެތި ކައިއުޅެއެވެ. އެމީހުންނަށް އެތަކެއްޗަކީ މުއްސަނދިންގެ އަތުން ފަޤީރުންނަށް ދެވޭ އެއްޗެއްކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެމީހުންގެ ތެރެއިން މީހަކު ހެޔޮކަމެއް ކުރުމަށް ހިތްނިޔަތް ގަނެފައި އަދި އެކަމެއް ނުކުރެވުނު ކަމުގައިވިޔަސް އެމީހުންނަށް ދިހައަކުން ހަތްސަތޭގަ ގުނައަކާއި ދެމެދު ސަވާބު ދެއްވާކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެއުއްމަތުގެ މީހުންނަކީ މީސްތަކުންގެ މައްޗަށް ޝަފާޢަތްތެރިވާ ބައެއްކަމުގައިވެއެވެ. އަދި އެބައިމީހުންނަށްޓަކައި ޝަފާޢަތްވެސްވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ.
ދެން މޫސާގެފާނުން ތައުރާތުގެ ފަތްފުއްތައް އެއްލަވައިލައްވައި ދުޢާދެންނެވިއެވެ: "ޔާ ﷲ! މިއަޅާއަކީ އަޙްމަދުގެފާނުންގެ އުއްމަތުގެ މީހެއްކަމުގައި ލައްވާންދޭވެ!"
ސުބުޙާނަﷲ! ﷲ ތަބާރަކަ ވަތަޢާލާގެ ރަސޫލުންކުރެ ރަސޫލަކު އެބެއިކަލެއް މިއުއްމަތުގެ އާދައިގެ އިންސާނަކަށްވުމަށް ދުޢާ ދަންނަވަނީއެވެ. އެކަލޭގެފާނުންނަށް ހަމަ ގައިމު ދެނެވަޑައިގަންނަވާތީތާއެވެ. އެކަމަކު އެބޮޑު ނިޢުމަތް ލިބިގެންތިބި އަހަރެމެންނަށް މިއުޅެނީ މިއުއްމަތް ކަމުނުގޮސްގެންނެވެ. ނޫނީ ނިޢުމަތުގެ އަގު ވަޒަން ނުކުރެވިގެންނެވެ. އެއިގެ ބަދަލުގައި އަހަރެމެން މިއުޅެނީ ދުނިޔޭގެ އުފަލާއި މަޖަލުގައެވެ. ދާޢިމީ އުފަލާއި މަޖާ ހޯދުމަކަށް މަސައްކަތް ކުރަނީ ކިތަކަކަށް މަދު މީހަކުބާވައެވެ. މިއީ ރަސޫލު ބެއިކަލެއް އެކަނި ހެއްޔެވެ؟ ތިންސަތޭކަ އެތަކެއް ބެއިކަލުންކުރެ އެބެއިކަލެއްގެ ނަންފުޅު ކީރިތި ޤުރުއާނުގައި އެންމެ ގިނަޢަދަދަކަށް ބަޔާންވެގެންވާ ކަލޭގެފާނެވެ. އަދި އެވަރުން ފުދުނީހެއްޔެވެ؟ އެހެންނެއްވެސް ނޫނެވެ. ހުރިހާ ރަސޫލުންގެ ތެރެއިން ޢުލުލް ޢަޒުމުގެ ފަސް ބެއިކަލުންކުރެ ބެއިކަލެއްވެސް މެއެވެ. މިފަދަ މާތް ރަސޫލާ، ރަސޫލެއްގެ ގޮތުގައި ހުންނަވައި އެދުޢާ ކުރައްވަނީ...... އަހަރެމެން މުސްލިމުން (އަޙްމަދުގެފާނުންގެ އުއްމަތުގެ މީހުން) މިވަނީ ހާދަހާވާ ބޮޑު، އަގު ވަޒަންކުރަން ދަތި ނިޢުމަތެއްގައެވެ. އެކަން އެކަމަކު ދަންނާނޭ ނަމައެވެ.
ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ "ޤަޞަޞުލް އަންބިޔާ"
ނޯޓް: މިއީ އިބްރަތްތެރި އެތައް ވާހަކަތަކެއް ގެނެސްދިން "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ" އިން ނަގާފައިވާ ލިއުމެކެވެ. މިއީ ރ. ހުޅުދުއްފާރު މުހައްމަދު ނިޝާމް "ވާހަކަ ކިޔައިދޭ އެކުވެރިޔާ" ނަމުން ލިޔެފައިވާ ލިއުމެކެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހަވީރު ފުޓު ބޯޅަ ކުޅެން ހުއްޓާ ނިޝާމް ވަނީ ކުއްލިގޮތަކަށް ނިޔާވެފައެވެ. އޭރު އޭނާ އައީ ހުޅުދުއްފާރު ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންނެވެ. ނިޝާމް ނިޔާވުމުގެކުރިން ކާކުކަން ނޭނގޭ ގޮތަށް އޭނާ ހިންގަމުންދިޔަ "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ" ޕޭޖްގައި އޭނާ ވަނީ އަރަބި އަދި އިނގިރޭސި ބަހުން ހުރި ގިނަ އިބްރަތްތެރި ވާހަކަތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!