2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 18 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ.
ދުނިޔޭގެ ކަންކޮޅު ތަކުން މިބަލި ޖެހުނު މީހުންގެ ޢަދަދު ޖުމްލަ ޢަދަދު 18 މިލިއަން ފަހަނަ އަޅައި ދިޔައިރު، 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅު ވެފައެވެ.
ދުނިޔޭގެ ބައްރު ތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ.
އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު މިނެއްގައި އިތުރުވަމުންނެވެ.
2 އޯގަސްޓް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 18,008,891
މަރުވި މީހުންގެ ޢަދަދު: 688,591
ރަނގަޅުވި މީހުންގެ ޢަދަދު: 11,325,095
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އަދިވެސް އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 157,898 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,764,318 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 2,362,903 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 2,708,876 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 93,616 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,884,051 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ އަވަށްޓެރި އަވަށްޓެރި އިންޑިއާއެވެ. އެ ޤައުމުން 1,751,919 މީހުން ޕޮޒިޓިވްވެ، 37,403 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 284,847 މީހުންނެވެ.
މިބައްޔަށް މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު ދުނިޔެއަށް ދަނީ އުފާވެރި ކަމުގެ މެސެޖްތައް ލިބެމުންނެވެ. މިގޮތުން 1 އޯގަސްޓް 2020 ވަނަ ދުވަހު (އިއްޔެ) އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް މި އަހަރުގެ ފަހުކޮޅު ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް، ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވަނީ ވިދާޅު ވެފައެވެ.
"ޓަރަޔަލްތައް ނުހަދައި ވެކްސިނެއްގެ ކާމިޔާބު ކަމެއް ނޭނގޭނެ. އެކަމަކު ކޮރޯނާވައިރަހުގެ ވެކްސިން ކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ." ފައުޗީ ވަނީ ވިދާޅު ވެފައެވެ.
މީގެ އިތުރުން ރަޝިޔާއިން ކޯވިޑް-19ށް ހޯދާ ވެކްސިން ބޭނުން ކުރުމަށް ކަމާއި ބެހޭ އިދާރާތަކުގެ ހުއްދަ އޯގަސްޓު މަހު ލިބޭނެ ކަމަށް މިދިޔަ ހަފްތާގައި ރޮއިޓާސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 6 ކުންފުންޏަކުން ވަނީ ކޯވިޑް-19 ވެކްސިންގެ ލެބޯޓަރީ މަރުޙަލާ ނިންމައި، 3 ވަނަ ޓްރަޔަލް މަރުޙަލާވެސް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ 3 ކުންފުންޏަކާއި، އިނގިރޭސިވިލާތުގެ އޮކްސްފޯރޑް (އެސްޓްރާޒެނެކާ) އާއި، އެމެރިކާގެ 2 ކުންފުނިކަމަށްވާ މޮޑަނރާ އަދި ފިޒަރ އެވެ.
އެހެން ނަމަވެސް، މިއިން އެއްވެސް ވެކްސިނެއް ތަހުލީލުގެ 5 ވަނަ މަރުޙަލާއަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 5 ވަނަ މަރުޙަލާއަކީ ކުއްލި ޙާލަތްތަކުގައި ފަރުވާއެއްގެ ގޮތުން ވެކްސިން ބޭނުން ކޮށްލުމަށް ހުއްދަ ދެވިގެންދާ މަރުޙަލާއެކެވެ. އަދި އެއަށްފަހު އަންނާނީ އެންމެ ފަހުގެ މަރުޙަލާ ނުވަތަ ވެކްސިން އާންމުކޮށް ބޭނުން ކުރުމަށް ހުއްދަދެވޭ މަރުޙަލާއެވެ.
އޭގެ އިތުރުން، ވެކްސިންގެ ޓްރަޔަލްގެ 2 ވަނަ މަރުޙަލާއާ ހިސާބަށްވެސް އިތުރު 5 ކުންފުންޏެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ 2 ކުންފުންޏަކާއި، އެމެރިކާގެ 3 ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!