ފަހަތުންއަރާ ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް އާސެނަލްއިން ހޯދައިފިއެވެ.

މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ ޗެލްސީއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިފައިވަނީ ޗެލްސީއިންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 28 ވަނަ މިނެއްޓުގައި ކާމިޔާބު ކޮށްދީފައިވަނީ އާސެނަލްގެ ފޯވާޑް އޮބާމަޔަންއެވެ. މި ޕެނަލްޓީއަކީ ޗެލްސީގެ ކެޕްޓަން އަޒްޕިލްކްއޭޓާ އާސެނަލްގެ ފޯވާޑް ކުޅުންތެރިޔާ އޮބާމަޔަންއަށް އެ ޓީމުގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީ ކުޅުނުނަމަވެސް އާސެނަލުންވަނީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ލަނޑުޖަހައި ޗެލްސީމައްޗަށް މެޗުގައި ކުރިހޯދައި މި އަހަރުގެ އެފްއޭކަޕްގެ ތަށި އުފުލާލައިފައެވެ. މި ލަނޑު ވެސް އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ އޮބާމަޔަންއެވެ. މެޗުގައި އިތުރަށް ޗެލްސީއަށް މައްސަލަ ކުރިމަތިވީ އެ ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ މަޓެއޯ ކޮވެސިޗަށް 73 ވަނަ މިނެޓްގައި ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. އެ ޓީމުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އާސެނަލްއެވެ. މިގޮތުން އާސެނަލް އެފްއޭކަޕް ތަށި 14 ފަހަރު ހޯދާފައިވާއިރު، މި މުބާރާތް ދެން އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމުވަނީ އެފްއޭކަޕް ތަށި 12 ފަހަރު ކާމިޔާބު ކޮށްފައެވެ.

މިރޭމެޗުން މޮޅުވުމުން އާސެނަލްއަށް ވަނީ އަންނަ ސީޒަންގެ ޔޫރަޕާ ލީގުންވެސް ޖާގަލިބިގެން ގޮސްފައެވެ. އާސެނަލް މިރޭ ހޯދި ކާމިޔާބަކީ އެ ޓީމުގެ ކޯޗުކަމާ މި ސީޒަންގައި އާޓޭޓާ ހަވާލުވީ ފަހުން އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.