މާދަމާ އަކީ 1441 ވަނަ އަހަރުގެ އަޟްހާ ޢީދު އަޅުގަނޑުމެންނާއި ބައްދަލު ކުރާ އުފާވެރި ބޮޑު ޢީދު ދުވަހެވެ. އަޅުގަނޑުމެންގެ އާދަ ކާދަތައް ޒަމާންތަކަށް ބަދަލު ވަމުން އައިސްފައިވާ ގޮތުގެ ތެރެއިން އަދިވެސް މިފަދަ ދުވަސް ތަކުގައި ތަފާތު ކާބޯތަކެތީން އަޅުގަނޑުމެންގެ ގޭ ތަކުގެ ސުފުރާމަތި ތަނަވަސް ކޮށްލައެވެ.
ޢީދު ދުވަހަކީ ޢާއިލާގެ ގިނަ މީހުން ބައްދަލުވާ ދުވަހެކެވެ. ވަޒީފާތަކުގައި އުޅޭ ޢާއިލާގެ މެމްބަރުން ވެސް ގޭގައި ތިބޭ ދުވަހަކަށް މި ދުވަސް އޮންނަނީ ވެފައެވެ. ޢާއިލީ ޒިޔާރަތް ކުރުން ތަކާއި، ޢާއިލީ ގުޅުން ބަދަހި ކޮށްލުމުގެ ޗޭނުގެ ތެރޭގައި މިދުވަހު ތައްޔާރު ކޮށްލާ ތަފާތު ކާބޯތަކެއްޗަށް އިންސާފުކޮށްލުން ހިމެނެއެވެ.
މި ދުވަސްވަރަކީ ކޯވިޑްގެ ސަބަބުން ގޭގައި ތިބުން އެންމެ ރަނގަޅު ގޮތް ކަމަށް ވެފައިވާ ދުވަސްވަރު ކަމަށް ވިޔަސް، މާދަމާގެ ޢީދުގައި ވެސް ތިޔަ ގޭގޭގެ ސުފުރާ މަތި ތަފާތު ކާބޯތަކެތިން ފައްކާ ކޮށްލާނެ ކަމަކީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން މާދަމާ ތައްޔާރު ކޮށްލާ ބާވަތްތަކަށް އިތުރު ކޮށްލަން "މަސް ބޮނޑި" ތައްޔާރު ކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟
"މަސްބޮނޑި" ތައްޔާރު ކުރާނެ ގޮތް މި ގެނެސް ދެނީ ހދ. ފިނޭ މީހުންގެ ރަހަތަކާއި އެކު، ފިނޭ މީހުން މަސްބޮނޑި ތައްޔާރު ކޮށް އުޅޭ ގޮތަށެވެ. ފިނޭ މީހުން ތައްޔާރު ކުރާ ކާނާގެ ބާވަތްތަކުގެ ރަހަ ނިކަން މީރުކަން މިހާރު އޮންނާނީ އެނގިލަށްވާފައެވެ. މި ފަހަރުވެސް އަޖުމަ ބަލައިލަން ވާނެއެވެ.
މަސްބޮނޑި ތައްޔާރު ކުރާނެ ގޮތް
ބޭނުންވާ ތަކެތި
- 1 ގަނޑު ވަޅޯ މަސް
- 3 ސަމުސާ ދިވެހި ހަވާދު
- 1/2 ސައި ސަމުސާ އިނގުރު
- 1/2 ސައި ސަމުސާ ލޮނުމެދު
- 1 ފަޅި ގިތެޔޮ މިރުސް
- 1 މޭޒުމަތީ ސަމުސާ ގޮދަންފުށް
- ހިކަނދި ފަތްކޮޅެއް
- ލުނބޯއެއްގެ 1/4 ހުންނަ ވަރުގެ ލުނބޯކޮޅެއް
- ލޮނު
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ހަވާދުކޮޅު ފުނޑާލާށެވެ. އެހާބޮޑަށް ހިމުން ނުކުރިއަސް ރަނގަޅުވާނެއެވެ. ދެން މަސްގަނޑު ތުނިކޮށް ކޮށާލާށެވެ. ފިޔާކޮޅު
ވެސް ތުނިކޮށް ވަށްފޮށްޗަށް ކޮށާލާށެވެ. މިރުހާއި ހިކަނދިފަތް ވެސް ތުނިކޮށް ކޮށާލާށެވެ. އޭގެތެރެއަށް ލުނބޯކޮޅު ފެލާލާށެވެ.

އެއަށްފަހު އިނގުރާއި، ލޮނުމެދާއި އެކު ލޮނުކޮޅެއް އަޅާ މަސް، ހަވާދު އަދި ފުށްކޮޅު ފިޔަވައި ދެންހުރި އެއްޗެހި
މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން މަސްކޮޅު އަޅާ މޮޑެލާށެވެ. ދެން ފުށްކޮޅާއި ހަވާދުކޮޅު އަޅައި ރަނގަޅަށް މޮޑެލުމަށްފަހު، ލޮނު
ހެޔޮވަރުކޮށް، ކެޔޮފަތަށްލުމަށްފަހު ފިހެލާށެވެ. މިދިލި (ގޮބު) ގަހުގެ ފަތުގައި ވެސް ފިހެވޭނެއެވެ. ފަތް ނުލިބޭނަމަ ފޮއިލްގައި، އުނދުންމަތީ ތަވާގައި ވެސް ފިހެވޭނެއެވެ.

ކުރިން ވާނީ ޢީދަށް ޚާއްޞަކޮށް ފިނޭ “މުގުރު ބޮނޑި” ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ. ފިނޭ “މުގުރު ބޮނޑި” ތައްޔާރު ކުރާނެ ގޮތްވެސް ގެނެސްދީފައި ވާނީ އެރަށަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައި ދިން ގޮތަށެވެ. މިފަހަރު މަސްބޮނޑި ތައްޔާރު ކުރާނެ ގޮވެސް މި ގެނެސް ދިނީ ވަރުދާގެ އެހީތެރި ކަމާއި އެކުގައި އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!