ޒަމާނުއްސުރެ ހދ. އަތޮޅުގެ ގިނަބަޔަކު ދެކެމުންދިޔަ އެއް ހުވަފެނަކީ އެއަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިއުމެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއްގައި ތިއްބައި އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. މި ރިސޯޓްވެސް ހުޅުވިގެން ދިޔައީ އެ ރިސޯޓް ހެދުމަށް ރަށް ހަވާލުކުރިތާ 12 އަހަރު ފަހުންނެވެ.

ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި އޮންނައިރު, އެއާޕޯޓް އޮންނަ ހަނިމާދޫއާ ދާދި ކައިރީގައިވާ ހޮނޑާފުށި ފާހަގަކޮށްލެވެނީ ހދ. އަތޮޅުގައި އޮތް ރީތި ރަށެއްގެ ގޮތުގަ އެވެ.

Ad
rt

މި ރިސޯޓް ހުޅުވުމާއި އެކު އަތޮޅުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެކަމަށް ރިސޯޓް ހިންގާ ތްރީއޭ ކުންފުނިން ބުންޏެވެ. ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު ހަމްޒާގެ މި ރިސޯޓްގައި މިވަގުތު ހުރީ 80 ކޮޓަރިއެވެ. މި ރިސޯޓްގައި މިވަގުތު 200 އެއްހާ މުވައްޒަފުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. ނަމަވެސް ހިތާމައަކީ މި މުވައްޒަފުންގެ ތެރެއިން ދިވެހިންނަކީ އެންމެ 20 މުވައްޒަފުންނަށް ވުމެވެ.

ހޮނޑާފުށި ރިސޯޓްގެ ދިވެހިންގެ ނިސްބަތް މަދުވުމާއި އެކު ދެން ދައްކާލަން ޖެހެނީ އެތަނުގައި އޮތް ތަފާތުކުރުމުގެ އުސޫލުގެ ވާހަކައެވެ. އެތަކެއް މުހިންމު ހައްގުތަކުން ދިވެހިން މަހުރޫމްވެފައިވާ ވާހަކައެވެ.

ތިލަދުންއަށް މައުލޫމާތުދިން އެ ރިސޯޓްގެ ދިވެހި މުވައްޒަފުން ބުނީ އެތަނުގެ ދިވެހި މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ ސްޓާފް ކެންޓީނުން ލިބޭ ކޮއްތުގެ ފެންވަރު ދަށްވުން ކަމަށެވެ. އެގޮތުން ދިވެހި ކެއުން ނުލިބުމާއި، ކެންޓީނުގެ ސާފުތާހިރުކަން ކުޑަ ވާހަކަ އެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ކެންޓީނުގައި ބައެއް ކައްކާއިން ހަމައެކަނި އޭޕްރަން ލައިގެން ހުސްގަޔާ އުޅޭ ފޮޓޯއެއް ތިލަދުންއަށް ވަނީ ލިިބިފައެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއް

މީގެ އިތުރުން އެ މުވައްޒަފުންވަނީ ސާރވިސް ޗާޖްގެ ގޮތުގައި ރިސޯޓުން މުސާރައާއި އެކު ދެމުން ގެންދާ ފައިސާ ކުޑަކަން ފާާހަަގަކޮށްފައެވެ.

މި ތުހުމަތުތަކާާއި ގުޅިގެން ތިލަދުންއިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޮނޑާފުށި ރިސޯޓްގެ އެޗްއާރ މެނޭޖަރ ވިދާޅުވީ ދިވެހި މުވައްޒަފުންގެ އަދަދާއި ސާވިސް ޗާޖްގެ މައުލޫމާތު އާންމުކުރެވެން ނެތްކަމަށާއި، ކެއުމާއި ގުޅޭގޮތުން މިހާާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.

ހޮނޑާފުށި ރިސޯޓްގެ ދިވެހި މުވައްޒަފުން މިއަދު މިވަނީ އެތަކެއް ހައްގަކުން މަހުރޫމްވެފައެވެ. އެ ހައްގު ހޯދުމަށް އަޑުއުފުލޭނެ މާބޮޑު އުސޫލެއްވެސް އެ މުވައްޒަފުންނަށް ނެތެވެ. އެޗްއާރްގައި އެންމެ ދިވެއްސަކު ހުރި އިރު، ހަޅުތާލުކޮށްފިނަމަ ބައި މަދުކަމުން ގެއަށް ފޮނުވާލުމުގެ ބިރު އެބައޮތެވެ.

އެތަކެއް ޒަމާނަކަށްފަހު ޓޫރިޒަމްގެ ރަންބިސް އަޅާކުކުޅު ހދ.އަށް ލިބިއްޖެއެވެ. ނަމަވެސް މިއީ ހަަމަ ހައްގު މިންވަރު ބާވައެވެ؟