މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އުތުރުގެ ރީޖަނަލް ސެންޓަރުގެ ގޮތުގައި ކުޅުދުއްފުށި ކަނޑައަޅަން މަޝްވަރާ ކުރެވެމުން ދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ

ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްގީ ކުރަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅީ އިގްތިސާދީ ހާލަތާއި އާބާދީ އަށް ބަލައިގެން ކަމަށާއި އެ ސަރަހައްދުތައް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީއިން ވަނީ އިގްތިސާދީ ގޮތުން ރާއްޖޭގެ އެންމެ ވަރުގަދަ ފަސް ރަށް މިހާރު ކަނޑައަޅާފައެވެ. އެ ފަސް ރަށް ކެޓަގަރައިޒްކޮށްފައި ވަނީ "ރީޖަނަލް އާބަން ސެންޓަރ"ގެ ގޮތުގައެވެ.

ރީޖަނަލް ސެންޓަރުތައް:

  • ހދ. ކުޅުދުއްފުށި
  • ޅ. ނައިފަރު
  • ލ. ގަން
  • ގދ. ތިނަދޫ
  • ސ. ހިތަދޫ

އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ފަސް ރަށަށް ފަހު އެއަށް ވުރެ އިގްތިސާދީ ދިރުން ދަށް ނުވަ ރަށެއް ސެންޓްރަލް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީއިން ވަނީ ނިންމައިފައެވެ. އެއީ ސަބް ރީޖަންތަކެކެވެ.

އަސްލަމް ވިދާޅުވިގޮތުގައި މިނިސްޓްރީގެ ވިސްނުނަކީ މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ރަށްތަކުގެ ތެރޭގައި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ވިސްނައިފަ އެވެ.

އެންމެ އުތުރު ސަބް ރީޖަންގެ އެންމެ މައި ރަށް އަދި މިނިސްޓްރީއިން ނިންމާފައި ނުވެއެވެ. އެއީ އުތުރުގައި އެއްވަރަކަށް ވަރުގަދަ ދެތިން ރަށެއް ކައިރި ކައިރީގައި އޮތުމުންނެވެ.

މި ރަށްރަށްވެސް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ސެންޓްރަލް ކޮށެވެ. އެއިން ކޮންމެ ރަށެއްގެ ވަށައިގެން 35 ކިލޯމީޓަރު ތެރޭގައި ހިމެނޭ ހުރިހާ ރަށްރަށަކީ އެ ރަށާ ގުޅިގެން އެއް ޔުނިޓެއްގެ ގޮތުގައި މަސައްކަތް ކުރާ ރަށްރަށްކަމުގައިވާ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަމުން އަންނަނީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފެށިގެން އެއާޕޯޓަކާ ހަމައަށް 20 މިނެޓުން ދެވޭ ވަރަށް ސަރަހައްދުތައް ތަރައްގީ ކުރަން ވިސްނައިގެންނެވެ. އެހެންކަމުން ފަސޭހައިން ބޭނުން ކުރެވޭ، އަގުހެޔޮ، ފެންވަރު ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރަން ވިސްނާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އަދި އެ މުޅި ފެރީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ކަވަރު ކުރެވޭ ފެރީ ނެޓުވޯކަކާއި އެއް ހަބުން އަނެއް ހަބަށް ދަތުރު ކުރެވޭނެ ނެޓުވޯކުތަކާއި އެއް ހަބުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނެޓުވޯތައް ހިމެނޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މި ޕްލޭން ފައިނަލްކުރާނީ ކަމާބެހޭ ފަރާތްތަކުގެ ލަފަ އާއި މަޝްވަރާއާ އެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.